
ކުރިއަށް އޮތް 30 އަހަރު ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ބޭރުމީހުންގެ ނިސްބަތް އިތުރުވާނެ
# އާބާދީ ދުވަސް# ޒުވާނުންރާއްޖޭގެ ޒުވާނުންތަކެއް ވޯކްޝޮޕެއްގަ
ރާއްޖޭގެ ޒުވާން އާބާދީ ދަށަށް ދާން ފަށާފައިވާކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.

ކުރިއަށްއޮތް 50 އަހަރަށް އާބާދީއަށް އަންނާނެކަމަށް ލަފާކުރެވޭ ބަދަލުތަކުގެ ޕްރޮޖެކްޝަން ރިޕޯޓުގައިވާގޮތުން ރާއްޖޭގެ އާބާދީ އިތުރުވުން މިހާރުވަނީ މަޑުޖެހެން ފަށާފައެވެ. 2022 ވަނަ އަހަރު ނެރެފައިވާ ރިޕޯޓުން ދައްކާގޮތުގައި ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް ދަށްވުމުގެ ސަބަބުން އާބާދީއަށް އޭގެ ބޮޑު އަސަރެއް ކުރާނެކަމަށް އަންދާޒާކޮށްފައި ވެއެވެ. އަދި މިއީ ސީދާ ރާއްޖޭގެ އިޤްތިޞާދާއި ގުޅޭ މައްސަލައެއްކަން ވެސް ފާހަގަކޮށްފައި ވެއެވެ.
އެ ރިޕޯޓުގައިވާގޮތުން ރާއްޖޭގައި އުފަންވާ ކުދިންގެ އާބާދީ އެންމެ ރަނގަޅަށް ހުރީ 1995 ގައެވެ. އޭރުގެ އެވްރެޖު ދައްކާ ގޮތުގައި އަންހެނަކު 6.4 ކުދިން ވިހާއިރު، 2022 ގައި އެ އަދަދު ވަނީ 1.7 އަށް ދަށްވެފައެވެ.މިއާއެކު ރާއްޖޭގައި މިހާރު އޮތް ޒުވާން މަސައްކަތްކުރާ އާބާދީ ކުރިއަށް އޮތް 30 އަހަރުގެ ތެރޭގައި މުސްކުޅިވުމުން، ރާއްޖޭގެ މަސައްކަތްކުރާ އާބާދީ ކުޑަވާނެއެވެ. އެހެންކަމުން ދިވެހީން ވަޒީފާތަކުގައި ހަރަކާތްތެރިވާ މިންވަރު މިހާރަށްވުރެ ދަށްވެ، ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ބޭރުމީހުންގެ ނިސްބަތް އިތުރުވާނެއެވެ. މިއީ އިޤްތިޞާދީ އިތުރު މައްސަލަތަކަށް ދިވެހި ޤައުމު ހުށައެޅިގެންދާނެ ކަމެކެވެ.
ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ސަރުކާރުން ވެސް މީގެއަހަރުތަކެއްކުރީން ވަނީ ފާހަގަކުރައްވާފައެވެ. އަދި އާބާދީ މަދުވާން މެދުވެރިވާ މައިގަނޑު މައްސަލައެއްކަމަށް އާންމުންގެ މެދުގައި އޮތް ކަންބޮޑުވުމަކީ އިޖުތިމާޢީ މައްސަލަތަކެވެ.
އެގޮތުން ވަރި ގިނަވުމާއި، ބޯހިޔާވަހިކަމުގެ މައްސަލައަކީ ކުދިން ގިނައިން ހޯދުމަށް ހުރަސްއަޅާ ސަބަބުތަކުގެ ގޮތުގައި ފާހަގަކުރެވޭއިރު، މިކަންކަމަށް އަވަސް ހައްލުތަކެއް ހޯދައިދީ ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތަށް ބަދަލު ނުގެނެވިއްޖެނަމަ، ދިވެހީންގެ އާބާދީ ކަންބޮޑުވާ މިންވަރަށް ދަށްވުމަކީ ކައިރީގައި އޮތްކަމެކެވެ.
ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރަމުންދާއިރު 2022 ވަނަ އަހަރުގެ ބޯހިމެނުމުގައި ވާގޮތުން، ރާއްޖޭގެ އާބާދީ 515000 އަށްވުރެ ގިނައެވެ. މީގެތެރެއިން 132،493 އަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އާބާދީއެވެ.
ދުނިޔޭގެ އާބާދީއަކީ ގާތްގަނޑަކަށް 8.3 ބިލިއަން މީހުން ކަމަށް ތަފާސްހިސާބުން ދައްކާއިރު، ދުނިޔޭގެ އެންމެ ބޮޑު އާބާދީ ނިސްބަތްވަނީ އަވަށްޓެރި އިންޑިއާ އަށެވެ. އެގައުމުގެ އާބާދީ އަކީ ގާތްގަނޑަކަށް 1.47 ބިލިއަން މީހުންނެވެ.
ގުޅުންހުރި

ރާއްޖޭގެ ޒުވާން އާބާދީ ދަށަށް - ވަޒީފާގެ ބާޒާރު ބޭރުމީހުންގެ އަތްމައްޗަށް

ޖަމިއްޔާތަކުގެ މަސައްކަތަކީ ޤައުމު ބިނާކުރަން ކުރެވޭ މަތިވެރި ޖިހާދެއް - ރާފިއު

ނާށި ބޭނުންކޮށްގެން އަތްތެރި މަސައްކަތްތައް ދަސްކޮށްދިނުމަށް ހިންގި ވޯކްޝޮޕް ނިންމާލައިފި




