
ލިޔުންތެރިންނަކީ ތަހުޒީބީ ފިކުރާއި ޤައުމިއްޔަތުގެ ރޫޙު އާލާކޮށްދިން ބައެއް - ހީނާ
# ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު-
ދިވެހި ލިޔުންތެރިންނަކީ ތަހުޒީބީ ފިކުރާއި ޤައުމިއްޔަތުގެ މާތް ރޫޙު އަންނަން އޮތް ޖީލުތަކާއި ދަރީންގެ ހިތްތަކުގައި އަށަގެންނެވި މުހިންމު ބައެއް ކަމަށް ދިވެހިބަހާއި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުރިހާ ލިޔުންތެރިންނަށް ތަހުނިޔާ ފޮނުއްވަމުން ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި ޚާއްސަ މެސެޖެއްގައެވެ.
ވަޒީރުގެ މެސެޖުގައި ދިވެހި ލިޔުންތެރިކަމުގެ ތާރީޚަށް އަލިއަޅުއްވާލައްވަމުން ފާހަގަކުރެއްވި ގޮތުގައި، ދިވެހި ލިޔުންތެރިންނަކީ ރާއްޖޭގައި އެންމެ ފުރަތަމަ ނެރެން ފެށި "އަލްއިޞްލާޙު" މަޖައްލާގެ ޢިލްމީ އަދި ފިކުރީ މަޒުމޫނުތަކުން މުޅި ޤައުމު ހޭލުންތެރިކުރުވައި، "ވާހަކަ ކޮމިޓީ" ގެ އުފެއްދުންތެރި މަސައްކަތްތަކުން ދިވެހިންގެ މެދުގައި ކިޔުންތެރިކަމުގެ ބޮޑު އިންގިލާބެއް ގެނެސްދީ އެ ދާއިރާއަށް އާ ދިރުމެއް ދިން ބައެކެވެ.
ރާއްޖޭގައި ލިޔުންތެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ، ޤައުމެއް އުމްރާނީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ތަރައްޤީވެ ކުރިއަރައިދާއިރު، މުޖުތަމަޢުގެ ޢާންމު އަޚުލާޤާއި ސޫރަ ހިފެހެއްޓުމުގައާއި، ދިވެހިބަހާއި އަދަބިއްޔާތު ކުރިއަރުވައި ދެމެހެއްޓުމަށް ލިޔުންތެރިން ކުރަމުންދާ އަގުނުކުރެވޭފަދަ ބުރަ މަސައްކަތްތަކުގެ އަގުވަޒަންކުރުން ކަމުގައި ވަޒީރު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، މާތް ދިވެހިބަސް ދިރުވައި، މުޖުތަމަޢަށް ބޭނުންވާ ފިކުރީ އަދި އިޖުތިމާއީ ހޭލުންތެރިކަން ގެނެސްދިނުމަށްޓަކައި، ލިޔުންތެރިކަމުގެ ދާއިރާއަށް އަލަށް ނުކުންނަ ޒުވާން، އުފެއްދުންތެރި ލިޔުންތެރިންނަށް ހިތްވަރުދީ، އެފަރާތްތަކަށް ކުރިއަށްދާނެ މަގު ދައްކައިދިނުމަކީ ވެސް މި ދުވަސް ފާހަގަކުރުމުގެ ނުހަނު މުހިންމު ބޭނުމެއް ކަމަށް ވަޒީރުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.




