
ބެލްޖިއަމްގައި މަތީ ތަޢުލީމު ޙާސިލުކުރުމުގެ ފުރުޞަތުތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
# ރާއްޖެ - ބެލްޖިއަމް--
ދިވެހިރާއްޖެއިން ބެލްޖިއަމް އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޤީލާ ޢަލީ، ބެލްޖިއަމް ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ފޮރ އޭޝިއާ އެންޑް އޯޝަނިއާ، އެމްބެސެޑަރ ފްރާންސުއާ ޑެލްހަޔެ އާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ބެލްޖިއަމް އާ ދެމެދު އޮންނަ ޒަމާންވީ ގުޅުމުގެ މައްޗަށް ސަފީރު ޤީލާ އަލިއަޅުއްވާފައި ވެއެވެ. އަދި މިގާތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި، ބެލްޖިއަމް ސަރުކާރާއިއެކު އިތުރު މަޝްވަރާތައް ކުރިއަށް ގެންދެވިދާނެ ދާއިރާތަކުގެ މައްޗަށް މަޝްވަރާކުރެއްވިއެވެ.
އެގޮތުން، އިގްތިސާދާއި ވިޔަފާރީގެ ގުޅުންތައް ވަރުގަދަ ކުރުމަށާއި ދިވެހި ކިޔަވާކުދިންނަށް ބެލްޖިއަމްގައި މަތީ ތަޢުލީމު ޙާސިލުކުރުމުގެ ފުރުޞަތުތައް އިތުރުކުރުމާ ގުޅޭގޮތުން ދެ ސަފީރުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ޔޫރަޕިއަން ޔޫނިއަން އާއެކު ދިވެހިރާއްޖެއިން ކުރިއަށް ގެންދާ މުހިންމު މަޝްވަރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ސަފީރު ޤީލާ އާ އެކު އެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ މުހައްމަދު ޝައްފާއު އިބްރާހިމް އަދި ސެކަންޑް ސެކްރެޓަރީ ހަސަން ނަވާފު ބައިވެރިވެވަޑައިގަތެވެ.