logoEN
WAMCO TOP 1
ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގާ ސްކޭމްތަކާ ދެކޮޅަށް ބައިނަލްއަޤުވާމީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ޕީޖީ އައްބާސް ގޮވާލައްވައިފި

ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގާ ސްކޭމްތަކާ ދެކޮޅަށް ބައިނަލްއަޤުވާމީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ޕީޖީ އައްބާސް ގޮވާލައްވައިފި

އަހުމަދު ޝުރާއު

logo

6/3/2026, 10:31:44 AM

# ޕީޖީ އައްބާސް

-

ޓެކްނޮލޮޖީގެ އެހީގައި ހިންގާ ސްކޭމްތަކާއި، ބޯޑަރު ހުރަސްކޮށް ހިންގާ ޖިނާއީ ބޮޑެތި ކުށްތަކާ (ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކުރައިމް) ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ބައިނަލްއަޤުވާމީ އެއްބާރުލުން އިތުރުކުރުމަށާއި، ޓެކްނޮލޮޖީ ހިއްސާކުރުމުގެ އިތުރުން ވަގުތުން ވަގުތަށް މައުލޫމާތު ބަދަލުކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް، ޖަސްޓިސް (ރިޓަޔާޑް) ޢައްބާސް ޝަރީފް ގޮވާލައްވައިފިއެވެ.

THE TRAVELLER AD

އޮސްޓްރިއާގެ ވިއެންނާގައި ކުރިއަށްދާ "ކޮމިޝަން އޮން ކުރައިމް ޕްރިވެންޝަން އެންޑް ކުރިމިނަލް ޖަސްޓިސް" ގެ 35 ވަނަ ސެޝަންގެ ހަވާސާގެ ތެރެއިން ހަރަކާތެއްގެ ގޮތުގައި ބޭއްވުނު، "ޔުނައިޓެޑް އެގެއިންސްޓް ސްކޭމް ސެންޓާސް: އެ ސީޖަސްޓް-ލެޑް އެޕްރޯޗް ޓު ޓްރާންސްނޭޝަނަލް ފްރޯޑް" ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ މިޒަމާނުގެ ސްކޭމްތައް ހިންގާ ނެޓްވޯކްތަކުގެ ނުރައްކާތެރިކަމާއި، މިފަދަ ކުށްތައް ތަޙުޤީޤުކޮށް ދަޢުވާ އުފުލުމުގައި ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ޕީޖީ ޢައްބާސް ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި ސްކޭމް ސެންޓަރުތައް ހިންގާ ޖިނާއީ ނެޓްވޯކްތަކުން އަހަރަކު 18 ބިލިއަނާއި 37 ބިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދަކަށް އާންމުންގެ އަތުން ފައިސާ ފޭރެއެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، ޑީޕްފޭކް ޓެކްނޮލޮޖީ އަދި ޑިޖިޓަލް މާލީ ނިޒާމުތަކުގެ ކުރިއެރުމާއެކު، މިފަދަ ސްކޭމްތައް ހިންގާ ފަރާތްތަކުން އެއްވެސް ހުރަހެއްނެތި، ހަލުވިކަމާއެކު އެތައް ޤައުމެއްގައި އެއްފަހަރާ ހަރަކާތްތެރިވަމުންދާ ކަމުގެ އިންޒާރު އެމަނިކުފާނު ދެއްވިއެވެ.

އޮންލައިން އިންވެސްޓްމަންޓް ސްކޭމްތަކާއި އޭއައި ބޭނުންކޮށްގެން ހިންގާ އައު މަކަރުތަކުގެ ޝިކާރައަކަށްވާ މީހުންގެ މިސާލު ދައްކަވަމުން ޕީޖީ ވިދާޅުވީ، މިއީ ކުދި ޤައުމުތަކާއި ބޮޑެތި ޤައުމުތަކަށްވެސް އޮތް ބައިނަލްއަޤުވާމީ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

މީގެ އިތުރުން، ސްކޭމްތައް ހޯދުމަށް ބޭނުންވާ ޒަމާނީ ޓެކްނޮލޮޖީ ލިބުމުގައި ޤައުމުތަކުގެ މެދުގައި ބޮޑެތި ފަރަގުތަކެއް ހުރިކަމަށާއި، ތަރައްޤީވަމުންދާ ގިނަ ޤައުމުތަކުގައި ފައިސާގެ ތަނަވަސްކަން ހުންނަ ޖިނާއީ ޖަމާޢަތްތަކާ ކުރިމަތިލާނެ ވަސީލަތްތައް ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއީ ހަމައެކަނި ވަސީލަތްތަކުގެ މައްސަލައެއް ނޫން ކަމަށާއި، މިއީ މުޅި ދުނިޔޭގެ ބޭއިންސާފާ ގުޅިފައިވާ ކަމެއްގެ ގޮތުގައި ޕީޖީ ސިފަކުރެއްވިއެވެ.

މި މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ މުހިންމު ތިން ކަމަކަށް ގޮވާލައްވާފައެވެ:

  • ކަމާބެހޭ އިދާރާތަކުގެ މެދުގައި ވަގުތުން ވަގުތަށް (ރިއަލް-ޓައިމް) މައުލޫމާތު ބަދަލުކުރެވޭނެ ނިޒާމެއް ޤާއިމުކުރުން.
  • ޒަމާނީ ސާވޭލަންސް އަދި ތަޙުޤީޤީ ޓެކްނޮލޮޖީތައް ބަދަލުކުރުމުގެ (ޓެކްނޮލޮޖީ ޓްރާންސްފަރ) ޒަރީޢާއިން އެފަދަ ވަސީލަތްތައް ލިބޭނެ މަގު ފަހިކުރުން.
  • ކުދި އަދި ތަރައްޤީވަމުންދާ ޤައުމުތަކަށް ބޭނުންކުރެވޭނެ ފަދަ ގުޅިފައިވާ ޑިޖިޓަލް ތަޙުޤީޤީ އޮނިގަނޑެއް (ޑިޖިޓަލް އިންވެސްޓިގޭޝަން އިންފްރާސްޓްރަކްޗަރ) ބިނާކުރުން.

ވާހަކަފުޅު ނިންމަވާލައްވަމުން، ބައިނަލްއަޤުވާމީ ޖިނާއީ ކުށްތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން އަބަދުވެސް ބައިނަލްއަޤުވާމީ މުޖުތަމަޢާ އެކު އޮންނާނެ ކަމުގެ ޔަޤީންކަން ޕީޖީ ދެއްވިއެވެ. އަދި ކުށްވެރިންގެ ޤާބިލުކަމާއި، އެމީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ތިބޭ މުއައްސަސާތަކުގެ ޤާބިލުކަމާ ދެމެދު ހުރި ފަރަގު ކުޑަކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސްކުރެއްވިއެވެ.

މި ކޮންފަރެންސްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އަރިހުގައި ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރުން ކަމަށްވާ މުޙައްމަދު ޢަބްދުالله އާއި، އަޝްފާޤް ނަޢީމް އަދި އަޙްމަދު އައިމަން ޢަލީ ބައިވެރިވެވަޑައިގަންނަވައެވެ. މީގެ ތެރެއިން ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ މުޙައްމަދު ޢަބްދުالله ވަނީ މި ބައްދަލުވުމުގެ ޕެނަލިސްޓެއްގެ ގޮތުގައިވެސް ވާހަކަދައްކަވާފައެވެ.

ކޮމެންޓް
ފަހުގެ
HDC