
އުމްރާގެ ކަންކަމަށް 1 އަހަރުގެ ހާއްސަ ވިސާއެއް ސައުދީ އިން ތައާރަފް ކުރަނީ
# ސައުދީ އަރަބިއްޔާ# އުމްރާ# އުމްރާގެ އަޅުކަންމާތްވެގެންވާ ޙަރަމްފުޅު
އުމްރާގެ ކަންކަމަށް 1 އަހަރުގެ ހާއްސަ ވިސާއެއް ސައުދީ އިން ތައާރަފް ކުރަން ސައުދީ ސަރުކާރުން ނިންމައިފިއެވެ.

ސައުދީ ނޫސްތަކުގައި ބުނެފައިވާ ގޮތުން މިއީ ސައުދީ އަރަބިއްޔާ އަށް އެކި ފަހަރު މަތިން އެތެރެވޭ ގޮތަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ހާއްސަ އުމްރާ ވިސާއެއް ކަމަށެވެ.
އެގައުމުގެ ހައްޖާއި އުމްރާއާ ބެހޭ މިނިސްޓްރީން ބުނީ މިއީ އުމްރާވެރިންނަށް ލުއިފަސޭހަކޮށްދިނުމަށާއި ސައުދީ ވިޝަން 2030 އަދި "ޕިލްގްރިމް އެކްސްޕީރިއަންސް ޕްރޮގްރާމް"ގެ މަގުސަދުތައް ހާސިލުކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. އަލަށް ތައާރަފުކުރި ވިސާ ދޫކުރާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހަށް އެ ވިސާގައި ސައުދީއަށް އެތެރެވެވޭނެ ކަމަށެވެ.
އެހެންނަމަވެސް މެދުނުކެނޑި ތިބެވޭނީ ގިނަވެގެން 90 ދުވަހުގެ މުއްދަތަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ކޮންމެ ދަތުރަކަށް ވެސް ސައުދީ ސަރުކާރުން ހުއްދަ ދީފައިވާ ފަރާތްތަކުން "ނުސުކް" ޕްލެޓްފޯމް މެދުވެރިކޮށް ހިދުމަތްތަކުގެ ޕެކޭޖެއް ގަންނަން ޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
ސައުދީ އިން ހާމަކޮށްފައިވަނީ އެތެރެވުމުގެ ކުރިން "ނުސުކް" އެޕްލިކޭޝަން މެދުވެރިކޮށް އުމްރާވުމުގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށާއި ކޮންމެ ދަތުރެއް ނިންމައި ފުރައިގެން ދިއުމުން ވިސާ ޑީއެކްޓިވޭޓްވާނެ ކަމަށެވެ. އަދި ޖެހިގެން އަންނަ ދަތުރަށް ބޭނުންވާ ޝަރުތުތައް ހަމަކުރުމުން އަލުން އެކްޓިވޭޓްވާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
ހައްޖާއި އުމްރާ މިނިސްޓްރީން ބުނެފައިވަނީ މި ވިސާގައި ހައްޖު މޫސުމުގެ ދުވަސްވަރު ސައުދީއަށް އެތެރެއެއް ނުވެވޭނެ ކަމަށާއި ކޮންމެ ހިޖުރީ އަހަރެއްގެ ޒުލްގައިދާ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޒުލްހިއްޖާ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެ ވިސާ މެދުކަނޑާލާނެ ކަމަށެވެ. މީގެ އިތުރުން އަލަށް ތައާރަފުކުރި ވިސާގެ ސަބަބުން ހައްޖާއި އުމްރާ ދަތުރުތައް ރޭވުމުގައި އާންމުންނަށް ބޮޑެތި ލުއިތަކެއް ލިބި، ޑިޖިޓަލް އަދި އޮޕަރޭޝަނަލް ހިދުމަތްތައް އިތުރަށް ހަރުދަނާވާނެ ކަމަށް ގަބޫލުކުރާކަމަށް ވެސް ބުނެފައި ވެއެވެ.
ގުޅުންހުރި

އުމްރާގެ ކަންކަމަށް 1 އަހަރުގެ ހާއްސަ ވިސާއެއް ސައުދީ އިން ތައާރަފް ކުރަނީ

ސައުދީގައި އެއް އަހަރު ދުވަހަށް ހިންގާ ކައުންޓަރ ޓެރަރިޒަމް ޕްރޮގްރާމުން ދިވެހި ދެ ފުލުހަކަށް ޖާގަ ލިބިއްޖެ!
ދަތުރުވެރިޔާގެ ހަވާލުގައި ޖުލައި މަހު އުމްރާއަށް ދިޔަ ފަހު ގްރޫޕު ފުރައިފި




