logoEN
WAMCO TOP 1
ހިތަދޫ އުތުރު ދާއިރާގެ މެންބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ހިތަދޫ އުތުރު ދާއިރާގެ މެންބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

އަހުމަދު ޝުރާއު

logo

4/12/2026, 8:36:32 AM

# ސުޕްރީމް ކޯޓު

-

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު، މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

THE TRAVELLER AD

ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ހުކުމްކުރީ ދާދި ދެންމެ އަކު އެވެ. ސިނާނުގެ ގޮނޑި ގެއްލުނު ކަމަށް ބުނެ މައްސަލައެއް ހުށަހެޅީ، ސިނާން އާއި އެހެން ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލައިގައި ކުރި ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކި މައްސަލައެއް ފެންމަތިވުމުންނެވެ. އެ މައްސަލައިގައި ހިތަދޫ ކޯޓުން އޮކްޓޯބަރު، 2024، ގައި ހުކުމް ކުރީ ހަ މަހަށް ބަހާލައިގެން 2.5 މިލިއަން ރުފިޔާ ދެއްކުމަށެވެ. އެ ހުކުމް އިއްވީ ސިނާނުގެ ޣައިރު ހާޒިރުގަ އެވެ.

ސިނާނުގެ ވަކީލު ކޯޓުގައި ވިދާޅުވި ގޮތުން ނަމަ، ސިނާނަށް މި ހުކުމެއް އޮތް ކަން އެނގުނީ އެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން އެމްއައިބީން ކޯޓަށް ތަންފީޒީ މައްސަލަ ހުށަހެޅުމުންނެވެ.

ގާނޫނުއަސާސީގައި ވާގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ހުކުމާއި އެއްގޮތަށް ސާބިތު ދަރަނި ދައްކަވަމުން ނުދާނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ އެވެ. އެގޮތުން ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގައި އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުމަކީ މަޖިލިސް މެމްބަރުންގެ ޝަރުތެކެވެ.

ގއ ދާންދޫ ޣާލިބު ސަލީމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ ސިނާންގެ ސާބިތު ދަރަންޏެއް އޮވެ ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ގޮސްފައިނުވާތީ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އެގޮތުން ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ހުސައިން ޝަހީދު، ފަނޑިޔާރު މުޙައްމަދު ސަލީމް އަދި ފަނޑިޔާރު ޑރ މުޙައްމަދު އިބްރާހިމެވެ.

މި މައްސަލާގައި ޙުކުމް އިއްވަވަމުން ފަނޑިޔާރު އައިޝާ ޝުޖޫން ވިދާޅުވީ، ޣައިރު ހާޒިރުގައި ޙުކުމް ކުރުމުގެ އިޖުރާއަތު މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި، މި މައްސަލައިގައި ސިނާނަށް ލިއެކިއުންތައް ރައްދު ކުރުމުން، ދިފާއު ހުށަހަޅަންޖެހޭ މުއްދަތުގައި ދައުވާގެ ދިފާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ އަދި ސިނާންގެ ވަކީލު މައްސަލައިން ތަނާޒުލްވެވަޑައިގެންނެވީވެސް ދިފާއު ހުށަހެޅުމުގެ މުއްދަތުގެ ފަހުންކަން އެނގޭ ކަމަށެވެ.

އެހެންވެ ސާބިތު ދަރަންޏެއް އޮތްތޯ ނުވަތަ ނޫންތޯ އޮތް ސުވާލުގައި ފަނޑިޔާރު ޝުޖޫން ނިންމެވީ އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަން އެނގޭ ކަމަށެވެ. އެހެންކަމުން ދެން ގޮތް ނިންމަން އޮތް ނުކުތާއަކީ އޭނާ ޙުކުމާ އެއްގޮތަށް ފައިސާ ދައްކާފައިވޭތޯ ނުވަތަ ނޫންތޯއެވެ. އެ ނުކުތާގައި ޝުޖޫން ވިދާޅުވީ، ސާބިތު ދަރަނި ނުދައްކާ ޙާލަތުގައި ރަހުނު ތަންފީޒު ކުރުމުގެ ބާރު އެމްއައިބީއަށް ލިބޭކަމަށް ހިތަދޫ ކޯޓުން ނިންމާފައިވާ ނިންމުމުގައި ބަޔާންކޮށްފައިވާ ކަމަށާއި، އެ ޙުކުމް ބާތިލު ކުރުމަށް ސިނާންގެ ފަރާތުން ހުށަހަޅާފައިވެސް ނުވާ ކަމަށެވެ.

މީގެ އިތުރުން، ޙުކުމެއް އޮތްކަން އެނގިވަޑައިނުގަންނަވާކަމަށް ސިނާން ވިދާޅުވި ނަމަވެސް، އޭނާއަށް ޙުކުމް ލިބިފައިވާކަން ވައިބަރ މެދުވެރިކޮށް ބުނެފައިވާކަން އެނގޭ މެސެޖުތައް ހުރިކަމާއި، ޙުކުމާ އެއްގޮތަށް ފައިސާ ދައްކަން އޭނާއަށް ހަނދާންކޮށްދީ އެމްއައިބީން އީމެއިލް މެދުވެރިކޮށް ކޮށްފައިވާ ސިޓީ ހުރިކަންވެސް ޝުޖޫން ފާހަގަ ކުރެއްވިއެވެ.

ޝުޖޫން ވިދާޅުވީ، ޤާނޫނު ނުދަންނަކަމަށް ވިދާޅުވުމަކީ ހުއްޖަތެއް ނޫން ކަމަށާއި، ޙުކުމް ވިދާޅުނުވާކަމަށް ބުނާ ވާހަކައަށް ބުރަދަނެއް ދެވެން ނެތް ކަމަށެވެ.

ޝުޖޫން ވިދާޅުވީ، ވަކި މުއްދަތެއްގައި ވަކި ގޮތަކަށް ދައްކަން އަންގާ ފައިސާއެއްނަމަ ޙުކުމުގައި އެ އިބާރާތަކުން ބަޔާންކުރާނެ ކަމަށާއި، މި މައްސަލައިގައި އޮތް އިބާރާތުގައި އޮތީ 14 އޮކްޓޯބަރު 2024 އިން ފެށިގެން ހަ މަހަށް ބަހައިލުމުން ކޮންމެ މަހަކަށް ޖެހޭ އަދަދު މަދުވެގެން މަހަކު ކޯޓަށް ދެއްކުމަށް ކަމަށެވެ. އަދި އެގޮތަށް ނުދައްކާތީ ދެން ހުށަހެޅުނު ޙުކުމް ތަންފީޒު ކުރުމުގެ މައްސަލަވެސް ކޯޓުން ބަލައިގެންފައިވާ ކަމަށާއި، އެހެންކަމުން ކޯޓުން ޙުކުމް ކުރި ގޮތް އެކަމުންވެސް ސާފުވާކަމަށް ޝުޖޫން ވިދާޅުވިއެވެ.

އެހެންކަމުން ޝުޖޫން ނިންމެވީ މެމްބަރުކަމުގެ ޝަރުތުގައި ހިމެނޭ ދަރަންޏާ ގުޅޭ ޝަރުތު ހަމަނުވާ ކަމަށާއި، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.

ޝުޖޫންގެ އެ ރައުޔަށް މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވި ހުރިހާ ފަނޑިޔާރުންވެސް ތާއީދު ކުރެއްވިއެވެ.

ކޮމެންޓް
ފަހުގެ
HDC