
ކ. ކާށިދޫއަށް ވިއްސާރަ ކުރަނީ. -- ފޮޓޯ: ގާފު
ދިވެހިރާއްޖޭގެ ގިނަ ސަރަޙައްދުތަކަކަށް މޫސުން ގޯސްވާނެކަމަށް ބަލައި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ކުރިން ނެރުނު ރީނދޫ ސަމާލުގެ މުއްދަތު އިތުރުކޮށްފިއެވެ.

މޫސުމާ ބެހޭ އޮފީހުން މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅާއި ފ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. މި ސަމާލުގެ މުއްދަތު މިހާރު ވަނީ މިއަދު މެންދުރުފަހު 15:30 އާ ހަމައަށް ދަންމާލާފައެވެ.
އެ އިދާރާގެ ލަފާކުރުންތަކަށް ބަލާއިރު، މި ވަގުތުތަކުގައި އާންމުކޮށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުތަކުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށްވެސް އެ އިދާރާއިން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށްވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، އެ ސަރަޙައްދުތަކަށް މިހާރު ވަނީ ހުދު ސަމާލު ނެރުމަށް ނިންމާފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނާ ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ އަސަރެވެ. ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ ލޯ ޕްރެޝަރ ޓްރަފެއްގެ ސަބަބުން، ހުޅަނގު ފަރާތުގައި ބޯ ވިއްސާރަވިލާ އުފެދި، އެކި ހިސާބުތަކުގައި ކޮޅިގަނޑުތައް އުފެދެމުންދާކަން އެ އިދާރާއިން ފާހަގަކުރެއެވެ.
ކަނޑުތައް ގަދަވެ މޫސުން ގޯސްވާނެތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށާއި، ދަތުރަށް ފެށުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މަޢުލޫމާތު އޮޅުންފިލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އެދިފައެވެ.







