
-
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ "މޫދު ފެސްޓް 2026" ގެ ޚާއްޞަ ހަރަކާތްތައް އާންމުންގެ ބޮޑު ތަރުޙީބަކާއެކު އިއްޔެ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ހުޅުމާލޭ ދިރާގު ބީޗު ސަރަޙައްދުގައި އިއްޔެ ހެނދުނު ބޭއްވި މި ފެސްޓިވަލް ރަސްމީކޮށް ފައްޓަވައިދެއްވީ މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އެވެ. ވަޒީރުގެ އަރިހުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރ.ޓ.ޑ) ޢަލީ ޒުހަރުވެސް ބައިވެރިވެވަދައިގެންނެވިއެވެ.
ވޭތުވެދިޔަ ދެ އަހަރެކޭ އެއްފަދައިން މިއަހަރުގެ ފެސްޓިވަލްގައިވެސް ކުޑަކުދިންނަށާއި އާއިލާތަކަށް ޚާއްޞަކޮށްގެން މައުލޫމާތުން ފުރިގެންވީ ތަފާތު ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން ކަނޑުފަޅުތަކުގެ ދިރުންތަކާ ބެހޭގޮތުން ކުޑަކުދިންނަށް އޮޅުންފިލުވައިދިނުމަށް ޚާއްޞަ ސްޓޯލްތަކެއް ބަހައްޓާފައި ހުއްޓެވެ. މިއީ ސަރުކާރުގެ މުއައްސަސާތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ދިރާސާކުރާ އިދާރާތަކާއި، ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ގްރޫޕްތަކުގެ އިތުރުން އަމިއްލަ ކުންފުނިތައް ގުޅިގެން، ކަނޑުފަޅުތައް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް ދައްކާލުމަށާއި އާންމުން ހޭލުންތެރިކުރުވުމަށް ބޭއްވި ބޮޑު ހަރަކާތެކެވެ.
މި ފެސްޓިވަލްގެ އެންމެ ޚާއްޞަ އެއް ހަރަކާތެއްގެ ގޮތުގައި އިއްޔެ ހެނދުނު 9:00 ގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން "އެންމެން މޫދަށް" ގެ ނަމުގައި ވަނީ ތާރީޚީ ހަރަކާތެއް ކުރިއަށްގެންގޮސްފައެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް ގަޑިއެއްގައި އެންމެން މޫދަށް އެރި، ތަފާތު މޫދު ކުޅިވަރުތައް ކުޅުމަށް ރޭވި މި ހަރަކާތުގައި ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަކުން ރައްޔިތުން ވަނީ އެއް ރޫހެއްގައި އަމަލީގޮތުން ބައިވެރިވެ، ކަނޑުތަކަށް އޮތް ލޯބި ހާމަކޮށްދީފައެވެ.
މީގެ އިތުރުން، ފެސްޓިވަލްގެ ތެރެއިން ކުޑަކުދިންނަށް އަމާޒުކޮށްގެން ފީނުމުގެ އަސާސްތައް ދަސްކޮށްދޭ "ޑިސްކަވަރ ބަބުލް" ގެ ނަމުގައި ޚާއްޞަ ހަރަކާތަކާއި، ރާއްޖޭގެ ފަރުތައް ދިރުވުމުގެ މަޤްޞަދުގައި މުރަކަ އިންދުމުގެ އަމަލީ ހަރަކާތެއްވެސް ވަނީ ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފައެވެ. މިނިސްޓްރީން ހާމަކުރާ ގޮތުގައި، މި ފެސްޓިވަލަށް ލިބުނު ބޮޑު ތަރުޙީބުގެ ސަބަބުން، ކަނޑުފަޅުތަކުގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރުމަށް އަންނާނެ ޖީލުތައް ހޭލުންތެރިކުރުވުމަށް ކުރާ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ވަނީ ލިބިގެންގޮސްފައެވެ.




