
އިކޯސޮކް އަށް ދިވެހިރާއްޖެ އިންތިޚާބުވުމަކީ ތާރިޚީ ކާމިޔާބީއެއް: ރައީސް
# ރާއްޖޭގެ ސިޔާސީ މަސްރަހު# ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު# ރައީސް މުއިއްޒުފޮޓޯ: ރައީސް އޮފީސް
އދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ މި ވޭތުކުރި 60 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް، އދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް (އިކޯސޮކް)ގެ ގޮނޑިއަކަށް ރާއްޖެ އިންތިޚާބުވުމަކީ، ތާރީޚީ ކާމިޔާބީއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިކޯސޮކްގެ 2027- 2029 ދައުރުގެ ގޮނޑިއަކަށް ދިވެހިރާއްޖެ އިންތިޚާބުވުމުގެ ފަޚުރުގައި، އެކްސްގައި ހިއްސާކުރެއްވި މެސެއްޖައެވެ.
މި ތާރީޚީ ކާމިޔާބީ ރަމްޒުކޮށްދެނީ، ބައިނަލްއަޤުވާމީ މަސައްކަތްތައް ކުރުމަށް، ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެއާ މެދު އޮންނަ ޔަޤީންކަމާއި، އެ މުޖުތަމަޢު ދިވެހިރާއްޖެއަށް ކުރާ އިތުބާރު ކަމުގައި އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވިއެވެ.
ތަރައްޤީވަމުން އަންނަ ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، މޫސުމީ ބަދަލުތަކާއި، އިޤްތިޞާދީ ވިލުންތެރިކަމާއި، ދެމެހެއްޓެވި ތަރައްޤީ ޤާއިމުކުރުން ފަދަ، ނާޒުކު ޙާލަތްތަކަށް ހުށަހެޅިފައިވާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކުގެ ހައްސާސްކަން، ދިވެހިރާއްޖެއަށް ސީދާގޮތެއްގައި ފަހުމުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި އިކޯސޮކް ވެގެންދާނީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކާއި، ތަރައްޤީވަމުން އަންނަ އެހެނިހެން ޤައުމުތަކުގެ މަސްލަހަތުތައް އިސްކޮށް، އެ ޤައުމުތަކުގެ އުންމީދުތަކުގެ އަޑުއުފުލަން ލިބޭ މަންސައަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ބައިނަލްއަޤުވާމީ ފެންވަރުގައި އެއްބާރުލުންދިނުން އިތުރުކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލުވާން ކުރާ މަސައްކަތްތަކުގެ ދުވެލި އަވަސްކޮށް، މިހާރަށްވުރެ އިންސާފުވެރި އަދި ވިލުންތެރި ބައިނަލްއަޤުވާމީ ނިޒާމެއް ޤާއިމުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި، ރާއްޖެއިން، ބައިނަލްއަޤުވާމީ ބައިވެރިންނާއެކު ގާތުން މަސައްކަތްކުރައްވަމުންގެންދަވާނޭކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
ގުޅުންހުރި

އިކޯސޮކް އަށް ދިވެހިރާއްޖެ އިންތިޚާބުވުމަކީ ތާރިޚީ ކާމިޔާބީއެއް: ރައީސް

މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންނަށް ޝަރަފުގެ ނިޝާން ދީފި




