
ފެނުގެ ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން، ބާއްވާ ތިން ދުވަހުގެ ފޯރަމެއް ރާއްޖޭގައި ފަށައިފި
# އެންވަޔަރަމަންޓް މިނިސްޓްރީ-
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފެނުގެ ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން، ޖަޒީރާ ޤައުމުތަކަށް އަމާޒުކޮށްގެން ބާއްވާ ތިން ދުވަހުގެ މަޝްވަރާ ފޯރަމެއް ދިވެހިރާއްޖޭގައި ރަސްމީކޮށް މިއަދު ފަށައިފި އެވެ.

ބާސެލޯ ނަސަންދުރަ މާލޭގައި 7 އިން 9 އޭޕްރީލް 2026 އަށް ކުރިއަށްދާ މި ފޯރަމަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓުން އިންތިޒާމުކޮށްގެން ބާއްވާ ފޯރަމެކެވެ. މިއީ "ކޯލިޝަން އޮފް އެޓޯލް ނޭޝަންސް އޮން ކްލައިމެޓް ޗޭންޖް" (CANCC) ގެ ރިޔާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓްރީން އިސްނަގައިގެން ބާއްވާ ބައްދަލުވުމެކެވެ.
މި ފޯރަމް ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އޮނަރަބަލް ޠާރިޤް އިބްރާހިމްއެވެ. ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ފެނުގެ ދަތިކަން އިންތިހާއަށް ކުރިމަތިވަމުންދާ ކަމަށެވެ. ޚާއްޞަކޮށް ވާރޭ ވެހޭ މިންވަރަށް އަންނަ ބަދަލުތަކާއި، ހަނަފަސް ދުވަސްވަރު ދިގުލައިދިއުމާއި، ފެން ފަށަލައަށް ލޮނުގެ އަސަރު ކުރުމަކީ މިހާރުވެސް ދިވެހި މުޖުތަމައުތަކުން ތަހައްމަލު ކުރަމުންދާ ހަގީގަތެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފެނުގެ ރައްކާތެރިކަމަށް ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ "ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަންސް" (NDC 3.0) ގައި ފެނުގެ ދާއިރާ ހަރުދަނާކުރުމަށާއި، އާބަންކުރަނިވި ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދުމުގެ ނިޒާމުތައް ގާއިމުކުރުމަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށް ވިދާޅުވިއެވެ.
މި ފޯރަމުގައި ރާއްޖޭގެ އިތުރުން ކިރިބަތީ، ތުވާލޫ، މާޝަލް އައިލެންޑްސް އަދި ޓޯކެލާއުގެ މަންދޫބުން ބައިވެރިވެއެވެ. މީގެ އިތުރުން ކަމާގުޅޭ ފަންނީ މާހިރުންނާއި، ތަރައްގީގެ ބައިވެރިންނާއި، ދާއިރާގެ ރެގިއުލޭޓަރީ އިދާރާތަކުން ބައިވެރިވެ، ތަޖުރިބާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރަމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނެ މައުޟޫއުތަކުގެ ތެރޭގައި ފެން އުފައްދާ ނިޒާމުތައް ހަރުދަނާކުރުން، ބިންދަށުގެ ފެން ފަށަލަ ރައްކާތެރިކުރުން، ވާރޭފެން ރައްކާކުރުން އަދި ކުއްލި ހާލަތްތަކުގައި ފެން ފޯރުކޮށްދިނުމުގެ ތައްޔާރީތައް ހިމެނެއެވެ.
މި ފޯރަމަކީ ގްރީން ކްލައިމެޓް ފަންޑް (GCF) ގެ އެހީގައި، ޖަރުމަނުގެ ޖީ.އައި.ޒެޑް (GIZ) އާ ގުޅިގެން ހިންގާ "ސްޓްރެންތަނިންގ ދަ ވޯޓާ ސެކްޓަރ" މަޝްރޫއުގެ ދަށުން ބާއްވާ ހަރަކާތެކެވެ. މި ފޯރަމުގެ ސަބަބުން ތިލަފަތް ގައުމުތަކަށް ދިމާވެފައިވާ ފެނުގެ މައްސަލަތަކަށް ދާއިމީ އަދި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން އުންމީދު ކުރެއެވެ.
ގުޅުންހުރި

ފެނުގެ ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން، ބާއްވާ ތިން ދުވަހުގެ ފޯރަމެއް ރާއްޖޭގައި ފަށައިފި
.webp&w=3840&q=75)
"ނޭޝަނަލް ކާބަން ރެގިއުލޭޝަން" ޤަވާއިދު އެކުލަވައިލުމާ ގުޅޭގޮތުން މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

މިނިސްޓަރު ޠާރިޤް އައިރީނާގެ ޑައިރެކްޓަރ ޖެނެރަލާ ބައްދަލުކުރައްވައިފި




