
ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރަން "އެމްއެސްއެމްއީ ފެސްޓް" އާއެކު އެސްއެމްއީ ޑިޖިޓަލް އިން ކުލަގަދަ ހަރަކާތްތަކެއް!
# އެސްއެމްއީ ޑިޖިޓަލް-
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަސް (އެމްއެސްއެމްއީ ޑޭ) ގެ މުނާސަބަތުގައި، އެސްއެމްއީ ޑިޖިޓަލް އިން އިސްނަގައިގެން ކުދި ވިޔަފާރިތަކުގެ އަގުވަޒަންކޮށް އެފަރާތްތަކުގެ ކާމިޔާބީތައް ފާހަގަކުރުމަށްޓަކައި މިއަދު ވަރަށް ޚާއްޞަ އަދި ކުލަގަދަ ހަރަކާތްތަކެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

މިގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ގުޅިގެން "އެމްއެސްއެމްއީ ފެސްޓް 2026" ގެ ނަމުގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު ބޮޑު ފެސްޓިވަލެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދު (27 ޖޫން 2026) ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށް ކުރިއަށްދާ މި ފެސްޓިވަލްގައި، ރާއްޖޭގެ އަމިއްލަ އުފެއްދުންތައް ކުރިއަރުވާ 30 ވިޔަފާރިއަކަށް އެފަރާތްތަކުގެ ތަކެތި ދައްކާލައި ވިއްކުމަށް ސްޓޯލްތައް ދޫކޮށްފައިވެއެވެ. މީގެ އިތުރުން އެސްއެމްއީ ޑިޖިޓަލް، ބީސީސީ އަދި އިކޮނޮމިކް މިނިސްޓްރީގެ ޚާއްޞަ މައުލޫމާތު ސްޓޯލްތަކެއްވެސް މި ހަރަކާތުން ފެނިގެންދާނެއެވެ. ހަމައެހެންމެ، ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް) ގެ ޓީވީއެމް މެދުވެރިކޮށް ހެނދުނު 10:30 އިން ރޭގަނޑު 11:00 އަށް ކުދި ވިޔަފާރިތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ޚާއްޞަ ޓެލެތޯނެއްވެސް ވަގުތުން ދަނީ ދައްކަމުންނެވެ.
މި ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި އާންމުން ބައިވެރިކުރުވުމަށް "ޓެގް ޔޯ ފެވަރިޓް އެމްއެސްއެމްއީ" ގެ ނަމުގައި ފައިސާގެ އިނާމު ލިބޭ އިންސްޓަގްރާމް ކެމްޕެއިނެއް ފަށާފައިވާއިރު، ކުދި ވިޔަފާރިތަކުގެ ބުރަ މަސައްކަތް ފޮޓޯއިން ދައްކާލުމަށް "ކެޕްޗަރއެމްއެސްއެމްއީ" ގެ ނަމުގައި ފޮޓޯގްރަފީ މުބާރާތެއްވެސް ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން، ރަށްރަށުގެ ވިޔަފާރިތަކަށް ފުރުސަތުތައް އޮޅުންފިލުވައިދިނުމަށް އެސްއެމްއީ ޑިޖިޓަލް، ބޭންކް އޮފް މޯލްޑިވްސް، ބީސީސީ އަދި ހުރާ ކައުންސިލް ގުޅިގެން ކ. ހުރާގައި ޚާއްޞަ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ހިންގުމަށްވެސް ވަނީ ރާވާފައެވެ.
އެމްއެސްއެމްއީ ދުވަހުގެ މުނާސަބަތުގައި އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ދެއްވި މެސެޖެއްގައި ވިދާޅުވީ، ކުދި ވިޔަފާރިވެރިންނަކީ ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީގެ އެންމެ މުހިންމު ހިއްސާދާރުން ކަމަށާއި، ކޮންމެ ވިޔަފާރިއަކީ މުސްތަގުބަލަށް ކުރެވޭ ބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި އެސްއެމްއީ ޑިޖިޓަލްގެ އަމާޒަކީ ވިޔަފާރިތަކުގެ ކުރިއެރުމުގެ ކޮންމެ މަރުހަލާއެއްގައިވެސް އެހީތެރިވެ، ވިޔަފާރިވެރިންނަށް ބޭނުންވާ މާލީ އެހީތެރިކަމާއި ޒަމާނީ ފުރުސަތުތައް ފަހިކޮށްދިނުމުގައި ދެމިތިބުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގުޅުންހުރި

ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރަން "އެމްއެސްއެމްއީ ފެސްޓް" އާއެކު އެސްއެމްއީ ޑިޖިޓަލް އިން ކުލަގަދަ ހަރަކާތްތަކެއް!

އެސްއެމްއީ ޑިޖިޓަލްގެ ބްރޭންޑް ކެމްޕެއިން "އެސްއެމްއީ 360" އިފްތިތާހުކޮށްފި

ކަސްޓަމަރުންގެ މައުލޫމާތު ކަށަވަރުކުރުމަށް ޑީ.އެން.އާރުގެ އޭ.ޕީ.އައި ބޭނުންކުރުމަށް އެއްބަސްވެއްޖެ




