
ނޯޓު: މިއީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޮޓޯއެއް.
ރާއްޖޭގެ ސިއްހީ ޚިދުމަތްދޭ ބޮޑެތި ހޮސްޕިޓަލްތަކަށް ޑޮކްޓަރަށް ދައްކަން ދިއުމަކީ، އާންމުގޮތެއްގައި މުޅި ދުވަސް ނުވަތަ ދުވަހުގެ ބޮޑު ބައެއް އެކަމަށް ހޭދަކުރަންޖެހޭ ކަމެކެވެ.

މިއީ ވަޒީފާތަކުގައި އުޅޭ މީހުންނަށާއި، އަމިއްލަ އެކި މަސައްކަތްތައް ކުރާ ފަރާތްތަކަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ގިނަ ފަހަރަށް ހެނދުނު 8:00 ގައި ފަށަން އޮންނަ ޑޮކްޓަރު އަންނަންދެން 9:30 ނުވަތަ 10:00 ޖަހަންދެން އިންތިޒާރު ކުރަންޖެހުމާއި، އޭގެ ފަހުން ހަދަންދޭ ޓެސްޓުތަކުގެ ކިއުތަކުގައި ގިނައިރުވުމުގެ ސަބަބުން، އެދުވަހުގެ ވަޒީފާއަށް ސަލާން ނުބުނެ ފަރުޖެއްސޭނެ އެއްވެސް ގޮތެއް ގިނަ ފަހަރު ހަމަ ނޯވެއެވެ.
ހަމައެހެންމެ، ހަވީރު 3:00 ގައި އޮންނަ އެޕޮއިންޓްމަންޓަކަށް، ކިއުގެ ކުރީކޮޅުން (މިސާލަކަށް 3 ވަނަ ޓޯކަން) ލިބިގެން، ޑޮކްޓަރަށް ދެއްކުމަށްފަހު ހަވީރު 4:00 ގައި އެހެން ކަމަކަށް ގަޑި ކިޔައިގެން ދާއިރު، ޑޮކްޓަރު ކޮޓަރިއަށް ވަންނަނީ 3:45 ގައެވެ. މިއީ މިއަދު ރާއްޖޭގެ ކްލިނިކު ތަކުންނާއި ހޮސްޕިޓަލްތަކުން ފެންނަ އާންމު މަންޒަރެކެވެ.
ނަމަވެސް، މި ހާލަތަށް ބަލާއިރު، މިއީ ހަމައެކަނި ޑޮކްޓަރުންގެ އިހުމާލުން ވާކަމެއް ނޫނެވެ. މީގެ ފަހަތުގައި ގިނަ ހަގީގަތްތަކެއް އެބަހުއްޓެވެ.
ރައުންޑްސް އަދި އެމަޖެންސީ ހާލަތްތައް: ކްލިނިކަށް އައުމުގެ ކުރިން ޑޮކްޓަރުން ވޯޑުތަކުގައި އެޑްމިޓްކޮށްފައި ތިބޭ ބަލިމީހުން ބަލައި، "ރައުންޑްސް" ނިންމައެވެ. ވޯޑުގައި ހުންނަ ބަލިމީހެއްގެ ހާލަތު ސީރިއަސްވެއްޖެ ނަމަ، ކްލިނިކް ގަޑިއަށްވުރެ އެމަޖެންސީއަށް އިސްކަންދޭން ޖެހެއެވެ.
ޑޮކްޓަރުންގެ ދަތިކަން: ރާއްޖޭގެ އާބާދީއާ އަޅާބަލާއިރު ސްޕެޝަލިސްޓް ޑޮކްޓަރުންގެ އަދަދު މަދެވެ. އެއް ޑޮކްޓަރަކު ވޯޑު ބެލުމާއި، އޯ.ޕީ.ޑީ (OPD) ކްލިނިކް ހިންގުމާއި، އެމަޖެންސީއަށް އެޓެންޑްވުމާއި، އޮޕަރޭޝަންތައް ކުރަންޖެހުމުން ވަގުތުތައް ފުށުއަރައެވެ.
އިދާރީ އަދި ޓެކްނިކަލް މައްސަލަތައް: ހޮސްޕިޓަލްގެ ސިސްޓަމްތަކަށް ދިމާވާ މައްސަލަތަކާއި، ލެބޯޓްރީ ޓެސްޓުތައް ލަސްވުމަކީ ވެސް ޑޮކްޓަރުންނަށް ބަލިމީހުން ބެލުމުގައި ލަސްތަކެއް ދިމާވާ ސަބަބުތަކެކެވެ.
