
ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ޚާއްސަ "މޫދު ފެސްޓް 2026" ކުލަގަދަކޮށް ހުޅުމާލޭގައި ފަށައިފި
# މޫދު ފެސްޓް-
ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ކަނޑުތަކުގެ ދިރުންތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި މޫދުގެ ކުޅިވަރުތައް ކުރިއެރުވުމުގެ ގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން "މޫދު ފެސްޓް 2026" ގެ ނަމުގައި ޚާއްޞަ ފެސްޓިވަލެއް ރަސްމީކޮށް ފަށައިފިއެވެ.

ހުޅުމާލޭގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ފެސްޓިވަލް ރަސްމީކޮށް ފަށްޓަވައިދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ކަނޑުތަކަކީ ދިވެހީންގެ ޒަމާންވީ އާދަކާދައާއި، ސަޤާފަތާއި އަދި ދިވެހިންގެ މުޅި ދިރިއުޅުން އެ ވަސީލަތެއްގެ މައްޗަށް އެންމެ ބޮޑަށް ބަރޯސާވެފައިވާ މައިގަނޑު އަސާސް ކަމަށެވެ. އެހެންކަމުން، ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ހަމައެކަނި ވަކި ބައެއްގެ މަސައްކަތެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި، މުޅި މުޖުތަމައުގެ އެންމެންގެ ފަރުދީ ޒިންމާއަކަށް ހަދަންޖެހޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ، މި މުއްސަނދި ވަސީލަތް މިހާރަށްވުރެ ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކާ ހަމައަށް އޭގެ އަސްލު ފެންވަރުގައި ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަކީ އެންމެންގެ ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ.
މި ފެސްޓިވަލް ކުރިއަށްދާ ގޮތާ ގުޅޭގޮތުން މަސްވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އައިމިނަތު ހުސައިން ޝަރީފް ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، "މޫދު ފެސްޓް 2026" ކުރިއަށްގެންދިއުމަށް ރޭވިފައިވަނީ އާންމުންނަށް ވީހާވެސް ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެވޭނެހެން ދެ ދަންފަޅިއަކަށް ބަހާލައިގެން ކަމަށެވެ.
އެގޮތުން ފުރަތަމަ ދަންފަޅީގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ކުޑަކުދިންނަށް ކަނޑުގެ އަޑީގެ ރީތިކަން އަމަލީ ގޮތުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށް ބާއްވާ "ޑިސްކަވަރ ޑައިވް" ހަރަކާތެވެ. މީގެ އިތުރުން ތިމާވެށީގެ ޚާއްޞަ ހަރަކާތެއްގެ ގޮތުން ފަރުތައް ދިރުވުމަށްޓަކައި މުރަކަ އިންދުމުގެ އަމަލީ މަސައްކަތްތަކެއްވެސް މި ދަންފަޅީގެ ތެރޭގައި ކުރިއަށްދާނެ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
ފެސްޓިވަލްގެ ދެވަނަ ދަންފަޅި ޚާއްޞަކޮށްފައިވަނީ ހަވީރު 3:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށެވެ. މި ވަގުތުތަކުގައި މޫދުގެ ތަފާތު ކުޅިވަރުތައް ހިމެނޭ ވޯޓަރ ސްޕޯޓްސްގެ ގިނަ ހަރަކާތްތަކެއް ކުރިއަށްދާއިރު، އެކި މުއައްސަސާތަކާއި ޖަމްޢިއްޔާތަކުން ތިމާވެއްޓާއި ކަނޑުގެ ދިރުންތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ހަދާފައިވާ ޚާއްޞަ ސްޓޯލްތައްވެސް ފެނިގެންދާނެއެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން މިއަހަރު ގިނަ ހަރަކާތްތަކެއް ރާވާފައިވާއިރު، މީގެ ތެރެއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ފޯރިގަދަ ފަރުމަސް ބޭނުމުގެ މުބާރާތް ރޭ ވަނީ ވަރަށް ކާމިޔާބުކަމާއެކު ބާއްވާ ނިންމާލާފައެވެ.



