
ޓޭކްއަވޭ އަދި ކެފޭތަކަށް އަމާޒުކޮށް ހިންގި ރޭޑެއްގައި ޤަވާއިދާ ޚިލާފަށް އުޅުނު 3 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް!
# މޯލްޑިވްސް އިމިގްރޭޝަން-
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރާއި މޯލްޑިވްސް އިމިޤްރޭޝަން ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައި، އިމިގްރޭޝަންގެ ޓާސްކް ފޯހުން އިއްޔެ ވަނީ ޚާއްޞަ ރޭޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.

މި ފަހަރުގެ އޮޕަރޭޝަން ޚާއްޞަކޮށްފައިވަނީ ކާބޯތަކެތީގެ ޚިދުމަތްދޭ ޓޭކްއަވޭ އައުޓްލެޓްތަކާއި ކެފޭތަކަށެވެ. މިއީ އާންމު ސިއްހަތާއި ވިޔަފާރިތަކުގެ ގާނޫނީ ސައްހަކަން ކަށަވަރުކުރުމަށްޓަކައި އިމިގްރޭޝަނުން ފަށާފައިވާ ހަރުދަނާ މޮނީޓަރިންގ ހަރަކާތްތަކުގެ ތެރެއިން ހިންގުނު ރޭޑެކެވެ.
އިއްޔެ ކުރިއަށްދިޔަ މި ހަރަކާތުގައި ޓޭކްއަވޭތަކާއި ކެފޭތަކުގައި މަސައްކަތް ކުރަމުންދިޔަ ޖުމްލަ 8 ބިދޭސީއެއްގެ ވިސާއާއި ރަސްމީ ލިޔެކިޔުންތައް ބަލައި ފާސްކޮށްފައިވެއެވެ. މިގޮތުން ބެލިބެލުމުން އިމިގްރޭޝަނުގެ ގަވާއިދުތަކާ ޚިލާފަށް، ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ 3 ބިދޭސީއަކު ފާހަގަކުރެވިގެން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ސަރުކާރުން ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ކުރިއަށް އޮތް 6 މަސްދުވަހަށް އަމާޒުކޮށްގެން ހިންގާ ޚާއްޞަ މަސައްކަތްތަކުގެ ދަށުން މިފަދަ ރޭޑްތައް މާލޭގެ އެކި ސަރަހައްދުތަކުގައި ދަނީ މެދުކެނޑުމެއްނެތި ބާއްވަމުންނެވެ.
މިހާރު ކުރިއަށްދާ އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފޭސްގެ ދަށުން 2895 މީހުން ހޯދައި އެ މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ދަނީ ހަލުވިކަމާއެކު ކުރަމުންނެވެ. މީގެ އިތުރުން، އަމިއްލައަށް ވިޔަފާރިކޮށްގެން އުޅޭ ބިދޭސީންނާއި، ސައްޚަ ވޯކްޕާމިޓް ނެތް ފަރާތްތައް ހޯދައި ރާއްޖެއިން ފޮނުވާލުމުގެ ބޮޑު އޮޕަރޭޝަނެއް ދަނީ ހިންގަމުންނެވެ. ސަރުކާރުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، އަންނަ އަހަރުން ފެށިގެން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ، އިތުރު އެއްވެސް ފުރުސަތެއް ދިނުމަކާ ނުލައި ވަގުތުން ޑީޕޯޓު ކުރަމުންދާނެއެވެ.
އިމިގްރޭޝަނުން މިހާރު ދަނީ ވިޔަފާރިތަކުގައި މަސައްކަތްކުރާ ބިދޭސީންގެ ވޯކް ޕާމިޓް ފީ ދެއްކުމަށް ލުއިފަސޭހަ އިންތިޒާމުތަކެއްވެސް ހަމަޖައްސައިދެމުންނެވެ. މިއީ ދިވެހި ވިޔަފާރިވެރިންނަށް އެ މީހުން ގެންގުޅޭ ބިދޭސީ މަސައްކަތްތެރިން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ލިބޭ ބޮޑު ހިތްވަރެކެވެ. އިމިގްރޭޝަނުން ވަނީ ދިވެހި ހުރިހާ ވިޔަފާރިވެރިންވެސް ގަވާއިދާ އެއްގޮތަށް ބިދޭސީން ގެންގުޅުމަށާއި، މިފަދަ ގައުމީ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ.
ގުޅުންހުރި

ޓޭކްއަވޭ އަދި ކެފޭތަކަށް އަމާޒުކޮށް ހިންގި ރޭޑެއްގައި ޤަވާއިދާ ޚިލާފަށް އުޅުނު 3 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް!

ޤަވާއިދާ ޚިލާފަށް އުޅެމުން އައި 5 ބިދޭސީން ހައްޔަރުކޮށްފި

ދަރަވަންދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި




