
މީކާއިލް ބަލިގަބޫލުކުރައްވައިފި: "ރައީސް ނަޝީދަށް މަރުޙަބާ، 2028 ކާމިޔާބުކުރަން އެކީގައި މަސައްކަތްކުރާނަން!"
# މީކާއީލް ނަސީމް-
އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވާދަވެރި އަދި ނަމޫނާ ކެމްޕޭނެއް ކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް، އިންތިޚާބުގެ ބޮޑު ކާމިޔާބީ ހޯއްދެވި ރައީސް މުޙައްމަދު ނަޝީދަށް ފޯނުން ގުޅުއްވައި ރަސްމީކޮށް މަރުޙަބާ ދަންނަވައި، އިންތިޚާބުގެ ނަތީޖާ ގަބޫލުކުރައްވައިފިއެވެ.

މީކާއިލް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިރުކޮޅެއް ކުރިން ރައީސް ނަޝީދަށް ފޯނުން ގުޅުއްވައި، އެމަނިކުފާނު ހޯއްދެވި ފުރިހަމަ އަދި ކާމިޔާބު ނަތީޖާއަށްޓަކައި ހިތުގެ އަޑިން މަރުޙަބާ ދަންނަވާފައިވާނެ ކަމަށެވެ. އަދި އެތެރޭގެ ވާދަވެރިކަން މިހާރު ނިމިފައިވާއިރު، ދެން އޮތީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ބާއްވައިގެން ކުރިއަށްދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ބޮޑު ސިޔާސީ މައިދާނަށް އަލިއަޅުއްވާލައްވަމުން މީކާއިލް ވިދާޅުވީ، 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށްޓަކައި، މުޅިން އައު ޢަޒުމަކާއި ރޫޙެއްގައި ޕާޓީގެ އެންމެހާ ސަފުތަކާއެކު ބުރަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އަދި އިންތިޚާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް، ޕާޓީގެ ހުރިހާ ޢާންމު މެންބަރުންނާއެކު އަބަދުމެ ސާބިތުކަމާއެކު ދެމީހުންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަންވެސް އޭނާ ވަނީ މެންބަރުންނަށް ދެއްވާފައެވެ.
މި އިންތިޚާބަކީ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ކުއްލި ގޮތަކަށް މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވުނު އިންތިޚާބަކަށް ވާއިރު، ފައްޔާޒްވެސް ވަނީ މި އިންތިޚާބުގައި ރައީސް ނަޝީދަށް ފާޅުގައި ތާއީދުކުރައްވާފައެވެ.


.jpg&w=3840&q=75)

