.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)

-
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ "އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އިން ޑިޕްލޮމަސީ" (ޑިޕްލޮމަސީގައި އަންހެނުންގެ ދުވަސް) ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން އިސްނަގައިގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގައި ޚާއްޞަ ޕެނަލް ޑިސްކަޝަނެއް މިއަދު ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.
"ވިމަން އިން އެކްޝަން: ޑިޕްލޮމަސީ އެކްރޮސް ސެކްޓާސް" ގެ ނަމުގައި ބޭއްވި މި ބައްދަލުވުމަކީ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ތަފާތު އެކި ދާއިރާތަކުން ޚާރިޖީ ގުޅުންތައް ދެމެހެއްޓުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރު ވަޒަންކުރުމަށް ބޭއްވި އިވެންޓެކެވެ.
މި އިވެންޓު ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް ވަނީ ޚާއްޞަ ކީ-ނޯޓް އެޑްރެސްއެއް ދެއްވާފައެވެ. އެކަމަނާގެ ވާހަކަފުޅުގައި، ޤައުމުގެ ސިޔާސަތުތަކާއި މުހިންމު ނިންމުންތައް ނިންމާ އެންމެ މަތީ މަރުހަލާގައި އަންހެނުންގެ ފުރިހަމަ، ހަމަހަމަ އަދި މާނަވީ ބައިވެރިވުން އޮތުމުގެ ބޭނުންތެރިކަމުގެ މައްޗަށް ބާރުއަޅުއްވާފައެވެ. އަދި އެކި ސިނާޢަތްތަކުގައި ޑިޕްލޮމަސީގެ ހަތިޔާރު ބޭނުންކޮށްގެން ހީވާގިކަމާއެކު ހަރަކާތްތެރިވާ އަންހެނުންގެ މަސައްކަތްތައް ފާހަގަކުރައްވައި، އަންނަން އޮތް ޖީލުތަކުގެ އަންހެން ލީޑަރުން ބާރުވެރިކުރުމަށާއި، އަންހެނުން ކުރިއަށްދިއުމަށް ހުރި ހުރަސްތައް ނައްތާލަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅަށްފަހު ކުރިއަށްދިޔަ ފުޅާ މަޝްވަރާ ޕެނަލްގައި ރާއްޖޭގެ އެކި ވުޒާރާތަކުގެ އިސް އަންހެން ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އައިމިނަތު ޝައިނާ، ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ މުންޝިދާ އިބްރާހިމް، ބަންޑާރަނައިބު އޮފީހުގެ އެސިސްޓަންޓ ޗީފް ކައުންސެލް ފައިނާ ފައްޔާޒު އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ޕްރިންސިޕަލް އިންޓަނޭޝަންސް ރިލޭޝަން އޮފިސަރ ފާތިމަތު އުސްރާ ހިމެނެއެވެ. ފޮރިން މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ މަރްޔަމް ފާތިކާ ފަޔާޒް މޮޑަރޭޓްކުރެއްވި މި ޕެނަލްގައި، ބައިނަލްއަޤްވާމީ ގުޅުންތަކުގައި އަންހެނުންގެ ދައުރާއި، ޤައުމުގެ އެންމެ މަތީ މަސްލަޙަތު ކުރިއެރުވުމުގައި އަންހެނުން ޙިއްސާވާ ގޮތްތަކުގެ އިތުރުން ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން ފުންކޮށް މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ މަރިޔަމް މިދުފާ ނަޢީމް އަދި ޑެޕިއުޓީ ޑެސްކް އޮފިސަރ އާމިނަތު އިސްފާ އިބްރާހީމްވެސް ވާހަކަދެއްކެވިއެވެ. މި ޚާއްޞަ ޖަލްސާގައި މިނިސްޓްރީގެ މުވައްޒަފުންގެ އިތުރުން ރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިސްވެރިންނާއި، ސްކޫލް ކޮލެޖުތަކުގެ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވިއެވެ. ފާހަގަކޮށްލަންޖެހޭ ގޮތުގައި، މިއީ ދިވެހިރާއްޖެއިން އިސްވެ އދ. ގެ ޢާންމު މަޖިލީހަށް ހުށަހަޅައި، 191 ޤައުމެއްގެ ބޮޑު ތާއީދަކާއެކު 2022 ވަނަ އަހަރު ފާސްކުރި ތާރީޚީ ޤަރާރެއްގެ ދަށުން މުޅި ދުނިޔޭގައި ފާހަގަކުރަން ފެށި ބައިނަލްއަޤްވާމީ ދުވަހެކެވެ.


.jpg?w=3840&q=75)

.jpeg?w=3840&q=75)