މި ހުރިހާ ލަސްތަކެއްގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އާންމު ދިރިއުޅުމުގައި ކިއުތަކުގައި މަޑުކުރަން ބޭނުންނުވާ ދިވެހިން، ހޮސްޕިޓަލްތަކުގައި ދައްކާ އާދަޔާޚިލާފު ކެތްތެރިކަމެވެ. މިއީ އިޖުތިމާއީ ގޮތުން ދިރާސާކޮށްލަން ބޭނުންތެރި މައުޟޫއެކެވެ.
މި ކެތްތެރިކަން ދިވެހިންގެ ފަރާތުން މަގުމަތީގެ ޓްރެފިކުން ފެންނާނެ ނަމައޭ ހިތަށްއަރައެވެ. މަގުމެދަށް މަޑުކޮށްލައިގެން އޮންނަ ޓެކްސީއަކުން އުމުރުން ދުވަސްވީ މީހަކު ފައިބަންދެން، ނުވަތަ ކަންމަތީގައި މުދާ ބާލަން މަޑުކޮށްލައިގެން އޮންނަ ޕިކަޕެއްގެ މަސައްކަތް ނިމެންދެން މަޑުކޮށްލާނެ ކެތްތެރިކަމެއް މަގުމަތިން ގިނަ ފަހަރަށް ނުފެނެއެވެ. ބަދަލުގައި އިވެނީ ބަރުގޮނު އެޅުމާއި ހާސްކަމުގެ އަޑުތަކެވެ.
އަދި އެއަށްވުރެ ބޮޑަށް އަޖައިބުވާ ކަމަކީ، ސަރުކާރުގެ ޚިދުމަތްދޭ އެހެން އޮފީހަކަށް ގޮސް ކުޑަކޮށް ލަސްވާއިރަށް، މީހުން ރުޅިގަދަވެ، އަޑުގަދަކޮށް، މުވައްޒަފުންނާ ދިމާލަށް އެއްޗެހި ކިޔާއިރު، ހޮސްޕިޓަލްގައި ޑޮކްޓަރު އަންނަންދެން ގަޑިއެއްހާއިރު މަޑުކުރަން ޖެހުނަސް އެފަދަ ހަރުކަށިކަމެއް ނުފެންނާތީއެވެ.
މީގެ ސަބަބަކީ، އިންސާނާގެ ސިއްހަތާއި ފުރާނައާ ގުޅިފައިވާ ކަންކަމުގައި ޑޮކްޓަރުންނަށް ކުރެވޭ އިހުތިރާމް ބޮޑުވުމެވެ. އަދި ޚިދުމަތް ނުލިބިދާނެ ފަދަ ބިރެއް ނުވަތަ މަޖުބޫރުކަމެއް އޮތުމުން ކަމަށް ވެސް ވެދާނެއެވެ.
ހޮސްޕިޓަލްތަކުގެ މިފަދަ ލަސްވުންތަކަކީ ޑޮކްޓަރުންގެ އަމިއްލަ މައްސަލައަކަށްވުރެ ބޮޑަށް، ސިއްހީ ނިޒާމުގެ މެނޭޖްމަންޓް ރަނގަޅުކޮށްގެން ހައްލުކުރެވެން އޮތް ކަމެކެވެ. އަދި ހޮސްޕިޓަލްތަކުގައި ދިވެހިން އެ ދައްކާ ރީތި ކެތްތެރިކަން، އަހަރެމެންގެ މަގުމަތީގެ އަދަބުތަކަށާއި އާންމު ދިރިއުޅުމުގެ އެހެން ދާއިރާތަކަށް ވެސް ގެނެވިއްޖެ ނަމަ، މުޖުތަމައު މިއަށްވުރެ މާ އަމާންވެގެންދާނެއެވެ.
ގުޅުންހުރި

ރާއްޖޭގެ ސިއްހީ ނިޒާމުގެ ކިއުތަކާއި ދިވެހިންގެ ކެތްތެރިކަން!

ސްޓޭޓް ފާމަސޫޓިކަލް އިން ގެންނަ ބޭސްތައް އެޕްރީލް މަހުގެ ތެރޭގައި ލިބޭނެ: ރައީސް

މިދައުރުގައި ފެންނާނީ ޞިއްޙީ ދާއިރާގެ އައު ބާބެއް - ނާޒިމް




