
އީރާނުގެ ނިއުކްލިއާ ޕްލާންޓަކަށް ހަމަލާދިން ކަމަށް ބުނެފި، މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެއްޖެ
# އީރާން-އެމެރިކާއީރާނުގައި އަޅަމުންދާ ނިއުކްލިއާ ޕަވަރ ޕްލާންޓަކަށް އެމެރިކާއިން ހަމަލާދީފައިވާ ކަމަށް އެ ގައުމުން ތުހުމަތުކޮށްފިއެވެ.

މި ހަމަލާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ވަނީ އިތުރަށް ހޫނުވެފައެވެ. ހަމައެއާއެކު، ކުވެއިތުން ބުނެފައިވަނީ ފާއިތުވި ދެ ދުވަސް ތެރޭގައި ދެވަނަ ފަހަރަށް އެ ގައުމުގެ ކަރަންޓު އުފައްދާ އަދި ފެން މީރުކުރާ ޕްލާންޓަކަށް ހަމަލާ އަމާޒުވެފައިވާ ކަމަށެވެ.
މި ހާދިސާތަކާ ގުޅިގެން އުރުދުންގައި ހުންނަ އެމެރިކާގެ އެމްބަސީން ވަނީ އެ ގައުމުގައި ތިބި އެމެރިކާގެ ރައްޔިތުންނަށް ސަލާމަތީ އިންޒާރެއް ނެރެފައެވެ. އެމްބަސީން ބުނެފައިވަނީ "ވަކި ޚާއްޞަ އަދި އިތުބާރު ހުރި ނުރައްކަލެއް" އޮތުމުގެ ސަބަބުން، އަޤަބާ ސިޓީގެ އެއާޕޯޓަށް ނުވަތަ ބަނދަރަށް ނުދިއުމަށް އެމެރިކާގެ ރައްޔިތުންނަށް ވަރުގަދައަށް އިރުޝާދުދޭ ކަމަށެވެ.
މި އިންޒާރު ދީފައިވަނީ އުރުދުންގައި ހުންނަ އަސްކަރީ މަރުކަޒަކަށް އީރާނުން ދިން ހަމަލާއެއްގައި އެމެރިކާގެ ދެ ސިފައިން މަރުވެ، އެކަކު ގެއްލި، އަދި އިތުރު ބަޔަކު ޒަޚަމްވުމާ ގުޅިގެންނެވެ. މިއީ ސަރަހައްދީ ހަމަނުޖެހުންތަކުގެ ތެރެއިން އެމެރިކާގެ އަސްކަރިއްޔާއަށް ލިބުނު ބޮޑު ގެއްލުމެކެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިކަމާ ގުޅޭގޮތުން ވިދާޅުވީ އެމެރިކާ ސިފައިންގެ މަރުތަކަކީ "ވަރަށް ހިތާމަވެރި ކަމެއް" ކަމަށެވެ. އަދި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ "އީރާނަށް ނިއުކްލިއާ ހަތިޔާރެއް ހޯދުމުގެ ފުރުސަތު ދުވަހަކުވެސް ނުދޭނެ" ކަމަށެވެ.
އަނެއްކޮޅުން އީރާނުގެ އިސް ކޮމާންޑަރަކު ވަނީ އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ "އެއްވެސް ކަހަލަ އުދުވާނީ ނުވަތަ އަނިޔާވެރި އަމަލަކަށް، ސިފައިންގެ ފަރާތުން ވަރުގަދަ އަދި ބިރުވެރި ރައްދެއް ދޭނެ" ކަމަށެވެ. މި ބަޔާންތަކާއެކު ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ނުތަނަވަސްކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.




