
ފުލުހުންގެ އޮޕަރޭޝަނަލް ޤާބިލުކަން މަތިކުރުމަށް، "ސްޕެޝަލް އޮޕަރޭޝަން ޓްރޭނިންގ" ޕްރޮގްރާމް 34 ފުލުހުންނާއެކު ފަށައިފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޕެޝަލް ރެސްޕޮންސް އެންޑް ޑިޕްލޮއިމަންޓްގެ މުވައްޒަފުންގެ އޮޕަރޭޝަނަލް ގާބިލުކަން މިހާރަށްވުރެ އިތުރުކުރުމަށާއި، ކުއްލި އެކިއެކި ހާލަތްތަކުގައި އޮޕަރޭޝަންތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެ ފަދަ ޚާއްޞަ ހުނަރުވެރި ފުލުހުން ބިނާކުރުމުގެ މަގުސަދުގައި "ސްޕެޝަލް އޮޕަރޭޝަން ޓްރޭނިންގ" ޕްރޮގްރާމެއް ރަސްމީކޮށް ފަށައިފިއެވެ.

މިއީ ރާއްޖޭގެ ދާޚިލީ ސަލާމަތާއި އަމާންކަން ދެމެހެއްޓުމުގައި ފުލުހުންގެ ކުރިމަގަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
2026 ޖޫން 14 ވަނަ ދުވަހު ފެށި މި ހަރުދަނާ ތަމްރީނު ޕްރޮގްރާމަކީ މާލެ ސަރަހައްދުގެ އިތުރުން ދ. ވާނީގައި ހުންނަ ފުލުހުންގެ ތަމްރީނު ކެމްޕަހުގައި ޖުމްލަ ހަތް ހަފުތާގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބުރަ ޕްރޮގްރާމެކެވެ.
މި ތަމްރީން ޕްރޮގްރާމްގައި ސްޕެޝަލް ރެސްޕޮންސްގެ ދާއިރާއިން ޖުމްލަ 34 ފުލުހުން ބައިވެރިވެފައިވާއިރު، މީގެ ތެރޭގައި 27 ފިރިހެން ފުލުހުންގެ އިތުރުން އޮޕަރޭޝަންތަކުގައި އަންހެން ފުލުހުންގެ ދައުރު ބޮޑުކުރުމުގެ ގޮތުން 7 އަންހެން ފުލުހުންވެސް ހިމެނެއެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން އިސްނަގައިގެން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ސަބަބުން، ސްޕެޝަލް ރެސްޕޮންސް އެންޑް ޑިޕްލޮއިމަންޓްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަތިވެގެންދާނެއެވެ. އަދި ކުއްލި ނުރައްކާތެރި އޮޕަރޭޝަންތަކުގައި ހަލުވި، ހަރުދަނާ އަދި ރައްކާތެރި ފިޔަވަޅުތައް އެޅުމަށް ބޭނުންވާ އެންމެފަހުގެ ފަންނީ ހުނަރާއި އަމަލީ ގިނަ ތަޖުރިބާތަކެއް ފުލުހުންނަށް މި ދުވަސްވަރުގެ ތެރޭގައި ދަސްކޮށްދެވޭނެއެވެ.







