
ގަދަ ވިއްސާރައާއި ގަދަ ހޫނު: ކުރިއަށް އޮތް 4 މަހު ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް މެޓުން ލަފާކޮށްފި
# މޫސުމާއިބެހޭ ގައުމީ އިދާރާ-
ކުރިއަށް އޮތް ހަތަރު މަސްދުވަހަކީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރަށް ވާރޭވެހި، މޫސުން ގޯސްވާނެ ދުވަސްތަކެއް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ހާމަކޮށްފިއެވެ.

މެޓް އޮފީހުން ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކުރި މޫސުމީ ރިޕޯޓެއްގައި ބުނެފައިވަނީ، މި ހިނގާ ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރުމުގެ ފުރުސަތު ނުހަނު ބޮޑު ކަމަށެވެ. މި ދުވަސްވަރު ވާރޭވެހޭ މިންވަރު އާންމު ހާލަތަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރެވޭއިރު، މިއީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން ކުރިމަތިވާ ބަދަލެއް ކަމަށް ބެލެވެއެވެ.
ނަމަވެސް، ފާހަގަކޮށްލެވޭ ތަފާތު ކަމެއްގެ ގޮތުގައި މެޓް އޮފީހުން ބުނެފައިވަނީ، ވާރޭވެހޭ މިންވަރު އިތުރުވި ނަމަވެސް، ކުރިއަށް އޮތް ހަތަރު މަހުވެސް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ފިނިހޫނުމިން އާންމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެ ކަމަށް ބެލެވޭ ކަމަށެވެ. މިއީ ވިއްސާރަވެ ފެންބޮޑުވުމުގެ ބިރު އޮތް ނަމަވެސް، ހޫނުމިންވެސް މަތިވެގެންދާނެ ދުވަސްތަކެއްކަން އެ އިދާރާގެ ލަފާކުރުންތަކުން ދައްކައެވެ.
ރާއްޖެއަށް މިދިޔަ ދުވަސްތަކުގައި ކުރި އާދަޔާ ހިލާފު ގަދަ ހޫނަށްފަހު، ނިމިދިޔަ ހަފްތާއެއްހާ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހެން ފަށާފައެވެ.
ކުރިއަށް އޮތް މަސްތަކުގައިވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ގުޅުންހުރި

ގަދަ ވިއްސާރައާއި ގަދަ ހޫނު: ކުރިއަށް އޮތް 4 މަހު ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް މެޓުން ލަފާކޮށްފި

ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު!

އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު: ކަނޑުތައް ގަދަވާނެ!




