logoEN
WAMCO TOP 1
ޗައިނާގައި ބޭއްވި ކްލައިމެޓް ޗޭންޖް ވޯކްޝޮޕްގައި ރާއްޖޭގެ ތަޖުރިބާ ހިއްސާކޮށްފި

ޗައިނާގައި ބޭއްވި ކްލައިމެޓް ޗޭންޖް ވޯކްޝޮޕްގައި ރާއްޖޭގެ ތަޖުރިބާ ހިއްސާކޮށްފި

# ޗައިނާ# އެންވަޔަރަމަންޓް މިނިސްޓްރީ

ފޮޓޯ: މިނިސްޓްރީ

ޗައިނާގެ ވޫހޫގައި ދާދިފަހުން ބޭއްވި ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ) ގެ "ކޮންސަލްޓޭޓިވް ގްރޫޕް އޮފް އެކްސްޕާޓްސް" (ސީ.ޖީ.އީ) ޓްރެއިނިންގް ވޯކްޝޮޕްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

THE TRAVELLER AD

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓުން މި ބައްދަލުވުމުގައި ރާއްޖެ ތަމްސީލުކުރިއެވެ. މި ވޯކްޝޮޕަކީ މޫސުމީ ބަދަލުތަކާ ގުޅޭ މަސައްކަތްތަކުގައި ޤައުމުތަކުގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ ސީނިއާ އެންވަޔަރަންމަންޓް މެނޭޖްމަންޓް އޮފިސަރު ރާނިޔާ ހުސްނުއްސުއޫދެވެ. ރާނިޔާ ވަނީ ޕެރިސް އެގްރީމަންޓްގެ ދަށުން ރާއްޖެއިން ތައްޔާރުކުރާ ފުރަތަމަ "ބައިއީނިއަލް ޓްރާންސްޕޭރެންސީ ރިޕޯޓް" ތައްޔާރުކުރުމުގައި ރާއްޖެއިން ކޮށްފައިވާ ތަޖުރިބާތައް އެހެން ޤައުމުތަކާ ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން، ސަރަޙައްދީ އެހެން ޤައުމުތަކުގެ މަންދޫބުންނާ އެކު މަޢުލޫމާތު ބަދަލުކޮށް، ކުރިމަގުގައި ހުށަހަޅަންޖެހޭ ރިޕޯޓުތައް ފުރިހަމައަށް ތައްޔާރުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ތަމްރީނު މި ބައްދަލުވުމުގެ ތެރެއިން ވަނީ ހޯދާފައެވެ.

މިފަދަ ބައިނަލްއަޤްވާމީ މައިދާންތަކުގައި ރާއްޖެއިން ބައިވެރިވުމުގެ މައިގަނޑު މަޤްޞަދަކީ، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހާމަކުރުމާއި، ދުނިޔޭގެ ފެންވަރުގައި މިދާއިރާގައި ހިނގާ މުހިންމު ނިންމުންތަކުގައި ރާއްޖޭގެ ދައުރު ފުޅާކުރުމެވެ.

ކޮމެންޓް
ފަހުގެ
HDC