ތައިލެންޑް އެއަރޕޯޓު
ތައިލޭންޑުން ދިވެހިންނަށް ވިސާގެ ލުއިދީފިއެވެ.

އެގައުމުން 2024 ވަނަ އަހަރު ތައާރަފްކުރި ވިސާ ނެތި 60 ދުވަހަށް މަޑު ކުރެވޭނެ އުސޫލު ހަރުކަށިކޮށް ބައެއް ގައުމުތަކަށް 15 ދުވަސް އަދި ބައެއް ގައުމުތަކަށް 30 ދުވަހަށް ތިބެވޭ ގޮތަށް ވަނީ ނިންމާފައެވެ. އެއީ ވިސާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި ބައެއް އިންސާނީ ވަގު ވިޔަފާރި ކުރުމާއި ހުއްދައާ ނުލައި މަސައްކަތް ކުރުމާއި ކޯލް ސެންޓަރު ސްކޭމްތައް ފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަމުން ގޮސްފައިވާތީ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.
އެގައުމުގެ ވަޒީރުންގެ މަޖިލީހުން މި ބަދަލު ގެނައީ ގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށާއި، ހަމައެކަނި ޓޫރިސްޓުންގެ އަދަދު ގިނަކުރުމުގެ ބަދަލުގައި، 'ކޮލިޓީ' ފަތުރުވެރިކަމަށް އިސްކަން ދިނުމުގެ ގޮތުންނެވެ. ވިސާއާއި ނުލައި މީގެ ކުރިން ދިވެހިންނަށް ވެސް 60 ދުވަށް ތައިލޭންޑުގައި ތިބެވުނު ނަމަވެސް އެ ނިންމުމާއެކު ރާއްޖެއަށް ދީފައިވަނީ 15 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް މިއަދު އެގައުމުގެ ވަޒީރުންގެ މަޖިލީހުން ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.
އެގައުމުގެ ވަޒީރުންގެ މަޖިލީހުން މިހާރު ނިންމާފައިވަނީ މީގެ ކުރިން 93 ގައުމަކަށް ދީފައިވާ 60 ދުވަހުގެ ވިސާ ފްރީ މުއްދަތު އުވާލުމަށެވެ. އަދި މިއީ ގާނޫނާ ހިލާފު އަމަލުތައް ހިންގުމަށާއި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ގޮތްގޮތަށް މި ނިޒާމުގެ ނާޖާއިޒު ފައިދާ ނަގަމުންދާތީއެވެ.
އެހެން ކަމުން އަލަށް ހަމަޖެއްސި އުސޫލުގެ ދަށުން، ވިސާއާ ނުލައި 30 ދުވަހުގެ މުއްދަތަކަށް އެތެރެވެވޭނީ 59 ގައުމެއްގެ ރައްޔިތުންނަށެވެ. މިއާއެކީ ޖުމްލަކޮށް ވިސާގެ އިތުރު ލުއި 6 ގައުމަކަށް ލިބެއެވެ. އެއީ ރާއްޖެ، ބަލްގޭރިއާ، ކްރޮއޭޝިއާ، ސައިޕްރަސް، އިންޑިއާގެ އިތުރުން މަލްޓާއެވެ. މީގެ އިތުރުން ވެސް ޔޫރަޕިއަން ޔޫނިއަންގެ މެންބަރު 27 ގައުމަށް ވެސް ހަމަހަމަ ވިސާގެ ލުއިތަކެއް ދިނުމަށް ވަނީ ނިންމާފައެވެ.
މި ނިންމުމާއެކު މިހާރު ވިސާއާއި ނުލައި 15 ދުވަހުގެ މުއްދަތަކަށް ތައިލޭންޑުގައި ތިބެވޭނީ ސީޝެލްސްއާއި މޮރިޝަސްގެ ރައްޔިތުންނަށެވެ. އަދި އަޒަރުބައިޖާން، ބެލަރޫސް އަދި ސާބިއާގެ ރައްޔިތުންނަށް އޮން-އެރައިވަލް ވިސާ ދިނުމަށް ވަނީ ނިންމާފައެވެ.
އެގައުމުން ހާމަކޮށްފައިވާ ގޮތުގައި މި ބަދަލަށް އަމަލު ކުރަން ފަށާނީ އާ އުސޫލު އެގައުމުގެ ގެޒެޓުގައި ޝާއިއުކުރާތީ 15 ދުވަސް ފަހުންނެވެ.
ގުޅުންހުރި
ތައިލޭންޑުން ދިވެހިންނަށް ވިސާގެ ލުއިދީފި

ތައިލެންޑުގެ އައު ބޮޑުވަޒީރަކަށް އަނޫޓިން ޗާންވިރަކުލް!

މިއަދުން ފެށިގެން ތައިލެންޑަށް އެތެރެވެވޭނީ ޑިޖިޓަލް އެރައިވަލް ކާޑު ފުރިހަމަކޮށްގެން!




