
ފުލުހުންގެ ޚިދުމަތުގައި އަންހެނުން އިތުރުވުމަކީ އަމަން ބެލެހެއްޓުމުގެ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް - ފަސްޓްލޭޑީ
# ސާޖިދާ މުޙައްމަދު-
ފުލުހުންގެ ޚިދުމަތުގައި އަންހެނުން އިތުރުވުމަކީ ހަމައެކަނި މިންތީގެ ހަމަހަމަކަން ގާއިމުކުރުން ނޫންކަމަށާއި، މިއީ އަމަން ބެލެހެއްޓުމުގެ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ، 2026 އިން 2028 އަށް ޢައްޔަންކުރެއްވި "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ" ކޮމިޓީ އިފްތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ. އިސްކަންދަރު ކޮށީގައި މިރޭ އޮތް ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގަތުމާއެކު، އެކަމަނާގެ ޝަރަފުގައި އޮނަރ ގާޑެއް ވަނީ އަރުވާފައެވެ.
މިރޭގެ ރަސްމިއްޔާތުގައި އެކަމަނާ ވަނީ މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީގެ ލޯގޯ އިފްތިތާޙްކޮށްދެއްވާފައެވެ. ހަމަމިއާއެކު، މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ލޯގޯގެ ރަމްޒީ ހަނދާނީ ޓޯކަން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ވެދުމަށް އެރުވުންވެސް މިރޭގެ ރަސްމިއްޔާތުގައި އޮތެވެ. މި ނަންބަރު ފުރިހަމަކޮށްދެއްވީ، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، މޯލްޑިވްސް ވިމެން އިން ޕޮލިސިންގ، 3 ވަނަ ދައުރުގެ ކޮމިޓީ މެންބަރުންނަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވާފައެވެ. އެއަށްފަހު ވާހަކަފުޅުދައްކަވަމުން އެކަމަނާ ވަނީ، މިއަދަކީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ތާރީޚުގައި އަންހެނުންގެ ދައުރު އިތުރަށް ހަރުދަނާކޮށް، ކުރިމަގުގެ ތަޞައްވުރު ވަރުގަދަ ކުރުމަށް މުހިންމު ފިޔަވަޅެއް އަޅާ ދުވަހެއްކަމުގައި ވިދާޅުވެފައެވެ. އަދި ހަނދާންކުރަންޖެހޭ ޙަޤީޤަތަކީ، މި މަންޒިލަށް އާދެވުނީ، ގިނަ ގޮންޖެހުންތަކެއް ކަޑައްތު ކޮށްފައިކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ފުލުހުންގެ ޚިދުމަތުގައި އަންހެނުން އިތުރުވެ، އަންހެން އޮފިސަރުންގެ ބައިވެރިވުން ބޮޑުވުމަކީ، މުޖުތަމަޢުގައި އާންމު އިތުބާރާއި އެއްބާރުލުން އިތުރުވެ، ޚާއްޞަކޮށް ޖިންސީ އަނިޔާއާއި ގެވެށި އަނިޔާ ފަދަ ނާޒުކު އަދި ހައްސާސް މައްސަލަތަކަށް ދެވޭ އިޖާބަ ހަރުދަނާވެގެންދާ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ހަމަމިއާއެކު، އިތުރު އަންހެނުން މި ދާއިރާއަށް ޝައުގުވެރިކުރުވައި، އެކަނބަލުންނަށް ވަޒީފާގައި ދެމިތިއްބެވޭނެ ފަދަ ޢާއިލީ ޒިންމާތަކާ އެކަށޭނަ ދެމެހެއްޓެނިވި ސިޔާސަތުތަކެއް ތަންފީޒު ކުރެއްވުމާއި، ހަމައެކަނި އިދާރީ މަސައްކަތްތަކުގައި އަންހެނުން ދެމިތިބުމުގެ ބަދަލުގައި، ފްރަންޓްލައިން އޮޕަރޭޝަންތަކުގައްޔާއި މައްސަލަތައް ތަޙުޤީޤު ކުރުމުގައްޔާއި، ޓެކްނިކަލް ދާއިރާތަކުން އަންހެން އޮފިސަރުންގެ ގާބިލުކަން އިތުރުކުރެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވުމަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ.
