.jpg&w=3840&q=75)
ރާއްޖެއާއި ތައިލެންޑުގެ ޒަމާންވީ ގުޅުން ބަދަހިކުރަން ޚާރިޖީ ވަޒީރުންގެ މުހިންމު ބައްދަލުވުމެއް!
# ފޮރިން މިނިސްޓްރީ-
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ތައިލެންޑުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ސިހާސަކް ޕުއަންގްކެޓްކީއޯއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މިއަދު ރަސްމީކޮށް މަޝްވަރާ ކުރައްވައިފިއެވެ.

މި މުހިންމު ބައްދަލުވުމަށްފަހު ޚާރިޖީ ވަޒީރު އިރުތިޝާމް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތައިލެންޑުގެ ބޮޑުވަޒީރުގެ ނައިބާ އަލުން ބައްދަލުވެވަޑައިގެން މަޝްވަރާކޮށްލަން ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް އަދި އުފަލެއް ކަމަށެވެ. އަދި މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި ގާތް ބައިވެރިވުން ތަކުރާރުކޮށް ކަށަވަރުކުރެއްވި ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ބައްދަލުވުމުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އޮންނަ މުހިންމު ގުޅުންތައް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދެވޭނެ މަގުތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައި އެވެ. ޚާއްސަކޮށް ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ވަރުގަދަކޮށް، ދެ ފަރާތަށްވެސް އޭގެ ލާބައާއި މަންފާ އެންމެ ފުރިހަމައަށް ލިބޭނެ ފަދަ ގޮތްގޮތަށް ބައިލެޓަރަލް ކޯޕަރޭޝަން އެއްބާރުލުން ފުންކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށް ޚާރިޖީ ވަޒީރު ހާމަކުރެއްވިއެވެ.
ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރާއްޖެއާއި ތައިލެންޑުގެ ޚާރިޖީ ވަޒީރުން ވަނީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ހިނގަމުންދާ މުހިންމު ކަންތައްތަކާ މެދު ދެ ބޭފުޅުންގެ ދެކެވަޑައިގަންނަވާ ގޮތްތަކާއި ވިސްނުންތައް ހިއްސާކުރައްވާފައެވެ. ދެ ގައުމުގެ މެދުގައި އޮންނަ ގުޅުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ބޭނުންތެރިކަމާއި، ދޭދޭ މަޝްވަރާތައް މެދުކެނޑުމެއްނެތި ބޭއްވުމުގެ މުހިންމުކަން ދެ ވަޒީރުންވެސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދެ ގައުމުގެ ހިއްސާވާ މަސްލަހަތުތަކާއި މުހިންމު ލަނޑުދަނޑިތައް ހާސިލުކުރުމުގައި، ބައިނަލްއަގުވާމީ މައިދާނުގައި އެކުއެކީގައި ގުޅިގެންނާއި ހަރުދަނާ ނިޒާމެއްގެ ތެރެއިން ކޯޑިނޭޓް ކުރެވިގެން މަސައްކަތް ކުރުމުގެ އަގުލަބިއްޔަތު ދެ ބޭފުޅުންވެސް ވަނީ މި ބައްދަލުވުމުގައި ތަކުރާރުކޮށް ކަށަވަރުކޮށްދެއްވާފައެވެ.
ތައިލެންޑަކީ ދިވެހިންގެ މެދުގައި ވިޔަފާރިއާއި، ބޭސްފަރުވާއާއި، އަދި ފަތުރުވެރިކަމުގެ ގޮތުން ނުހަނު މަގުބޫލު ގައުމަކަށް ވާއިރު، މި ބައްދަލުވުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުންތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ރާއްޖެއާއި ތައިލެންޑުގެ ޒަމާންވީ ގުޅުން ބަދަހިކުރަން ޚާރިޖީ ވަޒީރުންގެ މުހިންމު ބައްދަލުވުމެއް!

ޒަމާނީ ޓެކްނޮލޮޖީއާއެކު ފެނުގެ ނިޒާމުތައް ހަރުދަނާކުރަން ޔޫއޭއީއާއިއެކު ވެބިނާއެއް!

ބައިނަލްއަޤްވާމީ ޑިޕްލޮމަސީ ދުވަސް ފާހަގަކުރުމަށް ފޮރިން މިނިސްޓްރީން ޚާއްޞަ ޕެނަލް ޑިސްކަޝަނެއް!
.jpg&w=3840&q=75)



