
ފޮޓޯ: ޕޮލިސް
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އާމިނަތު ރޫނާ، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އޭނާ ހައްޔަރުކުރީ ވައިގެމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ. އަދި އޭނާ ހައްޔަރުކުރީ މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.
ރޫނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އެކި ފަހަރު މަތިން ކޯޓަށް ހާޒިރުކޮށް، ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ. ނަމަވެސް އިއްޔެ މެންދުރު ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ނެރެފައެވެ. އެއީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ބާވަތަށް ބަލާފައެވެ.
މި މައްސަލައިގައި ރޫނާގެ އިތުރުން ގ. މުތީގެއާގެ، އަލްޔާ ޝަރްސާ ނަސީރު (25އ) ވެސް ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، އަލްޔާ ހައްޔަރުކޮށްފައިވަނީ އޭޕްރިލް މަހުގެ 17 ވަނަ ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ރޫނާ ހައްޔަރުކޮށްފައިވަނީ ހަމަ އެ ރޭ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހުޅުމާލޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި ދެ މީހުންނަކީ ވެސް ރާއްޖެއަށް ފުޅާދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކުރުމުގެ ނެޓްވޯކަކާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވޭ ދެ މީހުންނެވެ.ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.




.png&w=3840&q=75)

