logoEN
WAMCO TOP 1
މަސްތުވާތަކެތީގެ ވިއުގަތައް ރޫޅާލުމަށް ޒަމާނީ ވަސީލަތްތަކުގެ ބޭނުންތެރިކަން ބޮޑު - ސީޕީ

މަސްތުވާތަކެތީގެ ވިއުގަތައް ރޫޅާލުމަށް ޒަމާނީ ވަސީލަތްތަކުގެ ބޭނުންތެރިކަން ބޮޑު - ސީޕީ

އަހުމަދު ޝުރާއު

logo

7/7/2026, 7:55:19 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

"މަސްތުވާތަކެތީގެ ވަބާއަކީ މި ގައުމަށް ފާއިތުވި އެތައް އަހަރުތަކެއްގައި ކުރިމަތިވެފައިވާ ބޮޑު ވަބާއެއް. މީގެ ނަތީޖާ ޖީލުތަކަކަށް ދެމިގެންގޮސް، އެތައް ޒުވާނުންނެއްގެ ގާބިލުކަން ވަނީ ގެއްލިފައި. އެހެންކަމުން، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމާއި އެތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަކީ ފުލުހުންގެ މުއައްސަސާގެ އެންމެ އިސް އެއް އަމާޒު" ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.

THE TRAVELLER AD

ކޮމިޝަނަރ މިހެން ވިދާޅުވީ، މަސްތުވާތަކެތި ތަހުލީލުކުރުމަށް ބޭނުންކުރާ 150 "ފީލްޑް ޓެސްޓިންގ ކިޓް" ފުލުހުންނާ ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައެވެ. މިއީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒްގެ އެހީގައި، ޔޫ.އެން.އޯ.ޑީ.ސީ މެދުވެރިކޮށް ފޯރުކޮށްދީފައިވާ، ގާތްގަނޑަކަށް 24,000 އެމެރިކާ ޑޮލަރުގެ އަގުހުރި ތަކެއްޗެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މަސްތުވާތަކެތީގެ ވިއުގަތައް ރޫޅާލުމަށްޓަކައި ބައިނަލްއަގުވާމީ ގުޅުންތަކާއި، އެކަމަށް ތަމްރީނުވެފައިވާ އޮފިސަރުންގެ އިތުރުން ޒަމާނީ ވަސީލަތްތަކުގެ ބޭނުންތެރިކަން ކޮމިޝަނަރ އަޙްމަދު މުޙައްމަދު ފާހަގަކުރެއްވިއެވެ.

"މިއީ ހަމައެކަނި ފޯރުކޮށްދެވުނު އާލާތްތަކެއް ނޫން. މިއީ އަޅުގަނޑުމެންގެ މެދުގައި އޮތް އިތުބާރާއި، ގުޅިގެން މަސައްކަތްކުރުމާއި، މަސްތުވާތަކެތި ނައްތާލުމަށް ގުޅީގެން ކުރާ މަސައްކަތުގެ ރަމްޒެއް" ކޮމިޝަނަރ ވިދާޅުވިއެވެ.

މި ކިޓްތަކުގެ އެހީގައި، އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފުލުހުންނަށް، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބާވަތްތަކާއި ކެމިކަލްތައް އެ ވަގުތުން ވަގުތަށް ދެނެގަނެވޭނެއެވެ. މީގެ ސަބަބުން ތަހުގީގުގެ މަސައްކަތްތައް އަވަސްވެ، މައްސަލައިގެ ކުރީކޮޅު ހެކިތަކެއް ހޯދުމަށް ފަސޭހަވެގެންދާނެއެވެ.

މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓީޖިކް ޕްލޭން 2024-2028 އާ ސީދާ ގުޅުންހުރި ކަމެއްކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. ހާއްސަކޮށް ތަހުގީގުގެ ދާއިރާ ހަރުދަނާކުރުމާއި، ފުލުހުންގެ މަސައްކަތްތަކުގައި ސައިންސާއި ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ އިތުރުން، ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކޮށްގެން ބޯޑަރު ހުރަސްކޮށް ކުރާ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މީގެ ސަބަބުން އެހީއަކަށްވެގެންދާނެކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ޔޫ.އެން.އޯ.ޑީ.ސީގެ ރާއްޖޭގެ އޮފީހުގެ ހެޑް، އެންރީކޯ ބޮނިންސެގްނާ އާއި، އެމެރިކާ އެމްބަސީގެ ރީޖަނަލް ސެކިއުރިޓީ އޮފިސަރު މިހްޔާރު އަލްނިފައިދީގެ އިތުރުން ޔޫއެންއޯޑީސީގެ ބޭފުޅުންނާއި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން، ކޮމިޝަނަރ އަޙްމަދު މުޙައްމަދު ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓަށާއި ޔޫ.އެން.އޯ.ޑީ.ސީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބައިނަލްއަގުވާމީ ފަރާތްތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ކޮމެންޓް
ފަހުގެ
HDC