ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސެންޓާރާ ލެގޫން މޯލްޑިވްސްއާއެކު އެއްބަސްވެއްޖެ
# ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު# ޒުވާނުން# ޒުވާނުން ބިނާކުރުން# ސެންޓާރާ ލެގޫން މޯލްޑިވްސްފޮޓޯ: ދާޚި؛ލީ ވުޒާރާ
ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށާއި، މަސައްކަތުގެ މާހައުލަށް ބޭނުންވާ ފަންނީ ތަމްރީނުތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އާއި ސެންޓާރާ ލެގޫން މޯލްޑިވްސްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގައެވެ.
މި ފަހުމުނާމާއަކީ ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ކުރިއަށްގެންދާ "ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓަޑް ލޭބަރ ސާވިސަސް" (ސެއިލްސް) މަޝްރޫޢުގެ ދަށުން ވެވުނު އެއްބަސްވުމެކެވެ.
މި ފަހުމުނާމާގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޑރ. ޢަބްދުﷲ ފައިރޫޝްއެވެ. އަދި ސެންޓާރާ ލެގޫން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ސެންޓާރާ މިރާޖް އަދި ގްރާންޑްގެ އެކްޓިންގ ކްލަސްޓަރ ޖެނަރަލް މެނޭޖަރ ހޯރހޭ ފަރނަންޑޭޒްއެވެ.

ޖޫން 2027ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢަކީ ދިވެހި މަސައްކަތްތެރިންގެ ހުނަރު ތަރައްޤީކޮށް، ވަޒީފާގެ ބާޒާރަށް އެ ފަރާތްތައް އަހުލުވެރިކުރުވުމަށް ސަރުކާރުން އިސްކަންދީގެން ހިންގާ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ވަޒީފާ ހޯދާ ފަރާތްތަކަށް ހުރި ފުރުޞަތުތައް ފަހިކޮށްދީ، އެ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކާ ގުޅުވައިދިނުމެވެ. މިގޮތުން، ކެރިއަރ ގައިޑަންސް ދިނުމާއި، ވަޒީފާ ހޯދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ވަކި ދާއިރާތަކަކަށް އަމާޒުކޮށްގެން ހުނަރު ތަރައްޤީކުރުމުގެ ތަމްރީނުތަކާއި، އެޕްރެންޓިސްޝިޕް އަދި އިންޓާންޝިޕްގެ ފުރުޞަތުތައް މި މަޝްރޫޢުގެ ދަށުން ފޯރުކޮށްދެވޭނެއެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދެވޭ އިންޓާންޝިޕް ޕްރޮގްރާމަކީ އަލަށް ދަސްވެނިވެފައިވާ ފަރާތްތަކަށާއި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ޚާއްޞަކޮށްގެން 3 މަހާއި 6 މަހާ ދެމެދުގެ މުއްދަތަކަށް ހިންގޭނެ ޕްރޮގްރާމެކެވެ.
މީގެ އިތުރުން، ޖީ.ސީ.އީ އޯލެވެލް ނިންމާފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން 1 އަހަރު ދުވަހުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ވެސް ކުރިއަށްދިއުމަށް ރޭވިފައިވެއެވެ.

މި ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ނިންމާލާ ފަރާތްތަކަށް، އެ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރަށް ބަލައި ދާއިމީ ވަޒީފާ ލިބުމުގެ ފުރުޞަތު ވެސް ލިބިގެންދާއެވެ.
މި ސޮއިކުރެވުނު ފަހުމުނާމާއަކީ ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތަކަށް ސީދާ މަސައްކަތުގެ މާޙައުލުން ތަމްރީނު ލިބި، ދާއިމީ ވަޒީފާގެ ފުރުޞަތުތައް ހޯދުމަށް މަގުފަހިވެގެންދާނެ އަމަލީ ފިޔަވަޅެކެވެ.
ރާއްޖޭގެ އިޤްތިޞާދުގެ މައިބަދައަކީ ފަތުރުވެރިކަމަށް ވާއިރު، ސެންޓާރާ ފަދަ ބައިނަލްއަޤްވާމީ ކުންފުނިތަކާއެކު މިފަދަ އެއްބަސްވުންތައް ޤާއިމުކުރުމަކީ ދިވެހި ޒުވާނުންނަށް މި ދާއިރާއިން ކުރިއަށްދިއުމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ.
ގުޅުންހުރި

ޤަވާއިދާ ޚިލާފަށް އުޅުނު 12 ހާހަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފި
ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސެންޓާރާ ލެގޫން މޯލްޑިވްސްއާއެކު އެއްބަސްވެއްޖެ

ރާއްޖޭގެ ޒުވާން އާބާދީ ދަށަށް - ވަޒީފާގެ ބާޒާރު ބޭރުމީހުންގެ އަތްމައްޗަށް




