
މާލޭގެ 9 ކެފޭއެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅުނު 10 ބިދޭސީއަކު ހައްޔަރުކޮށްފި
# މޯލްޑިވްސް އިމިގްރޭޝަން-
ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ފުލުހުންނާއި މޯލްޑިވްސް އިމިޤްރޭޝަން ގުޅިގެން ހިންގަމުންދާ ޚާއްސަ ޓާސްކް ފޯސް އޮޕަރޭޝަންގެ ދަށުން، މާލޭގެ 9 ކެފޭއެއް ބަލައި ފާސްކޮށް ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިއަދު ހެނދުނު ހިންގި މި ރެއިޑް އޮޕަރޭޝަނަކީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ފެށި މަސައްކަތެކެވެ.
މާލޭގެ އިތުރުން ބިދޭސީން ގިނަ އަދަދަކަށް އުޅޭ ތިލަފުށީގައި ވެސް މިމަހުގެ 12 ވަނަ ދުވަހު ވަނީ ޚާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެ އޮޕަރޭޝަނުގައި ޖުމްލަ 836 ބިދޭސީން ބަލައި ފާސްކޮށްފައިވާއިރު، އޭގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 32 ބިދޭސީއަކު ވަނީ ހައްޔަރުކޮށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން މިހާތަނަށް ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކޮށްފައެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މި މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހުވެސް ހުއްޓުމެއްނެތި ކުރިއަށްދާނެއެވެ. އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ، އިތުރު ފުރުސަތަކާ ނުލާ ރާއްޖެއިން ޑީޕޯޓު ކުރާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
މިހާރު ކުރިއަށްދާ އޮޕަރޭޝަން ކުރަނގި ފޭސް ތިނެއްގެ ދަށުން، ޚާއްސަކޮށް ފާހަގަކުރެވިފައިވާ 2,895 މީހުން ހޯދައި ޑީޕޯޓުކުރުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތަކާއި، ސައްޚަ ވޯކްޕާމިޓް އަދި ވިސާ ނެތް މީހުން ހޯދައި ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. ހަމައެއާއެކު، ވިޔަފާރިތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ ވޯކް ޕާމިޓް ފީ ދެއްކުމަށް ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީ، ދިވެހި ވިޔަފާރިވެރިންނަށް އެ މީހުން ގެންގުޅޭ ބިދޭސީން ޤަވާއިދުގެ ތެރެއަށް ވެއްދުމަށް މި ފޭސްގެ ތެރެއިން ބާރުއަޅާނެއެވެ.





