
ތުރުކިޔޭގައި ބޭއްވި "ރޯޑް ޓު ކޮޕް31: ރެޒިލިއަންޓް ސިޓީސް" ގައި ރާއްޖެއިން ބައިވެރިވެއްޖެ
# އެންވަޔަރަމަންޓް މިނިސްޓްރީ-
ތުރުކިޔޭގައި ހަތޭގައި މެއި 8 އިން 9 އަށް ކުރިއަށް ދިޔަ "ރޯޑް ޓު ކޮޕް 31: ރެޒިލިއަންޓް ސިޓީސް" ބައްދަލުވުމުގައި ރާއްޖޭގެ އެންވަޔަރަމެންޓު މިނިސްޓަރ ޢަލީ ޝަރީފް ބައިވެރިވަޑައިގަންނަވައި، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރާއްޖެ އަދި ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ދަތިތަކާއި، ބޭނުންވާ އެހީތެރިކަމާމެދު ވަކާލާތުކުރައްވައިފި އެވެ.

މި ބައްދަލުވުމަކީ ކޮޕް 31 އަށް ތައްޔާރުވުމުގެގޮތުން، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން، ސިޓީތަކުގެ ވިލުންތެރިކަން އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އެކި ޤައުމުތަކުގެ ވަޒީރުންނާއި، ސަރުކާރުތަކުގެ އެހެނިހެން އިސް ވެރިންނާއި އަދި މި ދާއިރާގައި މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ފަރާތްތައް އެއްތަންވި ބައްދަލުވުމެކެވެ. މީގެ އިތުރުން، ކާރިސާތަކަށްފަހު އަލުން އާރާސްތުކުރުމުގައި ދެމެހެއްޓެނިވި ތަރައްގީއަށް ރިއާޔަތްކޮށް، އެންމެންގެ ބައިވެރިވުން ހިމެނޭފަދަ ގޮތަކަށް އަދި ވިލުންތެރިކަން އިތުރުވާނެފަދަ ގޮތަކަށް ސިޓީތައް ބިނާކުރުމަށް ލިބޭ ފުރުސަތުތަކުގެ މައްޗަށް މި ބައްދަލުވުމުގައި ބޮޑު އިސްކަމެއް ދީފައިވެއެވެ.
'ފްރޮމް ދަ ޑިޒާސްޓަރ އޮފް ދަ ސެންޗަރީ ޓު ދަ ކޮންސްޓްރަކްޝަން އޮފް ސަސްޓެއިނަބަލް ސިޓީސް' ގެ ނަމުގައި ކުރިއަށް ދިޔަ ހާއްސަ ހައި ލެވެލް ސެޝަނުގައި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނި، ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމަށްޓަކައި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރު ކުރުމުގެ މައްޗަށް މިނިސްޓަ ޢަލީ ޝަރީފް އަލިއަޅުއްވާލިއެވެ. މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ރާއްޖޭގެ ތިންވަނަ "ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަން" (NDC) އާއި، އެކުލަވާލުމުގެ މަރުޙަލާގައިވާ "ނޭޝަނަލް އެޑަޕްޓޭޝަން ޕްލޭން" އަކީ ރާއްޖޭގެ "ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓެޖީ (2024-2030)" އާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަންކަންކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މި އަހަރު ކޮޕް31 ގެ ރިޔާސަތު ބަލަހައްޓާ ގައުމުގެ ގޮތުގައި ތުރުކިޔޭއިން އަދާކުރާ އިސް ދައުރަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިނިސްޓަރ އަލީ ޝަރީފް ވަނީ މިނިސްޓީރައަލް ރަނުންޑްޓޭބަލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، ގައުމީ ތަރައްގީގެ ދިގު މުއްދަތުގެ ޕްލޭންތަކުގައި ކާރިސީ ހިރާސް ކުޑަކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ބެހޭ މަސައްކަތްތައް ހިމެނުމުގެ މުހިއްމުކަމުގެ މައްޗައް ބާރު އަޅުއްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި، ރާއްޖޭގައި މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ ސިޔާސަތުތަކުގައި ކާރިސީ ހިރާސް ކުޑަކުރުމާއި ބެހޭ ކަންކަން ހިމަނާފައިވާކަމަށާއި، މިކަންކަން ތަރުތީބުކުރެވިފައިވަނީ އ.ދ.ގެ ސެކެޓްރީ ޖެނެރަލްގެ "އާރލީ ވޯނިންގސް ފޯ އޯލް އިނިޝިއޭޓިވް"އާއި އެއްގޮތަށް އެކުލަވާލެވިފައިވާ ގައުމީ މަގު ޗާޓައި އެއްގޮތަށްކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މި ބައްދަލުވުމުގެ ހަވާސާގައި މިނިސްޓަރ އަލީ ޝަރީފް ވަނީ ކޮޕް31 ގެ ރިޔާސަތު ބަލަހައްޓާ ތުރުކިޔޭގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، އާބަނައިޒޭޝަން އެންޑް ކްލައިމެޓް ޗޭންޖް މުރާތު ކުރުމްއާއި އެކު ރަސްމީ ބައްދަލުވުމެއް ބާއްވާފައެވެ. މީގެ އިތުރުން، ބަންގްލަދޭޝް، ބުރުނާއީ، ލީބިޔާ އަދި ކޮސޯވޯގެ ވަޒީރުންގެ އިތުރުނު ޔޫ.އެން. ހެބިޓެޓްގެ އެގްޒެކެޓިވް ޑިރެކްޓަރާއި ބައްދަލުކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި އެކަމުން ކުރާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެއްބާރުލުން އިތުރުކުރުމާއި ގުޅޭގޮތުންވެސް މިނިސްޓަރ އަލީ ޝަރީފްވަނީ މަޝްވަރާކުރައްވާފައިއެވެ.
މި ބައްދަލުވުމުގެ ތެރެއިން މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދިވެހިރާއްޖެއިން އިސްކަންދޭ ކަންކަމުގައި ވަކާލާތުކުރުމާއި، ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހި ކުރުމުގެ އިތުރުން ކުރިއަށް އޮތް ކޮޕް31ގެ ރިޔާސަތު ބެލެހެއްޓުމަށް ހަމަޖެހިފައިވާ ފަރާތާއި ބައްދަލުކޮށް، މަޝްވަރާކުރުމުގެ ފުރުސަތުވެސް ރާއްޖެއަށް ލިބިގެންދިޔައެވެ.
ގުޅުންހުރި

ތުރުކިޔޭގައި ބޭއްވި "ރޯޑް ޓު ކޮޕް31: ރެޒިލިއަންޓް ސިޓީސް" ގައި ރާއްޖެއިން ބައިވެރިވެއްޖެ

އިންޓަރނޭޝަނަލް ވިއެންނާ އެނަރޖީ އެންޑް ކްލައިމެޓް ފޯރަމްގައި ރާއްޖެއިން ބައިވެރިވެއްޖެ

ފެނުގެ ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން، ބާއްވާ ތިން ދުވަހުގެ ފޯރަމެއް ރާއްޖޭގައި ފަށައިފި
.webp&w=3840&q=75)



