
މޫސުމީ ރައްކާތެރިކަމުގެ މަޝްރޫޢާ ގުޅޭގޮތުން މިނިސްޓަރާއި އޭޑީބީގެ ވަފުދެއް ބައްދަލުކުރައްވައިފި
# އޭޑީބީ# މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީފޮޓޯ: މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ފަރާތުން ހިންގަމުންދާ "މޫސުމަށް އަންނަ ބަދަލުތަކަށް ކެތްތެރިކަން އިތުރުކުރުމާއި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޝްރޫޢު" (އެންހޭންސިންގ ކްލައިމެޓް ރެޒިލިއަންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓް) ކުރިއަށްދާ ގޮތާ ގުޅޭގޮތުން، މިނިސްޓަރު ޢަލީ ޝަރީފުއާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ވަފުދަކާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.


މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރުގެ އަރިހުގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (އެމް.އެމް.އެސް) ގެ މެނޭޖްމަންޓް ޓީމުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ މިހާރު ކުރިއަށްދާ މަޝްރޫޢުގެ އެންމެ ފަހުގެ އަދާހަމަތަކާއި، މަސައްކަތްތައް ގޮސްފައިވާ ހިސާބު ބަލައި، ކުރިއަށް ހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.
މި ބައްދަލުވުމުގައި ވަނީ އައްޑޫ ސިޓީ އާއި މާލޭގައި މޫސުމީ ރާޑަރު ބެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަދައްކަވާފައެވެ. މިއީ ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
މީގެ އިތުރުން، އޭޑީބީގެ ފަންނީ އެހީތެރިކަމާއެކު ރާއްޖެއަށް މޫސުމީ ކަންކަމަށް ބޭނުންވާ އިތުރު މާލީ އެހީތެރިކަން (ކްލައިމެޓް ފައިނޭންސިންގ) ހޯދިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް ދެ ފަރާތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
މި މަޝްރޫޢަކީ ރާއްޖެއަށް ކުރިމަތިވަމުންދާ މޫސުމީ ނުރައްކާތަކުން ސަލާމަތްވުމަށާއި، ކާނާގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެކެވެ.




