.webp&w=3840&q=75)
މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
# މަސްވެރިންގެ ދުވަސް-
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ އިހްތިފާލްތައް ބޭއްވުމަށް ޝައުގުވެރިވާ ރަށްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފިއެވެ.

ރާއްޖޭގެ މަސްވެރިންގެ އަގުވަޒަންކޮށް، މަސްވެރިކަމުގެ މަސައްކަތްތަކަށް ތަރުޙީބުދިނުމުގެ މަގްސަދުގައި ކޮންމެ އަހަރަކުވެސް ފާހަގަކުރާ މި ދުވަހުގެ ރަސްމީ ހަރަކާތްތައް ބާއްވާނެ ރަށެއް ހޮވުމަށް މިނިސްޓްރީން ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ.
މި މުއްދަތު އިތުރުކުރަން މިނިސްޓްރީން ނިންމީ އަޟްހާ އީދުގެ މުނާސަބަތާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކެއް އައުމާ ގުޅިގެން ކައުންސިލްތަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.
މިނިސްޓްރީ އޮފް ފިޝަރީސް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ހާމކުރި ގޮތުގައި، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭނުންވާ ރަށްރަށުން އެކަމަށް އެދޭ ފޯމު ހުށަހެޅުމުގެ އައު ސުންގަޑިއަކީ 14 ޖޫން ވާ އާދިއްތަ ދުވަހުގެ މެންދުރު ކުރީ ބާރަ ޖަހާއިރަށެވެ. މި ފޯމުތައް ހުށަހަޅަންޖެހޭނީ ގަވަރމަންޓް އީ ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށް އެ މިނިސްޓްރީއަށެވެ.
އަދި މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލްތައް ބޭއްވުމަށް އެދި ހުށަހަޅާ ފޯމާ ގުޅިގެން އެއްވެސް އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ، އެ މިނިސްޓްރީގެ ރަސްމީ ނަންބަރު 3339274 ގުޅައިގެން ކުރިއަށްގެންދިއުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.






