logoEN
WAMCO TOP 1
ރައީސްގެ 5 މިލިޔަން  ގަސް އިންދުމުގެ ޕްރޮގްރާމް: މިހާތަނަށް އިންދި ގަހުގެ އަދަދު 2 މިލިޔަނަށް ގާތްކުރޭ

ރައީސްގެ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް: މިހާތަނަށް އިންދި ގަހުގެ އަދަދު 2 މިލިޔަނަށް ގާތްކުރޭ

# ރައީސް މުއިއްޒު# މިނިސްޓަރު އަލީ ޝަރީފް# މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ# 5 މިލިއަން ގަސް މަޝްރޫއު

ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް އިންދި ގަހުގެ އަދަދު 2 މިލިޔަނާ ގާތްކުރާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

THE TRAVELLER AD

މި ޕްރޮގްރާމް ރަސްމީކޮށް މިދިޔަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު އިފްތިތާހްކޮށް، މި އަހަރުގެ ތެރޭގައި 2 މިލިޔަން ގަސް އިންދުމަށް އަމާޒު ހިފާފައިވާއިރު، މިހާތަނަށް 1.6 މިލިޔަން ގަސް އިންދާފައިވާކަމަށް ވުޒާރާއިން ފާހަގަކުރި އެވެ.

މި ޕްރޮގްރާމްގެ ދަށުން ބަންގްލަދޭޝަންއިން ރާއްޖެއަށް 20000 ގަސް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް ވަނީ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ މުހިންމުކަން ހާމަކުރައްވާފަ އެވެ.

ވަޒީރު ވިދާޅުވީ މާލެ ސަރަހައްދުގައި އާންމުން ދިއިރުޅުމަށް ބިން ހިއްކާ، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާއިރު އެތަންތަން ފެހިކުރުމަކީ ކުރިއަށް އޮތް ޖީލަށް ކޮށްދޭންޖެހޭ ކަމެއްކަމަށެވެ. އަދި ރާއްޖެފަދަ ނާޒުކު ތިމާވެއްޓެއް އޮތް ޤައުމެއްގެ މުސްތަޤްބަލަށްޓަކާ ކުރާ ރަނގަޅު އިންވެސްޓްމެންޓުގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވި އެވެ. 5 އަހަރު ތެރޭގައި 5 މިލިޔަން ގަސް އިންދުމަކީ ގޮންޖެހުން ބޮޑު މަސައްކަތެއްކަމަށްވީ ނަމަވެސް އެ އަމާޒަށް ވާސިލްވާނެކަމުގެ އުއްމީދު ވަރަށް ބޮޑުކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.

"ހިއްކާ ބިންތަކަކީ ހުސް ބިންތަކަކަށް ވުމުގެ ބަދަލުގައި އެތަންތަން ފެހިވުން މުހިންމު. 5 އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ އަމާޒަށް ވާސިލްވެވޭނެ. އެ ޔަޤީންކަން ވަރަށް ބޮޑަށް އެބައޮތް." މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވި އެވެ.

މީގެއިތުރުން ވަޒީރު ވިދާޅުވީ މި ޕްރޮގްރާމް މެދުނުކެންޑި ކުރިއަށްދާކަން ޔަގީންކުރުމަށް ގަސް އިންދުމަށް ނާސަރީތަކެއް ގާއިމްކޮށް، އެ ނިޒާމް ހަރުދަނާކަމާއެކު ކުރިއަށް ގެންދާކަމަށެވެ. އެގޮތުން ކައުންސިލްތަކަށް ސަރުކާރުން ފަންޑުދީގެން ނާސަރީތަކުގެ މަސައްކަތްކުރިއަށް ގެންދިއުމަކީ، އެ ނާސަރީތައް މެދުވެރިކޮށް ދެމެހެއްޓެނެވި ގޮތެއްގައި ގަސް ލިބިލިބި ހުންނާނެ އިންތިޒާމެއް ހަމަޖެއްސުމަށް ކުރި މުހިންމު މަސައްކަތެއްކަމަށް ވަޒީރު ވިދާޅުވި އެވެ.

މި ޕްރޮްގރާމްގެ ތެރެއިން 1 މިލިޔަން ގަސް އިންދުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރަމުންދާއިރު، އެހެނިހެން ކުންފުނިތަކާއި، މުއައްސަސާތަކާއި، އިދާރާތަކުގެ އިތުރުން ރާއްޖެއިން ބޭރުގެ އެހީތެރިކަމާއެކުވެސް މަސައްކަތްތައްދަނީ ކުރަމުންނެވެެ.

ވަޒީރު ފާހަގަކުރެއްވީ މިއީ ގަހުގެ އިލްމު ހޯދާ އެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާ ރަނގަޅު ފުރުސަތަކަށްވާއިރު، މިދާއިރާއިން ކުރިއަށްދާން ޝައުގުވެރިވާ ފަރާތްތަކަށް މި މަޝްރޫޢުގެ ތެރެއިން ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށެވެ.

މުޅި ރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢެއް ކުރިއަށްގެންދަވާނެކަމަށް ރައީސް އިޢުލާންކުރެއްވީ، 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު ކޮޕް 28ގައި ތަގްރީރުކުރައްވަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC