
ސިހުރުހާހޫރައިގެ ނުބައިކަމާއި އޭގެ ނުރައްކަލުގެ މައްޗަށް މިއަދުގެ ހުކުރު ޚުޠުބާގައި އަލިއަޅުވާލައިފި
# ޚުޠުބާ# ދީނީ މަޢުލޫމާތު# ހުކުރު ދުވަސް# ސިހުރުހާހޫރަށ. ފުނަދޫގައި ގަހަކަށް ސިހުރު ހަދާފައި ހުރި ކަމަށް ބުނެ ސިހުރު ހެދިތަކެތި ނަގަނީ ---
ސިހުރުހާހޫރައަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ، އިސްލާމްދީނުން ބޭރުވާ ފަދަ ޝިރުކުގެ ޢަމަލެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ.

ސިހުރަކީ ކީރިތި ޤުރްއާނާއި ސުންނަތުން އެއީ ޙަޤީޤަތެއްކަން ސާބިތުވާ ކަމެއްކަން ފާހަގަކުރައްވައި، ސިހުރުވެރިންނަކީ ޝައިޠާނާއަށް ކިޔަމަންވެ، މާތް ﷲގެ ފޮތަށް އިހާނެތިކޮށް ހިތާ ބައެއްކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
ސިހުރުވެރިންގެ ނުބައިކަމާއި ކުފުރުގެ ޢަމަލުތައް
ސިހުރުވެރިއަކަށް ވެވެނީ ޝައިޠާނާއާ އެކު ޢަހުދުކަށަވަރު ހިފައި، ނަޖިސް ތަންތަނުގައި ވަގުތު ހޭދަކޮށް، ޖިންނި ޝައިޠާނުންގެ ނަމުގައި ކަތިލުން ފަދަ ބޮޑެތި ފާފަތަކަށް އަރައިގަނެގެން ކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ. "ސިހުރުވެރިޔާ ކޮންމެ އެއްޗެއް ގެނައިކަމުގައި ވިޔަސް، އޭނާއަކަށް ކާމިޔާބެއް ނުވާނެތެވެ." މި އާޔަތުގެ މައްޗަށް އަލިއަޅުވާލައި، ސިހުރުވެރިންނަކީ ބިން ފަސާދަކުރާ ބައެއްކަމާއި، އެމީހުންނަށް ދުނިޔެއާއި އާޚިރަތުގައި ވެސް ނަޞީބެއް ނެތްކަން ހަނދާންކޮށްދިނެވެ.
ކާހިނުންނާއި ސިހުރުވެރިންގެ ގާތަށް ދިއުމުގެ ނުރައްކާ
ބައްޔެއްވެގެން ނުވަތަ އަޖުމަބަލައިލުމުގެ ނިޔަތުގައި ނަމަވެސް ސިހުރުވެރިއެއް ނުވަތަ ކާހިނެއްގެ ގާތަށް ގޮސް ސުވާލުކުރުމަކީ ނަހީކުރައްވާފައިވާ ކަމެކެވެ. ކީރިތި ރަސޫލާގެ ޙަދީޘްފުޅެއްގެ މާނައިގައިވާ ގޮތުން، ކާހިނެއްގެ ގާތަށް ގޮސް ކަމަކާ މެދު ސުވާލުކޮށްފި ނަމަ ސާޅީސް ދުވަސް ވަންދެން އޭނާގެ ނަމާދު ޤަބޫލުނުކުރައްވާނެއެވެ. އަދި އެފަދަ މީހަކު ބުނާ ބަސް ޤަބޫލުކޮށްފި ނަމަ، މުޙައްމަދުގެފާނުގެ މައްޗަށް ބާވައިލެއްވުނު ދީނަށް އޭނާ ކާފަރުވެއްޖެކަމަށް ޚުޠުބާގައި އިންޒާރު ދީފައިވެއެވެ.
ރައްކާތެރިކަމާއި ޝަރުޢީ ފަރުވާ
ސިހުރުގެ ނުރައްކަލުން ސަލާމަތްވުމަށް އޮތް އެންމެ ވަރުގަދަ އައްޑަނައަކީ މާތް ﷲއަށް ފުރިހަމައަށް ވަކީލުކުރުމާއި، ފަރުޟު ފަސް ނަމާދު އަދާކުރުމާއި، ހެނދުނާއި ހަވީރުގެ ޛިކުރުތަކަށް ރައްކާތެރިވުމެވެ. ބަލިމަޑުކަމެއް ދިމާވުމުން ފަރުވާ ހޯދަންވާނީ ސުންނަތުން ސާބިތުވާ ޝަރުޢީ ރުޤުޔާގެ މަގުންކަމަށް ޚުޠުބާގައި އިރުޝާދު ދިނެވެ. "ޝަރުޢީ ރުޤުޔާއަކީ ކީރިތި ޤުރްއާނުގެ އާޔަތްތަކާއި ސާބިތުވެފައިވާ ދުޢާތައް ބޭނުންކޮށްގެން ކުރެވޭ ފަރުވާއެކެވެ."
ނިންމާލަމުން، ދިމާވާ ކޮންމެ ކަމަކީ ސިހުރުގެ ސަބަބުންވާ ކަމެއްކަމަށް ބަލައި ބާޠިލު ވަހުމްތަކުގެ ތެރެއަށް ނުވަނުމަށާއި، ކޮންމެ ނިޢުމަތަކާއި މުޞީބާތެއް ޖެހެނީ މާތް ﷲގެ މިންވަރުފުޅުންކަން ޤަބޫލުކުރުމަށް މިއަދުގެ ޚުޠުބާގައި ހުރިހާ މުސްލިމުންނަށް ގޮވާލާފައިވެއެވެ.
ގުޅުންހުރި

ސިހުރުހާހޫރައިގެ ނުބައިކަމާއި އޭގެ ނުރައްކަލުގެ މައްޗަށް މިއަދުގެ ހުކުރު ޚުޠުބާގައި އަލިއަޅުވާލައިފި

ކޮންމެ އިންސާނަކީވެސް އެމީހަކު ކުރާ ކަންތައްތަކަށް މަސްއޫލުވާން ޖެހޭ މީހެއް - ޚުޠުބާ

ނަމާދަކީ ހިތަށް ހަމަޖެހުން ލިބި، ކަންބޮޑުވުމާއި ހާސްވުމުން ސަލާމަތްކޮށްދޭ އަޅުކަމެއް - ޚުޠުބާ




