
ޕޯސްޓްމޯޓަމް ޔުނިޓް ހެދުމަށް ހުޅުމާލެ ސަހަރާ ކައިރިން ބިމެއް ---
ދިވެހިރާއްޖޭގައި ޕޯސްޓްމޯޓަމްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ލެވެލް 2 ގެ މެޑިކަލް ޔުނިޓެއް ބިނާކުރުމަށްޓަކައި، ހުޅުމާލޭ ސަހަރާ ސަރަހައްދުން ބިމެއް ކަނޑައަޅައި ހަމަޖައްސައިދީފިއެވެ.

މިއީ ރާއްޖޭގައި މިފަދަ ޚިދުމަތެއް ދިނުމަށް ގާއިމުކުރެވޭ ފުރަތަމަ މަރުކަޒެވެ.
މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވި ގޮތުގައި، މި ފެސިލިޓީ ހެދުމަށް ބޭނުންވާ ބިން މިހާރު ވަނީ ލިބިފައެވެ. އަދި އެތަނުގެ ޑިޒައިންގެ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާ ކަމަށާއި، މި ސެންޓަރުގައި ސްކޭން ކުރުން ފަދަ ޒަމާނީ ވަސީލަތްތައް ވެސް ގާއިމުކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހެލްތު މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ޔުނިޓް މެދުވެރިކޮށް ލާއިންސާނީ އަމަލުތަކާއި ބަންދުގައި ތިބޭ މީހުންނަށް ކުރިމަތިވާ އަނިޔާތައް ދެނެގަތުމުގެ އިތުރުން، އިންޝުއަރެންސްގެ ބޭނުމަށް އަނިޔާގެ މިންވަރު ވަޒަންކުރުމުގެ ޚިދުމަތް ވެސް ލިބޭނެއެވެ. މީގެ އިތުރުން މަރުވާ ސަބަބު ދެނެގަތުމަށް ހަށިގަނޑު ތަހުލީލު ކުރުމާއި، ޖިސްމާނީ އަދި ޖިންސީ ގޯނާގެ މައްސަލަތައް ބެލުމުގެ މަސައްކަތް ވެސް މިތަނުގައި ކުރިއަށްދާނެއެވެ.
ޕޯސްޓްމޯޓަމްގެ ޚިދުމަތާ ގުޅޭ ގާނޫނީ އޮނިގަނޑު 2015 ވަނަ އަހަރު އެކުލަވާލެވުނު ނަމަވެސް، މިހާތަނަށް އެކަން އަމަލީ ގޮތުން ކުރިއަށް ގެންގޮސްފައި ނުވާ ކަމަށާއި، މި ސަރުކާރުން އެ ޚިދުމަތް ގާއިމުކުރުމަށް އިސްކަންދޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި ޔުނިޓް ހުޅުވުމުގެ ކުރިން ފޮރެންސިކް ޕެތޮލޮޖީގެ ގަވާއިދުތައް ގެޒެޓް ކުރެވޭނެއެވެ. މިހާރު ރާއްޖެއިން ބޭރަށް ހަށިގަނޑު ފޮނުވައިގެން ޕޯސްޓްމޯޓަމް ހަދާއިރު، ފާއިތުވި 10 އަހަރު ތެރޭގައި 23 ހަށިގަނޑެއް ބޭރަށް ފޮނުވާފައިވެއެވެ. އަދި މިކަމަށް މީހަކަށް ގާތްގަނޑަކަށް 55،000 ރުފިޔާ ހޭދަވާ ކަމަށްވެއެވެ.
ދިވެހިރާއްޖޭގައި ޕޯސްޓްމޯޓަމްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ލެވެލް 2 ގެ މެޑިކަލް ޔުނިޓެއް ބިނާކުރުމަށްޓަކައި، ހުޅުމާލޭ ސަހަރާ ސަރަހައްދުން ބިމެއް މިހާރު ވަނީ ކަނޑައަޅާފައެވެ. މިއީ ރާއްޖޭގައި މިފަދަ ޚިދުމަތެއް ދިނުމަށް ގާއިމުކުރެވޭ ފުރަތަމަ މަރުކަޒެވެ.
މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، މި ފެސިލިޓީ ހެދުމަށް ބޭނުންވާ ބިން މިހާރު ވަނީ ލިބިފައެވެ. އަދި އެތަނުގެ ޑިޒައިންގެ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާ ކަމަށާއި، މި ސެންޓަރުގައި ސްކޭން ކުރުން ފަދަ ޒަމާނީ ވަސީލަތްތައް ވެސް ގާއިމުކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.







