
ފޮޓޯ: މާރެސް
ބ. މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރމަންޓް ސޮސައިޓީ (މާރެސް) އިން ބާއްވަމުން އަންނަ "މާރެސް އިންވިޓޭޝަންކަޕް ވޮލީބޯޅަ މުބާރާތް 2026 " ގެ ގުރުއަތުލުން ބާއްވައިފިއެވެ.

ޖުލައި 20 ގައި ފެށުމަށް ތައްޔާރު ވަމުން އަންނަ މި މުބާރާތުގައި ކޮންމެ ދުވަހަކު ވެސް ދެ މެޗު ކުޅުމަށް ވަނީ ނިންމާފައެވެ. އެގޮތުން ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ނިންމާފައިވަނީ ކޮންމެ ރެއެއްގެ 20:15 އަދި 21:45 ގައެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި 20 ވަނަ ދުވަހުގެ ރޭ ބައްދަލުކުރާނީ ކަމަދޫ ވޮލީ ޓީމާ، މަދިރި ޔުނައިޓެޑެވެ. ދެވަނަ މެޗުގައި 21:45 ގައި ވާދަކުރާނީ ޓީމު ފުޅަފި އަދި ނައިބޮލި ޓީމެވެ. ދެވަނަ ރޭގެ މެޗުތަކަށް ބަލާއިރު، ފުރަތަމަ މެޗުގައި ފިނޮޅު ޓީމުން ވޮލީ ޓީމާ ދެކޮޅަށް ނުކުންނައިރު، ފޯ ސީޒަން ލަނޑާ ގިރާވަރު ނުކުންނާނީ ސޮނެވާ ފުއްޓާ ދެކޮޅަށެވެ.
މި މުބާރާތުގެ ސެމީ ފައިނަލަށް ދާނީ އެންމެގިނަ ޕޮއިންޓު ހޯދާ 4 ޓީމެވެ. ސެމީގެ މެޗުތައް ކުޅޭނީ ޖުލައި 26 ވަނަ ދުވަހުގެ ރޭގައެވެ. މި މެޗުތައް ވެސް ފަށާނީ 20:15 ގައެވެ. ފައިނަލް މެޗު ކުޅޭނީ ޖުލައި 28 ވަނަ ދުވަހުގެ ރޭގައެވެ. ފައިނަލު މެޗު ފަށާނީ 20:30 ގައެވެ.
މިއީ ބ. އަތޮޅުގެ ރިޒޯޓް ތަކަށާއި އަތޮޅާއި އަތޮޅުން ބޭރުގެ ބައެއް ރަށްތަކަށް ދައުވަތު ދީގެން، މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރމަންޓް ސޮސައިޓީ (މާރެސް) ގެ ފަރާތުން އިންތިޒާމުކޮށްގެން 2022 ވަނަ އަހަރުންފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ. އެހެން ނަމަވެސް މިއަހަރުގެ މުބާރާތުގައި އަތޮޅުގެ ރަށްތަކުންނާއި ރިޒޯޓްތަކުގެ އިތުރުން ކައިރި އެހެން އަތޮޅުތަކުގެ ރަށްރަށަށްވަނީ ދައުވަތުފޮނުވާފައެވެ.
މާރެސް އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އަތޮޅު ވޮލީބޯޅަ މުބާރާތާއި ރަށު ވޮލީބޯޅަ މުބާރާތާއި އަދި ބ. އަތޮޅުރިޒޯޓްތަކަށް ހާއްސަކޮށްގެންބާއްވަމުން އަން މުބާރާތް ވެސް މިއަހަރުން ފެށިގެން ވަނީ އެއްމުބާރާތެއްގެ ގޮތުގައި ބަދަލުކޮށްފައެވެ. މިއީ މުބާރާތުގެ ފެންވަރު ރަނގަޅުކޮށް ވާދަވެރިކަން އިތުރުކުރުމާއެކު ގިނަ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ބޭނުމުގައި ނިންމިގޮތެކެވެ.
މިއަހަރުގެ މުބާރާތުގައި 8 ޓީމަކުންވާދަކުރާނެއެވެ. އެއީ އަތޮޅުގެ ރިޒޯޓުތަކުން 3 ޓީމަކާއި ބ. އަތޮޅުގެ 4 ޓީމަކާއި އަދި ޅ.އަތޮޅުން ނައިފަރުން ޓީމެކެވެ. ބ. އަތޮޅުން ބައިވެރިވީ ކަމަދޫ، ފުޅަދޫ އަދި މާޅޮހުން 2 ޓީމެވެ. އަތޮޅުގެ ރިސޯޓުތަކުގެ ތެރެއިން ފޯސީޒަން ލަނޑާ ގިރާވަރު، ފިނޮޅު މޯލްޑިވްސް، ސޮނެވާފުށި ބައިވެރިވިއިރު، ނައިފަރުން ބައިވެރިވެފައިވަނީ އެރަށު ނައިބޮލި ވޮލީޓީމެވެ.
މިމުބާރާތުގެ ޗެމްޕިއަންކަން 2022 ވަނަ އަހަރު ހޯދާފައިވަނީ ދުސިތު ތާނީ މޯލްޑިވްސް، އަދި 2023 ވަނަ އަހަރު ވައްކަރު މޯލްޑިވްސް، 2024 ވަނަ އަހަރު ފިނޮޅު ހޯދިއިރު 2025 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރީ އަމިއްލަފުށްޓެވެ. މިމުބާރާތުގައި ގައުމީ ލެވެލްގެ ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންގެ ކުޅުންވެސް ފެނިގެންދާނެއެވެ. އެހެންކަމުން މިމުބާރާތް ވެގެންދާނީ އަތޮޅުތަކުގައިބާއްވާ މުބާރާތްކުތެރެއިން އެންމެ ވަރުގަދަ އެއް މުބާރާތަށެވެ. އަދި ހާއްސަކޮށް ބ. އަތޮޅުގައި ބާއްވާ އެންމެބޮޑު އަދި އަތޮޅުގެ ރަށްތަކުން ވާދަކުރާ ހަމައެކަނި ވޮލީ މުބާރާތަށެވެ.
ގުޅުންހުރި

މާރެސް އިންވިޓޭޝަންކަޕް ވޮލީބޯޅަ މުބާރާތުގެ ގުރުއަތު ލައިފި

މާރެސް އިންވިޓޭޝަންކަޕް ވޮލީބޯޅަ މުބާރާތުގައި މިއަހަރު 8 ޓީމު

ޖިނާޢީ ކުށެއް ނެތް ރަށެއްގެ ގޮތުގައި ބ. މާޅޮސް ވެގެންދާނެ، އެކަމަށް ޝައްކެއް ނެތް: ވަޒީރު




