
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރަން މިއަހަރުވެސް ހުޅުމާލޭގައި 'އޯޝަން ފެސްޓިވަލް' ބާއްވަނީ!
# މަސްވެރިކަމާއި ކަނޑުތަކާ ބެހޭ ވުޒާރާ-
2026 ވަނަ އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން އިންތިޒާމުކޮށްގެން ހުޅުމާލޭ ދިރާގު ބީޗު ސަރަޙައްދުގައި 'އޯޝަން ފެސްޓިވަލް' ގެ ނަމުގައި ޚާއްޞަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފި އެވެ.

މި މަހުގެ 20 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 17:30 އާ ހަމައަށް ކުރިއަށްދާ މި ފެސްޓިވަލަކީ ކަނޑުތަކުގެ ދިރުންތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި، މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާއެކު އާއިލާތަކަށް ހުޅުވާލައިގެން ބާއްވާ ބޮޑު ޙަރަކާތެކެވެ.
މިއަހަރުގެ ކަނޑުތަކުގެ ދުވަހަށް ކަނޑައަޅާފައިވާ ޚާއްޞަ ޝިޢާރަކީ 'Reimagine: Beyond The World We Know, A New Relationship With Our Ocean' މިއެވެ.
މި ޝިޢާރުގެ ދަށުން ކުޑަކުދިންގެ މެދުގައި ކަނޑުގެ މާޙައުލަށް ލޯބިޖެއްސުމަށްޓަކައި "ޑިސްކަވަރީ ބަބުލް" ގެ ނަމުގައި ފީނުމުގެ ވަރަށް ޚާއްޞަ ހަރަކާތެއް މި ފެސްޓިވަލްގެ ތެރެއިން ކުރިއަށް ގެންދާނެއެވެ. މިއީ ޕްރޮފެޝަނަލް ޑައިވް ކިޓް ބޭނުންކޮށްގެން ރާއްޖޭގެ ފަރުތަކުގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ ދިރުންތައް ދިރިއުޅޭގޮތް ވަރަށް ކައިރިން ބަލާލުމަށް ކުޑަކުދިންނަށް ލިބިގެންދާނެ، ތަޖުރިބާލިބޭނެ ވަރަށް ފަހި އަދި ތަފާތު ފުރުސަތެކެވެ.
މި ހަރަކާތުގައި ބައިވެރިވެވޭނީ 10 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށެވެ. މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ އެންމެ ފުރަތަމަ ރަޖިސްޓްރީވާ 50 ކުދިންނަށެވެ. އެހެންކަމުން މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ކުރިއަށް އޮތް 14 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، މިނިސްޓްރީން އާންމުކޮށްފައިވާ "Discovery Bubble - Ocean Day 2026" ގޫގުލް ފޯމް ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.
ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހަރަކާތް ކުރިއަށްދާއިރު ކޮންމެ ކުއްޖަކާއެކު އެއް ބެލެނިވެރިއަކު ހާޒިރުވެ ހުންނަންޖެހޭނެއެވެ. އަދި ހަރަކާތް ފެށުމުގެ ކުރިން ބައިވެރިވުމުގެ ރަސްމީ އިޤުރާރުގައި ބެލެނިވެރިޔާ ސޮއިކުރަންޖެހޭނެއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ހާމަކުރާ ގޮތުގައި، މި ފެސްޓިވަލުގެ ބޭނުމަކީ ރާއްޖޭގެ އިޤްތިޞާދާއި ދިރިއުޅުމުގެ މައިނާރު ކަމަށްވާ ކަނޑުތައް ހިމާޔަތްކުރުމުގައި އަންނަން އޮތް ޖީލުތަކުގެ ޒިންމާ އިތުރުކުރުމެވެ. މި ހަރަކާތާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިނިސްޓްރީގެ ނަންބަރު 3339239 އަށް ގުޅުއްވައިގެން މަޢުލޫމާތު ހޯއްދެވޭނެއެވެ.
ގުޅުންހުރި

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރަން މިއަހަރުވެސް ހުޅުމާލޭގައި 'އޯޝަން ފެސްޓިވަލް' ބާއްވަނީ!

މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ކަނބަލުންނަށް އަމާޒުކޮށްގެން ހިންގާ އިންޓާންޝިޕް ޕްރޮގްރާމް ފަށައިފި

ފުނަދޫ ދާއިރާގެ މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް ފުޅާ މަޝްވަރާތަކެއް!




