
-
އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މިރޭ މާލޭގައި ބޭއްވުމަށް އިންތިޒާމުކޮށްފައިވާ ބޮޑު އިހުތިޖާޖާ ދިމާކޮށް، މާލޭގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން މިރޭގެ ވަގުތެއްގައި މާލޭގެ އެކި ސަރަހައްދުތަކުގެ މަގުތައް ބަންދުކޮށް ޓްރެފިކް ފްލޯއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމަވައިފިއެވެ.

ފުލުހުން ސޯޝަލް މީޑިއާގައި އާންމުކުރި ރަސްމީ ޕޯސްޓެއްގައި ބުނެފައިވަނީ، މާލޭގެ ޓްރެފިކް ކަންކަން އެންމެ ފުރިހަމައަށް ބެލެހެއްޓުމަށްޓަކައި މިރޭ 20:00 އިން ފެށިގެން ދަމުގެ 00:00 އާ ހަމައަށް މާލޭގެ އެކި ސަރަހައްދުތައް އާންމު ދަތުރުފަތުރަށް ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ބަދަލަކީ އެމްޑީޕީން މިރޭ މާލޭގެ މަގުމަތީގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ސިޔާސީ ހަރަކާތާ ގުޅިގެން، ކުއްލި ގޮތަކަށް މަގުތަކުގެ ޓްރެފިކް ފްލޯއަށް ގެނައި ބަދަލެއް ކަމަށް ބެލެވެއެވެ.
އެމްޑީޕީގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި، މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އިހުތިޖާޖަކީ ސަރުކާރުގެ އެކި ކުންފުނިތަކުން ސިޔާސީ ފިކުރާ ގުޅުވައިގެން، ވަކި ފިކުރެއްގެ މުވައްޒަފުން ގަވާއިދާ ޚިލާފަށް ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ބުނެ، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ބާއްވާ ހަރަކާތެކެވެ.
އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް ތައްޔާރުވަމުންދާއިރު، ފުލުހުންގެ އިދާރާއިން ވަނީ މާލޭގެ ސަލާމަތީ ކަންކަން ކުރިއަށްވުރެ ބޮޑަށް ވަރުގަދަކޮށްފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން އެއްވާނެ ކަމަށް ބެލެވޭ ސަރަހައްދުތަކާއި ސަރުކާރުގެ މުހިންމު އިމާރާތްތައް ހުންނަ ސަރަހައްދުތަކުގެ ސަލާމަތްތެރިކަން ދެމެހެއްޓުމަށްޓަކައި، ގިނަ އަދަދެއްގެ ފުލުހުން މަގުތަކަށް ނެރުމަށް މިހާރު ވަނީ ނިންމާފައެވެ.
އަދި ބައެއް ސަރަހައްދުތަކުގައި ބެރިކޭޑް ޖަހައި ބަންދުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.