ރާއްޖޭގެ އެކި ދާއިރާތަކުގައި ޚާއްޞަކޮށް، ތަޢުލީމީ ދާއިރާގައްޔާއި، ޞިއްޙީ ދާއިރާގައި ވަޒީފާއަދާކުރަމުން ގެންދާ ނުވަތަ މަސައްކަތް ކުރަމުން ގެންދަވާ އަންހެނުންގެ އަދަދު ނިސްބަތުން މަތި ނަމަވެސް، ދިވެހި ފުލުހުންގެ ތެރޭގައި ޚިދުމަތް ކުރަމުންގެންދާ އަންހެނުންގެ އަދަދު ނިސްބަތުން މަދުކަން ފާހަގަކުރައްވައި، މިކަމާދޭތެރޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ވިސްނާވަޑައިގެން، ދިވެހި އަންހެން ފުލުހުން އިތުރު ކުރެއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުންނާއި، މޯލްޑިވްސް ވިމެން އިން ޕޮލިސިންގ އިންވެސް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވައިގެން މަސައްކަތްތަކެއް ކޮށްދެއްވުމަށްވެސް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތަކީ، ދިވެހިރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަމުގެ މައިބަދަކަމާއި، ރައްޔިތުންނާ ގާތުން ޚިދުމަތްދެއްވައި، އިޚުލާޞްތެރިކަމާއެކު ޤާނޫނީ ސިޔާދަތު ދެމެހެއްޓެވުމުގައި ފުލުހުން އަދާކުރައްވާ ދައުރަކީ، އަންނަން އޮތް ޖީލުތަކަށް އަމާން އަދި ފާގަތި މުސްތަޤުބަލެއް ފޯރުކޮށްދެއްވުމަށްޓަކައި ކުރައްވާ މަތިވެރި ޤައުމީ ޚިދުމަތެއްކަން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި ވަނީ ހަނދާންކޮށްދެއްވާފައެވެ.
މޯލްޑިވްސް ވިމެން އިން ޕޮލިސިންގ 3 ވަނަ ދައުރުގެ ކޮމިޓީ މިރޭ އިފްތިތާޙްކުރެވިގެންދިޔައިރު، ނިމިގެން ދިޔަ ކޮމިޓީގެ 2 ވަނަ ދައުރުގައިވެސް ކާމިޔާބު މަސައްކަތްތަކެއް ކޮމިޓީން ކުރައްވާފައިވާކަން ފާހަގަކުރައްވާ، ކޮމިޓީގެ މެންބަރުންނަށް އެކަމަނާ ޝުކުރު އަދާކުރެއްވިއެވެ. ޚާއްޞަ ގޮތެއްގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ހިންގަވާފައިވާ ހޭލުންތެރިކުރުވުމުގެ ޕުރޮގުރާމުތަކާއި، ރާއްޖޭގެ ހުރިހާ އަތޮޅުތައް ހިމެނޭހެން ހިންގަވާފައިވާ ރީޖަނަލް ސީރީސް ފޯރަމްތަކާއި، ކުށުގެ މާޙައުލަށް ހޭލުންތެރިކުރުވުމުގެ މަޢުލޫމާތު ހިއްސާކުރެއްވުންފަދަ ކަންކަން ހިންގަވާފައިވާކަން ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް ވިމެން އިން ޕޮލިސިންގ 3 ވަނަ ދައުރުގެ ކޮމިޓީ އިފްތިތާޙްކުރުމަށް މިރޭ އޮތް ރަސްމިއްޔާތުގައި ދަޢުލަތުގެ ވަޒީރުން، އަދި އިސްވެރިންނާއި، ބޭރު ޤައުމުތަކުގެ އިސް ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްވެރީން ބައިވެރިވެވަޑައިގަތެވެ.
ގުޅުންހުރި

ފުލުހުންގެ ޚިދުމަތުގައި އަންހެނުން އިތުރުވުމަކީ އަމަން ބެލެހެއްޓުމުގެ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް - ފަސްޓްލޭޑީ

"އުފަކާރަ" ތަމްރީނު ޕްރޮގްރާމް ނިންމާލައިފި
ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވޯޓު ލައްވައިފި




