
ވީހާވެސް ގިނަބަޔަކު އަވަހަށް ނުކުމެ ވޯޓުލުމަށް އިލްތިމާސްކޮށްފި
# އިލެކްޝަން ކޮމިޝަން# ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު# އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ-
ލޯކަލް ކައުންސިލް އަދި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ވޯޓުލުމުގެ ދެވަނަ ބުރު މިއަދު ކުރިއަށްދާއިރު، ވީހާވެސް ގިނަބަޔަކު އަވަހަށް ނުކުމެ ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު އިލްތިމާސްކުރައްވައިފި އެވެ.

ވޯޓުގެ ކަންކަމާ ގުޅިގެން ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް މައުލޫމާތު ދެއްވަމުން އީސީގެ ރައީސް ވިދާޅުވީ ވޯޓުގެ ހުރިހާ ކަމެއްވެސް ހަމަޖައްސާފައިވާނީ ގާނޫނާ ގަވައިދުގައި ބަޔާންކުރާ ގޮތައް ކަމަށެވެ.
އީސީގެ ރައީސް ވިދާޅުވީ މިމަހުގެ 4 ވަނަ ދުވަހު ބޭއްވި 3 އިންތިހާބުގައި ވޯޓުލުމަށް ހޭދަވި ވަގުތާ އަޅާ ބަލާއިރު، މިއަދުގެ ވޯޓުލުމަށް ހޭދަވާ ވަގުތު ކުޑަކަމަށެވެ. އެގޮތުން ވޯޓުލާ މަރުކަޒަށް ވަދެ ވޯޓު ކަރުދާސްކޮޅުގައި ފާހަގަޖެހުމާއި ވޯޓުފޮއްޓަށް އެޅުމަށްފަހު ނުކުތުމާއި ދެމެދު ހޭދަވަނީ އެވްރެޖްކޮށް 1 މިނިޓު ކަމަށެވެ. މިކަމުން ހާމަވަނީ މިފަހަރުގެ އިންތިހާބުގެ އިންތިޒާމުތައްވެސް ރަނގަޅުކަންކަމަށް ކޮމިޝަންގެ ރައީސް ވިދާޅުވި އެވެ.
"އުއްމީދުކުރަނީ މިއަދުގެ ވޯޓު ހުރިހާ ރައްޔިތުންވެސް ނިމިދިޔަ އިންތިހާބުގައި ވޯޓުލީ ފަދއިން ނިކުމެ ގިނަ ވީހާވެސް ގިނަބަޔަކު ޝައުގުވެރިކަމާއެކު ވޯޓުލާނެކަމަށް. ވޯޓުންނޭ ރައްޔިތުންގެ ބަސް އިއްވޭނީ." މުހައްމަދު ޒާހިދު ވިދާޅުވި އެވެ.
އިންތިހާބުގެ އިތުރުބުރުގެ ވޯޓުލުން މިއަދު ހެނދު 8 ޖެހިއިރު ފެށިގެން 4 ޖެހުމާ ހަމައަށް ކުރިއަށްދާއިރު، އިންތިހާބުގެ ވޯޓުލުމަށް 5 ދާއިރާއެއްގައި ކުރިއަށްދާއިރު، ވޯޓުލުމަށް 14 ވޯޓު ފޮށި ވަނީ ބަހައްޓާފަ އެވެ. އަދި މި 5 ދާއިރާގައި ވޯޓުލުމުގެ ހައްގު 6093 މީހުންނަށް ލިބިގެންދެ އެވެ.
ވޯޓުލުން ކުރިއަށްދަނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި، ފުވައްމުލަކު ދަޑިމަގު ދާއިރާއިން އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި، ހއ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށާއި، ހދ.ނޭކުރެންދޫ އަދި ލ. މާވަށުގެވެސް އަންހެނުންގެ ކޮމިޓީގެ މެންބަރަކު އިންތިހާބުކުރުމަށެވެ.





