
25 ރަށެއްގައި ސޯލާ ހައިބްރިޑް ނިޒާމުތައް ސަރުކާރުން އިފްތިތާހްކޮށްފި
# މިނިސްޓަރު އަލީ ޝަރީފް# މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތާއި ބެހޭ ވަޒީރު25 ރަށެއްގައި ސޯލާ ހައިބްރިޑް ނިޒާމުތައް އިފްތިތާހްކުރުމުގެ ތެރެއިން- ފޮޓޯ: މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތާއި ބެހޭ ވުޒާރާ
ދިވެހި ސަރުކާރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) ގުޅިގެން ރ. އަތޮޅާއި ބ.އަތޮޅުގެ 25 ރަށެއްގައި ގާއިމްކުރި 6.4 މެގަވޮޓުގެ ސޯލާ ފޮޓޯވޮލްޓައިކް (ޕީވީ) ހައިބްރިޑް ކަރަންޓުގެ ނިޒާމުތައް އިފްތިތާހްކޮށްފި އެވެ.

ރ.ކިނޮޅަހުގައި އޮތް ހާއްސަ ރަސްމިއްޔާތުގައި މިކަން ރަސްމީކޮށް ފައްޓަވައިދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތާއި ބެހޭ ވަޒީރު އަލީ ޝަރީފެވެ.
މި ރަސްމިއްޔާތުގައި އެ ވުޒާރާގެ އިސްވެރިންގެ އިތުރުން ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު އަފީފު ހުސެއިން އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަކީބު ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި މާލީ ކަންކަމާއި ބެހޭ މިނިސްޓްރީގެ ބޭފުޅުންގެ އިތުރުން ކިނޮޅަހު ކައުންސިލުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ.މުއާވިއަތު މުހައްމަދު ވިދާޅުވީ ސޯލާ ބޭނުންކޮށްގެން ހަކަތަ އުފެއްދުމުގައި ރާއްޖެއިން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ރައްޔިިތުންނަށް ވަރަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާ މުއާވިއަތު ވިދާޅުވީ މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލުއިވާނެކަމާއި، ޖީޑީޕީއިން އަހަރުން އަހަރަށް ތެލަށް ކުރާ ހޭދަ ކުޑަ ކުރެވޭނެ ކަމަށެވެ.
މިއަހަރު ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި މި މަސައްކަތް ފެށޭނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި މި މަސައްކަތް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފުޅާކުރެވޭނެ ކަމަށް މުއާވިއަތު ވިދާޅުވި އެވެ. އަދި މި ނިޒާމުތަކުން އަހަރަކު 10.4 ގިގަވޮޓް އަވާގެ ސާފު ހަކަތަ އުފައްދާނެކަމާއި، މީގެ ސަބަބުން އަހަރަކު 3 މިލިޔަނަށްވުރެ ގިނަ ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި، ޖައްވަށް ދޫކުރާ ކާބަންޑައިއޮކްސައިޑުގެ މިންވަރު 8،400 މެޓްރިކް ޓަނުން މަދުކުރެވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.
މި ނިޒާމް އިފްތިތާޙު ކުރި ރަށްތައް މިއީ، ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން އިތުރު ކުރުމަށާއި، ރާއްޖެއަށް އެތެރެކުރާ ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ އިތުރުން ތިމާވެށީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ. މިއީ، "ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމެންޓް" (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން ކުރިއަށްދިޔަ މުހިންމު މަސައްކަތެކެވެ.
މި ނިޒާމު އިފްތިތާހްކުރި ރަށްތައް:
- ރ. އަލިފުށި
- ރ. ވާދޫ
- ރ. ރަސްގެތީމު
- ރ. އަނގޮޅިތީމު
- ރ. މާކުރަތު
- ރ. ރަސްމާދޫ
- ރ. އިންނަމާދޫ
- ރ. މަޑުއްވަރީ
- ރ. އިނގުރައިދޫ
- ރ. ފައިނު
- ރ. މީދޫ
- ރ. ކިނޮޅަސް
- ރ. ހުޅުދުއްފާރު
- ބ. ކުޑަރިކިލު
- ބ. ކަމަދޫ
- ބ. ކެންދޫ
- ބ. ކިހާދޫ
- ބ. ދޮންފަނު
- ބ. ދަރަވަންދޫ
- ބ. މާޅޮސް
- ބ. އޭދަފުށި
- ބ. ތުޅާދޫ
- ބ. ހިތާދޫ
- ބ. ފުޅަދޫ
- ބ. ފެހެންދޫ
މި ނިޒާމް އިފްތިތާހްކުރި ރަށްތަކާއެކު ޖުމްލަ 97 ރަށެއްގައި ޕޮއިސްޑް ޕްރޮޖެކްޓުގެ ދަށުން މަސައްކަތް ނިމި، ޖުމްލަ 19.8 މެގަވޮޓުގެ ސޯލާ ޕީވީ ކެޕޭސިޓީއާއި 20.6 މެގަވޮޓު އަވަރގެ ބެޓަރީ ސްޓޯރޭޖް ގާއިމުކޮށް ނިމި ބޭނުން ކުރަމުންދާނެ އެވެ.
މީގެ އިތުރުން 23 ރަށެއްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެ މަސައްކަތްތައް 2027 ވަނަ އަހަރު ނިމޭނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.
މި މަޝްރޫއުގެ މަގްސަދަކީ ރާއްޖޭގެ 160 ރަށެއްގައި ގާއިމުކޮށްފައިވާ ޑީސަލުން ކަރަންޓު އުފައްދާ ނިޒާމުތައް ސޯލާ ޕީވީ ހައިބްރިޑް ނިޒާމުތަކަކަށް ބަދަލު ކުރުމެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް 72 ރަށެއްގެ މަސައްކަތް ނިމި، އެ ރަށްރަށުގައި އަންނަނީ ހައިބްރިޑް ނިޒާމުތައް ބޭނުން ކުރަމުންނެވެ. މި ރަށްތަކުގައި ޖުމްލަ 13.4 މެގަވޮޓު ޕީކުގެ ސޯލާ ޕީވީއާއި، 10.6 މެގަވޮޓު އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) ގާއިމުކުރާނެ އެވެ. އަދި މިސިސްޓަމްތަކަށް ބޭނުންވާ އެނާޖީ މެނޭޖްމަންޓް ސިސްޓަމް (އީއެމްއެސް) ހަރުކުރުމުގެ އިތުރުން އެކަމަށް ބޭނުންވާ ގްރިޑް އަޕްގްރޭޑްކުރުންވެސް މީގެތެރޭގައި ހިމެނެ އެވެ. އަދި 27 މެގަވޮޓުގެ ޑީސަލް ޖަނަރޭޓަރުވެސް ވަނީ ފޯރުކޮށްދީފަ އެވެ.ޕޮއިސްޑް ޕްރޮޖެކްޓަކީ، ގައުމީ ހަކަތައިގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އެހީތެރިވެދޭ މަޝްރޫޢެކެވެ. ދިވެހި ސަރުކާރުގެ އަމާޒަކީ، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ، އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމެވެ. މިއީ، ރާއްޖޭގެ "ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަން" (NDC) ގައިވެސް ހިމަނާފައިވާ މުހިންމު ލަނޑުދަނޑިއެކެވެ.




