logoEN
WAMCO TOP 1
އިސްލާމީ ފަލްސަފާއަށް ބިނާކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައްޔާރުކުރި ފަށާތައުލީމުގެ ފޮތް ސެޓް ނެރެފި

އިސްލާމީ ފަލްސަފާއަށް ބިނާކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައްޔާރުކުރި ފަށާތައުލީމުގެ ފޮތް ސެޓް ނެރެފި

އަހުމަދު ޝުރާއު

logo

7/5/2026, 6:31:07 AM

# ޑރ ޝަހީމް އަލީ ސައީދު

-

އިސްލާމީ ތަރުބަވީ ފަލްސަފާގެ އަލީގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައްޔާރުކުރެވުނު ފަށާތައުލީމު މަރުހަލާގެ ޚާއްސަ ފޮތް ސެޓް ރަސްމީކޮށް ނެރެފިއެވެ.

THE TRAVELLER AD

މި ފޮތް ސެޓް ނެރެދެއްވީ އިސްލާމީ ކަންތައްތަކާ އައުޤާފާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. ޑރ. ޝަހީމް އަކީ މި ޢިލްމީ ބޮޑު މަޝްރޫޢުގެ އެންމެ އިސް މަސްޢޫލުވެރިޔާ ވެސް މެއެވެ. މިއީ ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާގައި އިސްލާމީ އަދަބު އަޚްލާޤަށް ދަރިވަރުން ހޭލުންތެރިކުރުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

ފޮތް ނެރެދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، މިއީ ވަރަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށް ގެންދިޔަ ތައުލީމީ ތަރުބަވީ އިސްލާމީ މުހިންމު މަޝްރޫޢެއް ކަމަށެވެ. މިއީ 2021 ވަނަ އަހަރުން ފެށިގެން ބުރަ މަސައްކަތްތަކަކާއެކު ކުރިއަށްގެންދާ މަޝްރޫޢެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ޖުމްލަ 65 ފޮތް ހިމެނޭ މި މަޝްރޫޢުގައި ބޭބީ ނާސަރީ، ނާސަރީ، އެލްކޭޖީ، އަދި ޔޫކޭޖީ މަރުޙަލާގެ ފޮތްތައް ހިމެނޭނެ ކަމަށެވެ. އަދި މި މަރުޙަލާތަކުގައި ޤައުމީ މަންހަޖުގައި ހިމެނޭ ހުރިހާ މާއްދާތަކެއްގެ ފޮތްތަކުގެ އިތުރުން، އިސްލާމީ އަދަބު އަޚްލާޤާއި ޢަރަބި ބަހުގެ މާއްދާ ވެސް ހިމެނޭނެ ކަމަށް ވިދާޅުވިއެވެ.

ޑރ. ޝަހީމްގެ ބެލުމުގެ ދަށުން މި ފޮތް ސެޓް ލިޔެ އެކުލަވައިލެއްވީ ނޭޝަނަލް އިންސްޓިޓިއުޓް ފޯ އެޑިއުކޭޝަން ގެ ކުރީގެ ކަރިކިއުލަމް ޑިވެލޮޕަރ މަރިޔަމް ޝަޒްނާއެވެ. އަދި ޤުރްއާން މާއްދާގެ ފޮތް ތައްޔާރުކުރުމުގައި ޢާބިދާ މިސް ބައިވެރިވެވަޑައިގެންފައިވާއިރު، ބޭބީ ނާސަރީގެ ޢަރަބި ފޮތް ތައްޔާރުކުރެއްވީ ނީނާ މިސްއެވެ. މި ފޮތްތަކުގެ ރީތި ކުރެހުންތައް ތައްޔާރުކޮށް ޑިޒައިންކޮށްފައިވަނީ ޚަދީޖާ ޢަބްދުﷲ އެވެ. މި ފޮތްތައް އެކި މަރުޙަލާތަކުގައި މުރާޖިޢާކުރެއްވުމުގައި އުސްތާޒު އިމްތިތާއު އައްބާސް، އުސްތާޛު މުޙައްމަދު ފިރުޒުލް އަދި ޝިފާޔަތު އަލީ ވަނީ މުހިންމު މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.

މި މަޝްރޫޢުގެ ފުރަތަމަ މަރުހަލާގެ ދަށުން އިއްޔެ ޕަބްލިޝްކޮށް ނެރެފައިވަނީ ބޭބީ ނާސަރީ މަރުހަލާގެ 16 ފޮތެވެ. ބާކީ ހުރި 49 ފޮތް ލިޔެ އެއްކޮށް ނިމިފައިވާއިރު، އެ ފޮތްތައް ނެރުމުގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިއަށެވެ.

މި ބޮޑު މަޝްރޫޢު ކާމިޔާބުކުރުމުގައި އެހީތެރިވި ޝައިޚު މުޙައްމަދު ލަތީފްއާއި، މަދީނާ އިންވެސްޓްމަންޓްސްގެ ސީއީއޯ އަލީ އަހުސަނާއި، އައިއޯސީސީގެ ކޯފައުންޑަ އަލީ އަޝްވާޤުގެ އިތުރުން މާލީ ގޮތުން އެހީތެރިވި ފަރާތްތަކަށް ވަޒީރު ވަނީ ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

މި ފޮތްތައް އެކުލަވައިލާފައިވަނީ ޕްރީ ސްކޫލުތަކުގެ އިތުރުން ބެލެނިވެރިންނަށް ވެސް ގޭގައި ތިބެގެން ދަރީންނަށް ފަސޭހައިން އުނގަންނައިދެވޭނެ ފަދަ ޒަމާނީ ގޮތަކަށެވެ.

ކޮމެންޓް
ފަހުގެ
HDC