
ފުންފަޅުގޭގެ އަލިފާނުގެ ހާދިސާ: ހާލުގައި ޖެހުނު އާއިލާތަކަށް އެހީވާން މިހާތަނަށް ދައުލަތުން 95,000 ރުފިޔާ ޚަރަދުކޮށްފި
# ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ-
މާލޭ ގަލޮޅު "ފުންފަޅު" ގޭގައި މި މަހުގެ 5 ވަނަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ޖުމްލަ 109 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތޯރިޓީން ހަމަޖައްސައިދީފިއެވެ.

މި ހާދިސާގައި ބައެއް އެޕާޓްމަންޓްތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ދިމާވި ކުއްލި ނުރައްކަލުގެ މި ދަނޑިވަޅުގައި ކާބޯތަކެއްޗާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ވަގުތުން ފަށާފައެވެ.
އެގޮތުން، އެ އިމާރާތުގެ 22 އެޕާޓްމަންޓެއްގައި ދިރިއުޅެމުންދިޔަ 93 މީހަކަށް ދެ ދުވަހުގެ މުއްދަތަށް ބޭނުންވާނެ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ވަނީ ފުރިހަމަކޮށްދީފައެވެ. މީގެ އިތުރުން، އަލިފާނުގެ އަސަރު އެންމެ ބޮޑަށް ކުރި އެ ގޭގެ 5 ވަނަ ފަންގިފިލާގެ ތިން އެޕާޓްމަންޓް ކަމަށްވާ 5އޭ، 5ބީ އަދި 5ސީ ގައި ދިރިއުޅޭ 16 މީހަކަށް، ފަސް ދުވަހުގެ މުއްދަތަށް ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ޚާއްސަ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.
މި ބޮޑު ހާދިސާގައި ދިިރިއުޅޭ ތަންތަނަށް ގެއްލުންވެ ހާލުގައި ޖެހުނު އާއިލާތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ދައުލަތުގެ ބަޖެޓުން މިހާތަނަށް ޖުމްލަ 95,000ރ (ނުވަދިހަ ފަސްހާސް) ރުފިޔާ ވަނީ ޚަރަދުކުރެވިފައެވެ.
ނެޝަނަލް ޑީޒާސްޓަރ މެނޭޖްމެންޓު އޮތޯރިޓީން ބުނި ގޮތުގައި، މި ފައިސާ ޚަރަދުކޮށްފައިވަނީ ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ ޒަރޫރީ ސާމާނާއި، ވަގުތީ ގޮތުން ތިބޭނެ ހޮޓާ/ގެސްޓްހައުސް ފަދަ ތަންތަން ހަމަޖެއްސުމަށެވެ.
މި ހާދިސާގައި އިމާރާތަށާއި އާންމުންގެ މުދަލަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު ދެނެގަތުމަށްޓަކައި ހަދަންޖެހޭ ޚާއްސަ ރެޕިޑް އެސެސްމަންޓް ހެދުމުގެ އަމަލީ މަސައްކަތް ކަމާބެހޭ ފަންނީ ޓީމުތަކުން މިހާރު ދަނީ ސައިޓުގައި ކުރަމުންނެވެ. މި އެސެސްމަންޓް ނިމުމުން، ގެއްލުން ލިބުނު އާއިލާތަކަށް ދިގު މުއްދަތަކަށް ދޭންޖެހޭ މާލީ އަދި އުމްރާނީ އެހީތެރިކަމާ މެދު ސަރުކާރުން އިތުރު ގޮތްތަކެއް ނިންމާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.




