logoEN
WAMCO TOP 1
ބެލްޖިއަމް ސަފީރު ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި

ބެލްޖިއަމް ސަފީރު ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި

އަހުމަދު ޝުރާއު

logo

6/22/2026, 3:05:06 PM

# ރާއްޖެ - ބެލްޖިއަމް

-

ބެލްޖިއަމް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑަންޓް ސަފީރު، ހިޒް އެކްސަލަންސީ ޑިޑިއަރ ވެންޑަރހެސްލްޓް، ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އަރިހަށް މިއަދު ހެނދުނު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

THE TRAVELLER AD

ޚާރިޖީ ވުޒާރާގައި ކުރިއަށް ދިޔަ މި ރަސްމީ ބައްދަލުވުމުގައި، ސަފީރު ވެންޑަރހެސްލްޓްގެ ސަފީރުކަމުގެ ދައުރުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ސިޔާސީ އަދި އިޤްތިޞާދީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްޕުޅުތައް މިނިސްޓަރު ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު އިރުތިޝާމް ވަނީ، ސަފީރު ކުރެއްވި އިޚްލާޞްތެރި މަސައްކަތްޕުޅުތަކަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައި، ކުރިއަށް އޮތް ތަނުގައި އެމަނިކުފާނުގެ ސިޔާސީ ޚިދުމަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ވަޒީރާއި ސަފީރު ވަނީ ދެ ޤައުމުގެ މަސްލަހަތު ހުރި މުހިންމު ދާއިރާތަކުން، ޚާއްޞަކޮށް ތިމާވެއްޓާއި، ވިޔަފާރިއާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ މެދު ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއާއި ބެލްޖިއަމްއާ ދެމެދު މިހާރު އޮތް ގާތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް ޚާއްޞަ އަހަންމިއްޔަތުކަމެއް ދޭނެކަން ވަޒީރު އިރުތިޝާމް ތަކުރާރު ކުރެއްވިއެވެ. އަދި ބެލްޖިއަމް ސަރުކާރުން ރާއްޖެއަށް ދެން ކަނޑައަޅުއްވާ އައު ސަފީރެއްގެ ދައުރުގައިވެސް، ދެ ޤައުމުގެ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށްޓަކައި ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ޚާރިޖީ ވަޒީރު ވަނީ އަރުވާފައެވެ.

މި މުހިންމު ވަދާޢީ ބައްދަލުވުމުގައި ޚާރިޖީ ވަޒީރުގެ އަރިހުގައި، ފޮރިން ސެކްރެޓަރީ ފާޠިމަތު ޢިނާޔާގެ އިތުރުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ ޑރ. ހާލާ ޙަމީދު އާއި، ޖޮއިންޓް ސެކްރެޓަރީ ޙަސަން ޙުސައިން ޝިހާބް އާއި، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަޙްމަދު ހާނީ ނަޢީމް އަދި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ޢާއިޝާ މަޔާސީން މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް
ފަހުގެ
HDC