logoEN
WAMCO TOP 1
"ކޮންމެ ފުލުހަކީ ވެސް، އެ ފުލުހަކާ މެދު މުއައްސަސާއިން އައު ތަސައްވުރެއް ދެކޭނެ ފުލުހެއް"

"ކޮންމެ ފުލުހަކީ ވެސް، އެ ފުލުހަކާ މެދު މުއައްސަސާއިން އައު ތަސައްވުރެއް ދެކޭނެ ފުލުހެއް"

އަހުމަދު ޝުރާއު

logo

7/8/2026, 7:23:26 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ކޮންމެ ފުލުހަކީ ވެސް، އެ ފުލުހަކާ މެދު މުއައްސަސާއިން އައު ތަސައްވުރެއް ދެކޭނެ ފުލުހެއް ކަމަށް ކަމަށް އެސިސްޓެންޓް ކޮމިޝަނަރ ޔޫނުސް ޞަބާހް ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްއާއި ސެންޓްރަލް އަދި ސައުތު ސެންޓްރަލް ޕޮލިސް ގުޅިގެން ދ. ވާނީގައި ކުރިއަށް ގެންދިޔަ “ފަސްޓްލައިން މެނޭޖްމަންޓް ކޯސް - ”15 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރުގެ ވާހަކައިގައި ވަނީ އަބަދުވެސް ދެ ކަމެއް ހަނދާނުގައި ބެހެއްޓުމަށް ކޯހުގެ ބައިވެރިންނަށް އިރުޝާދުދެއްވާފައެވެ.

އެގޮތުން، ފުރަތަމަ ކަމަކަށް، ފުލުހުންނަށް ލިބިގެންވާ ބާރާއި އިހުތިޔާރު ރަނގަޅަށް ބޭނުންކުރުމަށް އިރުޝާދުދެއްވިއެވެ.

އަދި ދެވަނަ ކަމެއްގެ ގޮތުގައި އިރުޝާދުދެއްވީ ގާބިލު މީހަކަށް ވުމަށް އިތުރަށް މަސައްކަތްކުރުމަށެވެ. އޭގެ އިތުރުން، ކޯސް ފުރިހަމަކުރި ފުލުހުން ވަނީ ލީޑަރޝިޕްގެ ވަރަށް މުހިންމު ފިޔަވަޅެއް އަޅާފައިވާ ކަމަށާއި އެންމެ ހާއްސަ ކަމަކީ ފަރުދީގޮތުން ލިބިގެން ދިޔަ އިލްމާއި، ހުނަރާއި، ގާބިލިއްޔަތުކަމަށްވުރެ ބޮޑަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އަދި ކޮމާންޑުގެ މުވައްޒަފުންތަކެއްގެ ލީޑަރޝިޕްގެ އައު ސަފުހާއެއް ހުޅުވިގެން ދިއުންކަން އެސިސްޓެންޓް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

ކޯސް ފުރިހަމަކުރި ކޮންމެ ފުލުހަކީ ވެސް، އެ ފުލުހަކާ މެދު މުއައްސަސާއިން އައު ތަސައްވުރެއް ދެކޭނެ ފުލުހެއް ކަމަށާއި ކުރިއަށްވުރެ ބޮޑު އިތުބާރެއް މުއައްސަސާއިން ކުރާނެ ފުލުހުންތަކެއް ކަމަށްވެސް އެސިސްޓެންޓް ކޮމިޝަނަރ ވިދާޅުވިއެވެ.

މިދިޔަ މަހުގެ 7ވަނަ ދުވަހުން ފެށިގެން މިމަހުގެ 5ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޯހުގައި، ސެންޓްރަލް އަދި ސައުތު ސެންޓްރަލް ޕޮލިސްގެ 30 ފުލުހުން ބައިވެރިވިއެވެ.

މިކޯހުގައި، ލީޑަރޝިޕް އެތިކްސް އެންޑް ޕީޕަލް މެނޭޖްމަންޓް، ސްޓްރެޓެޖިކް އެންޑް އޮޕަރޭޝަނަލް ލީޑަރޝިޕް، ލީގަލް އެވެއާނެސް އެންޑް ކޮމިއުނިޓީ ޕޮލިސިންގ، ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީ އިން ލޯ އެންފޯސްމަންޓް ފަދަ މޮޑިއުލްތަކާއި އެ މޮޑިއުލްތައް ހިމެނޭ ސިނާރިއޯ ބޭސްޑް ޓްރެއިނިންގ ކުރިއަށް ގެންގޮސްފައިވެއެވެ.

އޭގެ އިތުރުން، ޑްރިލް ކުލާސްތަކާއި، ދުޅަހެޔޮ ބަޔަކަށް ހެދުމުގެ މަގުސަދުގައި 7 ކިލޯ މީޓަރުގެ ދުވުން ބާއްވާފައިވެއެވެ. އަދި ޕްރެޒެންޓޭޝަން ސްކިލްސްއާއި ކޮމިއުނިކޭޝަން ސްކިލްސް އުނގަންނައިދީފައިވެއެވެ.

އަދި ރައްޔިތުންނާ ގާތުން، ހިތްއެދޭފަދަ ހިދުމަތެއް ދިނުމަށް ވާހަކަ ދެއްކުމުގެ ހުނަރާއި، ބޭނުންކުރާނެ އުކުޅުތައް ދަސްކޮށްދީފައިވާއިރު، ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވުމުގެ އިތުރުން ގާނޫނުތަކަށް އަހުލުވެރިކޮށް، ދިމާވާ ގޮންޖެހުންތައް ގިރާކުރާނެ ގޮތް އުނގަންނައިދީފައިވެއެވެ.

މި ކޯހުން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވިފައިވަނީ ސާޖަންޓް އަބްދުލް މުހައިމިނު އަބްދުﷲއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސަދަން ޕޮލިސް ޑެޕިއުޓީ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޔޫނުސް ޞަބާހްއެވެ. މި ރަސްމިއްޔާތުގައި، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ޑެޕިއުޓީ އެކްޒެކެޓިވް ޑިރެކްޓަރ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ބަޝީރުއާއި، ވާނީ ޕޮލިސް ޓްރެއިނިންގ ސެންޓަރުގެ އެކްޓިން ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ލަތީފްއާއި، މ، ދ އަދި ލ އަތޮޅު ކޮމާންޑަރުން ބައިވެރިވެލެއްވިއެވެ.

ކޮމެންޓް
ފަހުގެ
HDC