.jpg&w=3840&q=75)
ލަންޑަން މެރެތަން 2026: މެރެތަންގެ ވޯލްޑް ރެކޯޑާއެކު ސަވޭއަށް ތާރީޚީ ކާމިޔާބެއް!
# މެރެތަން# ބޭރު ދުނިޔޭގެ ކުޅިވަރުސަބަސްޓިއަން ސަވޭ
އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި މިއަދު ކުރިއަށްދިޔަ "ލަންޑަން މެރަތަން 2026" 1 ގަޑިއިރާއި 59 މިނެޓް 30 ސިކުންތުން ފުރިހަމަކޮށް ކެންޔާގެ ސަބަސްޓިއަން ސަވޭ މެރެތަންގެ ދުނިޔޭގެ ރެކޯޑް އައުކޮށްފިއެވެ.

އުމުރުން 30 އަހަރުގެ ސެވޭގެ އިތުރުން މި އިވެންޓުން ދެވަނަ ހޯދި އިތިއޯޕިއާގެ ޔޯމިފް ކެޖެލްޗާ ވެސް ވަނީ ދެ ގަޑިއިރަށް ވުރެ އަވަހަށް ރޭސް ފުރިހަމަކޮށްފަ އެވެ. މުޅިން އަލަށް މެރެތަންއަށް ނުކުތް ކެޖެލްޗާގެ ވަގުތަކީ 1 ގަޑި 59 މިނިޓް 41 ސިކުންތެވެ. އަދި މިއީ ރަސްމީ މެރެތަން އިވެންޓެއް ދެ ގަޑިއިރަށް ވުރެ އަވަހަށް ނިންމި ފުރަތަމަ ފަހަރެވެ.
ދުނިޔޭގެ ފުލް މެރެތަން ރިކޯޑް ކުރިން އޮތީ، ކާރު އެކްސިޑެންޓެއްގައި މަރުވި ކެލްވިން ކިޕްޓުމް އަތުގަ އެވެ. އޭނާ 2023ގެ ޗިކާގޯ މެރެތަން ނިންމީ 2 ގަޑި 30 ސިކުންތުންނެވެ. އަދި މިއަދު ލަންޑަން މެރެތަންގެ ތިންވަނަ ހޯދި ޖެކޮބް ކިޕްލިމޯ ރޭސް ފުރިހަމަކުރި ވަގުތު ކަމަށްވާ 2 ގަޑި 28 ސިކުންތަކީ ވެސް އެ ރެކޯޑަށް ވުރެ އަވަސް ވަގުތެވެ.
ނަމަވެސް 2019 ވަނަ އަހަރު ކެންޔާގެ މަޝްހޫރު މެރެތަން ދުވުންތެރިޔާ އެލިއުޑް ކިޕްޗޯ ވަނީ 1 ގަޑިއިރާއި 59 މިނިޓް 40 ސިކުންތުން ފުލް މެރަތަންއެއް ފުރިހަމަކޮށްފައެވެ. ނަމަވެސް އެއީ އެ ބާރުމިނުގައި ދުވުން ހިފަހައްޓަން ވަކި ގޮތަކަށް ރާވައިގެން، ޕޭސް މޭކަރުން ވެސް ބޭނުންކުރި ދުވުމެކެވެ. އެހެންކަމުން އެއީ ދުނިޔޭގެ ރެކޯޑެއްގެ ގޮތުގައި ނުބަލަ އެވެ.
މިއަދުގެ އިވެންޓްގައި ސަވޭ އެވްރެޖްކޮށް 2 މިނެޓް 50 ސިކުންތުން ކިލޯމީޓަރެއް ދުވެފައިވާއިރު، އެވްރެޖްކޮށް ކޮންމެ 5 މިލޯމީޓަރު ދުވެފައިވަނީ 14 މިނެޓް 10 ސިކުންތުންނެވެ. އަދި ފުރަތަމަ ހާފް މެރަތަން 1 ގަޑިއިރާއި 20 ސިކުންތުން ދުވިއިރު، ދެވަނަ ހާފް މެރެތަން ދުވެފައި ވަނީ 59 މިނެޓް 1 ސިކުންތުންނެވެ. އަދި 42 ކިލޯމީޓަރު ފުރިހަމަކޮށްފައިވަނީ 1 ގަޑިއިރާއި 59 މިނެޓް 30 ސިކުންތުންނެވެ.
މީގެ އިތުރުން ސަވޭ މިހާތަނަށް ވާދަކުރި ހަތަރު މެރެތަން ވެސް އޭނާ ކާމިޔާބުކޮށްފައިވާއިރު، މީގެ ކުރިން އެންމެ ބާރަށް އޭނާއަށް މެރެތަންއެއް ފުރިހަމަ ކުރެވިފައިވަނީ 2 ގަޑިއިރާއި 02 މިނިޓް 05 ސިކުންތުންނެވެ. އަދި ސަވޭ އަންނަނީ މަނާ ބޭހެއް ބޭނުންނުކުރާކަން އާންމުންނަށް ކަށަވަރުކޮށްދޭން ވަރަށް ގިނައިން ޑޯޕިން ޓެސްޓް ވެސް ހަދަމުންނެވެ.






