
ރައީސް މުއިއްޒު ފުރަމާނަ ދަތުފުޅެއްގައި މާދަމާ ސްރީލަންކާއަށް ފުރާވަޑައިގަންނަވާނެ!
# ރައީސް މުއިއްޒު-
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފުރާވަޑައިގަންނަވާނެ އެވެ.

ރައީސްގެ މި ދަތުރުފުޅަކީ މޭ މަހުގެ 3 އިން 6 އަށް އެގައުމަށް އެމަނިކުފާނުގެ ޒައާމަތުގައި ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ރައީސްގެ މި ދަތުރުފުޅުގައި ސްރީލަންކާގެ އިސް މަސްއޫލުވެރީންނާ ބައްދަލުކުރައްވުމުގެ އިތުރުން ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭގޮތުން އެ ޤައުމުގެ ރައީސާއެކު ރަސްމީ މަޝްވަރާތައް ކުރިއަށްގެންދެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ލީޑަރުންގެ ހާޒިރުގައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމުގެ އެއްބަސްވުންތައް ބަދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސްގެ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މި ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން ކެބިނެޓުގެ ބައެއް ވަޒީރުންނާއި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސް ޑރ މުޙައްމަދު މުޢިއްޒު ދެމިހުންނެވީ ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމުގައި ހިއްސާވާ މުހިންމު ޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ފުރިހަމަ އަޒުމުގައެވެ. ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރި މުނާސަބަތާ ގުޅުވައިގެން، ފާއިތުވި އަހަރުގެ ޖުލައި މަހު ރައީސް ޑިސަނާޔަކެ ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އަދި ޒަމާންވީ އެކުވެރިކަމުގެ ގުޅުމުގެ ހެއްކެއްކަމުގައި ފާހަގަކޮށްލެވެއެވެ.
ގުޅުންހުރި

ރައީސް މުއިއްޒު ފުރަމާނަ ދަތުފުޅެއްގައި މާދަމާ ސްރީލަންކާއަށް ފުރާވަޑައިގަންނަވާނެ!

މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް، ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅެނީ އަދުލުވެރި ސިޔާސަތެއް - ރައީސް

އަންނަ އާދީއްތާގައި ރައީސްގެ ދެކަނބަލުން ރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގަންނަވަނީ




