
ދޭދޭ ޤައުމުތަކާއި ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކާއެކު އޮންނަ ގުޅުންތައް ހީނަރުވާގޮތަށް އަމަލުނުކުރަން ސަރުކާރުގެ އިލްތިމާސް!
# ފޮރިން މިނިސްޓަރު-
ދޭދޭ ޤައުމުތަކާއި ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކާއެކު އޮންނަ ގުޅުންތައް ހީނަރުވާގޮތަށް އަމަލުނުކުރުމަށް އެދި ސަރުކާރުން ޚާއްސަ އިލްތިމާސެއް ނެރެފި އެވެ.

ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ޤައުމީ ސިޔާދަތު ރައްކާތެރިކުރުމާއި، ޤައުމީ މަސްލަހަތު އިސްކުރުމާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމުގެ މައްޗަށް ބިނާވެފައިވާ "މޯލްޑިވްސް ފަސްޓް" ސިޔާސަތަކީ ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ކަމަށާއި މި ސިޔާސަތަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް އިޙުތިރާމްކުރާ، ޒިންމާދާރު އަދި މިނިވަން ސިޔާސަތެއް ކަމަށެވެ. އަދި ދޭދޭ ޤައުމުތަކާއި ބައިނަލްއަޤުވާމީ ބައިވެރިންނާއެކު ބިނާކުރަނިވި ގުޅުމެއް ބޭއްވުމަށް ސަރުކާރުން ދޭ އަހަންމިއްޔަތު މިސިޔާސަތުން ހާމަކޮށްދޭ ކަމަށެވެ.
މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ހައިސިއްޔަތުން، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކޮށް ކުރިއަށް ގެންދަނީ ޤައުމީ މަސްލަހަތުގެ މައްޗަށް ބިނާވެފައިވާ، ކަނޑައެޅިފައިވާ ނިޒާމުތަކުގެ ތެރެއިންކަން ފާޙަގަކޮށް ބަޔާނުގައި ބުނީ މިގޮތުން ރާއްޖޭގެ ތަރައްޤީގެ ބައިވެރިންނާއެކު އޮންނަ ޒަމާންވީ ގުޅުންތަކަށާއި، އެކަކު އަނެކަކަށް ކުރާ އިޙުތިރާމާއި ދެފަރާތުގެ މަސްލަހަތުގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއް، ހުރިހާ ޤައުމުތަކާއެކު ބޭއްވުމަށް ދިވެހިރާއްޖެއިން ނުހަނު ބޮޑު އިސްކަމެއް ދެޭ ކަމަށާއި އަދި، ސަރަޙައްދީ ޞުލްޙަ މަސަލަސްކަމާއި، ކަނޑުގެ ސަލާމަތާއި، ދެމެހެއްޓެނިވި ތަރައްޤީ ފަދަ ކަންކަމުގައި، ޤައުމުތަކާއި ޖަމްޢިއްޔާތަކާއެކު އޮންނަ އެއްބާރުލުން ހަމަހަމަ އަދި ބިނާކުރަނިވި ގޮތެއްގައި ވަރުގަދަކުރުމަށް ސަރުކާރުން ދެމިއޮންނާނެ ކަމަށެވެ.
ބަޔާނުގައި އިތުރަށް ބުނީ ޚާރިޖީ ސިޔާސަތާއި، ސަރަޙައްދީ ސަލާމަތާއި، ބައިނަލްއަޤުވާމީ ގުޅުންތަކާ ގުޅޭގޮތުން، ޚާއްޞަކޮށް ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ފާޅުކުރައްވާ ހިޔާލުތަކަކީ އޭގެ ސަބަބުން ނޭދެވޭ ނަތީޖާތަކެއް ނުކުމެދާނެ ކަންކަމަށާއި އެހެންކަމުން މިފަދަ ވާހަކަތަކަކީ ޙަޤީޤަތުގެ މައްޗަށް ބިނާވެފައިވާ، ޤައުމީ އެއްބައިވަންތަކަމަށާއި ރާއްޖޭގެ މުވައްސަސާތަކަށް އޮންނަ އިތުބާރު ބޮޑުކުރުމަށް ބާރުއަޅާ ވާހަކަތަކަކަށް ވާންޖެހޭ ކަމަށެވެ. އަދި، ޤައުމީ މަސްލަހަތާއި ބޭރު ޤައުމުތަކާއެކު އޮންނަ ގުޅުންތަކަށް އަސަރުކުރާ ފަދަ ކަންކަމުގައި ވާހަކަދައްކާއިރު، ނުހަނު ބޮޑަށް ސަމާލުވެ، ޙިކުމަތްތެރިކަން އިސްކުރުމުގެ މުހިންމުކަން ސަރުކާރުން ފާހަގަކުރާ ކަމަށެވެ،
ދޭދޭ ޤައުމުތަކާއި ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކާއެކު އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރުމަށާއި، ރާއްޖޭގެ ސިޔާދަތާއި، ކަރާމާތާއި، ދިގު މުއްދަތުގެ މަސްލަހަތުތައް ރަމްޒުކޮށްދޭ ޚާރިޖީ ސިޔާސަތެއް ކުރިއެރުވުމުގައި ދިވެހި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފައި އެވެ.
ސަރުކާރުން މިފަދަ ބަޔާނެއް ނެރެފަިއވަނީ ދާދި ފަހުން ރާއްޖޭގެ ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅަކު އިންޑީއާގެ ނިއުދިއްލީގައި ކުރިޔަށް ގެންދިިޔަ ކޮންފަރެންސެއްގައި ރާއްޖޭގެ އިގްތިސޯދާއި ގުޅޭގޮތުން ނޭދެވޭ ވާހަކަތަކެއް ދައްކާފައިވާކަމަށްބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައި އެވެ.
ގުޅުންހުރި

ދޭދޭ ޤައުމުތަކާއި ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކާއެކު އޮންނަ ގުޅުންތައް ހީނަރުވާގޮތަށް އަމަލުނުކުރަން ސަރުކާރުގެ އިލްތިމާސް!

ޔުނިވަރސަލް ޕީރިއަޑިކް ރިވިއުގެ 47 ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވަނީ

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ސައުދީއަށް ވަޑައިގެންފި




