logoEN
WAMCO TOP 1
ރާއްޖެއާއި ތުރުކީ އާ ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފެށުން - 75 ބާވަތަކުން ޑިއުޓީ މައާފުވާނެ

ރާއްޖެއާއި ތުރުކީ އާ ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފެށުން - 75 ބާވަތަކުން ޑިއުޓީ މައާފުވާނެ

# ތުރުކީ# އިކޮނޮމިކް މިނިސްޓްރީ# މުހައްމަދު ސައީދު

ޕީޓީއޭ އެއްބަސްވުމުގައި ސޮއި ކުރުން

ރާއްޖެއާއި ތުރުކީ އާ ދެމެދު ސޮއިކުރި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަށް ޢަމަލުކުރަން ފަށައިފިއެވެ.

THE TRAVELLER AD

މިކަން ހާމަކޮށް އިނޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު 'އެކްސް' ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ޕީޓީއޭ އަށް ޢަމަލުކުރަން ފެށުމާއެކު 85 މިލިޔަނަށްވުރެ ބޮޑު މާކެޓަކަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމުގެ މަގުފަހިވެގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް އަމަލުކުރަން ފެށިގެންދިއުމަކީ، ދެ ޤައުމުގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުމުގައި ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ގެންގުޅުއްވާ ތަޞައްވުރުގެ ތެރެއިން ޙާސިލްކުރެވުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައިވެސް ސިފަކުރެއްވިއެވެ.

މިއެއްބަސްވުމުގެ ދަށުން 75 ބާވަތަކުން ނަގަމުން ދިޔަ ޑިއުޓީ މައާފުވާނެކަމަށާއި މިއީ ދިވެހި ވިޔަފާރިތަކަށް ތުރުކީގެ އުފެއްދުންތަކާއި މުދާ ހޯދުމުގައި ފަސޭހަތަކެއް ލިބޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ. އެ ޕޯސްޓުގައި މިއަދު ޢަމަލުކުރަން ފެށި ވިޔަފާރީގެ މިއެއްބަސްވުމުގެ މައްޗަށް ބިނާކޮށް ދެ ގައުމުގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރިއަށްްއޮތްތަނުގައި މަސައްކަތް ކުރައްވާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއާއި ތުރުކީއާ ދެމެދު ކަނޑައެޅޭ ވަކި މުދާތަކެއްގެ ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ފެށީ، މިދިޔަ އަހަރު ފަހުކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެއްވި މަޝްވަރާތަކަށް ފަހުއެވެ. މިއެއްބަސްވުމަށް ޢަމަލުކުރަން ފެށުމަށްޓަކައި ދިވެހިރާއްޖެ އާއި ތުރުކީވިލާތުގެ ސަރުކާރުން ފުރިހަމަ ކުރަންޖެހޭ ޤާނޫނީ އިޖުރާޢަތުތައް ފުރިހަމަކޮށް، ފައިނަލް ނޮޓިފިކޭޝަން ލިޔުން ދެ ޤައުމުގެ ދެމެދުގައި މިހާރު ވަނީ ބަދަލުކުރެވިފައެވެ.

ތުރުކީ އާއެކު އެކުލަވާލާފައިވާ މި އެއްބަސްވުމަށް އަމަލުކުރަންފެށުމަކީ، ޔޫރަޕުގެ މާކެޓަށް ދިވެހިން ވަނުމަށް އެޅުނު ފާލަމެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން 90 މިލިޔަން މީހުންގެ މާކެޓަކަށް ވަނުމުގެ ފުރުސަތު މިހާރު ދިވެހިންނަށް ހުޅުވިފައިވާއިރު، އެޤައުމަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ލުއި ހޯދާދިނުމުގެ އިތުރުން ވިޔަފާރީގެ ހުރަސްތައް ކުޑަކުރެވި، ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމާއި، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ކުރެވޭ ވިޔަފާރި އިތުރުކުރުމަށް މަގުފަހިވާނެއެވެ.މީގެ އިތުރުން، މިއެއްބަސްވުމަށް އަމަލުކުރަން ފެށުމަކީ ދިވެހިރާއްޖޭން މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ތުރުކީވިލާތުގެ މާކެޓްގައި ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ފަހިކުރެވި، ދިވެހިރައްޔިތުންނާއި ވިޔަފާރިތަކަށް ތުރުކީވިލާތުގެ އުފެއްދުންތައް އަގުހެޔޮކޮށް ލިބުމުގެ ފުރުސަތު ފަހިވާނެކަމެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ކޮމެންޓް
ފަހުގެ
HDC