logoEN
WAMCO TOP 1
މާލޭގައި މިއަހަރު 2 ޕާކިން ބިލްޑިން އަޅަން ފަށަނީ

މާލޭގައި މިއަހަރު 2 ޕާކިން ބިލްޑިން އަޅަން ފަށަނީ

# ރައީސް މުއިއްޒު# ޕާކިންގ މައްސަލަ

"ދަ ޕަލްސް" ގައި ރައީސް މުއިއްޒު އާއި ތަރުޖަމާނު މުންދު - ފޮޓޯ: ރައީސް އޮފީސް

މިއަހަރުގެ ތެރޭގައި މާލޭގައި 2 ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

THE TRAVELLER AD

ސަރުކާރުން ކޮންމެ ހުކުރު ދުވަހަކު ގެނެސްދެމުންދާ ޕޮޑްކާސްޓު "ދަ ޕަލްސް" ގައި، މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް މާލެއަށް އެތެރެކުރާ އުޅަނދުފަހަރު މަދުކުރުމުގެ ޕްލޭނެއް އޮތްތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ޕާކިން ބިލްޑިން އެކަނިން މާލޭގެ ތޮއްޖެހުން ހައްލުވެގެންދާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.

ރައީސް ވިދާޅުވީ މާލެ ތޮއްޖެހުންމުންދަނީ މިދިޔަ ދުވަސްތަކުގައި ރާއްޖޭގެ ތަރައްގީ ބައްޓަންކޮށްފައި އޮތްގޮތުން ކަމަށެވެ. މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން އާބަން ސެންޓަރުތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް ރައީސް ވިދާޅުވީ މި ތަންތަން ތަރައްގީވުމުން، މާލެގައި އުޅޭ މީހުން އެތަންތަނަށް ދިރިއުޅުން ބަދަލުކުރަން ފަށާނެ ކަމަށެވެ.

މިކަމަކީ ދެތިން އަހަރުން ނަތީޖާ ފެންނާނެ ކަންކަން ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކަމަކުވެސް މި މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މި މައްސަލައަކީ ރޫޓް ކޯސްއަށް ދާންވެފައި އޮތް ކަމެއް. ރޫޓްކޯސްއޭ މި ދަންނަވަނީ މާލޭއަށް މީހުން ތޮއްޖެހެން ޖެހޭ ސަބަބު، ރާއްޖޭގެ ތަރައްގީ މިދިޔަ ދުވަސްތަކުގައި ބައްޓަންވެފައި އޮތްގޮތުގެ ސަބަބުން މި މައްސަލަ މި އަންނަނީ. އެހެންވެ ސަރަހައްދީ ތަރައްގީގެ މަޝްރޫއުތައް ފެށީ. އަޅުގަނޑުމެންނަށް ދެ ތިން އަހަރު ތެރޭގައި ހައްލު ނުވާނެ ކަމެއްވީމަ ނަތީޖާއެއް ނުފެންނަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މީހުންގެ މައްސަލަ ހައްލުވެގެންދާއިރު މާލޭގެ ތޮއްޖެހުމާއި ވެހިކަލްތަކުގެ އަދަދުވެސް ހައްލުވެގެންދާނެ ކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކުރުމުގެ ގޮތުން މަގުތައް ހެދުމާއި ޕާކިން މައްސަލަ ހައްލުކުރުމުގެ ގޮތުން މިއަހަރުގެ ތެރޭގައި މާލޭގައި 2 ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

އެގޮތުން މަސައްކަތް މަޑުޖެހިފައިވާ އޮތީ ރާއްޖެއިން ބޭރުން ފައިނޭންސް ހޯދުމަށްކަން ރައީސް ފާހަގަކުރެއްވިއިރު، މި މަޝްރޫއު އިތުރަށް ފަސްކުރުމުގެ ވިސްނުންފުޅު ނެގެންގުޅުއްވާކަން ރައީސް ފާހަގަކުރެއްވި އެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްކޮޅުގެ ތެރޭގައި މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން ޕާކިން ބިލްޑިން މަދުވެގެން ދެ ބިލްޑިންއެއްގެ މަސައްކަތް ފަށާނަން. ދެން މިކަމަށް ދުވަސްތަކެއް ނަގައިފި. އަޅުގަނޑުމެން ފުރަތަމަ މި ބެލީ ބޭރުގެ އެހީގައި ކުރެވޭ ކަހަލަ ގޮތެއް. އެހެން ނަމަވެސް އެކަން އެގޮތުގައި ކުރިއަށް ގެންދަން މަޑުކުރާކަށް މިހާރަކު އަޅުގަނޑުމެން ގަސްދެއް ނުކުރަން. އެހެންވީމަ އަޅުގަނޑުމެން މާލޭގައި ޕާކިން ދެ ބިލްޑިން އަޅާނަން. ހުޅުމާލޭގައި މިހާރު ދެތިން ހަތަރު ބިލްޑިންއެއްގެ މަސައްކަތް މިހާރު ފަށައިފި. މި މަޝްރޫއުތަކުގެ ތެރެއިން ޕާކިންނަށް ވެސް ކޮންމެވެސް ވަރެއްގެ ހައްލުތަކެއް އަންނާނެ." ރައީސް ވިދާޅުވި އެވެ.

މިދިޔަ މާޗް މަހުގެ ތެރޭގައި ވަނީ ހުޅުމާލޭގައި ހަތަރު ޕާކިން ބިލްޑިން އެޅުމަށް ބެޗް ކޮންސްޓްރަކްޝަން ކިޔާ ކުންފުންޏަކާ ހަވާލުކޮށް މަސައްކަތް ފަށައިފަ އެވެ.

ކޮމެންޓް
ފަހުގެ
HDC