
އައިސްޕްލާންޓްގައި ރޯވެފައި- ފޮޓޯ: މިފްކޯ
ފ.ފީއަލީ ތެޔޮ ޖެޓީގައި އޮތް ތެޔޮ ބޯޓެއްގައި ރޯވި އަލިފާނުގެ ހާދިސާއާ ގުޅިގެން އެރަށުގެ އައިސްޕްލާންޓް ބޭނުންނުކުރެވޭ ވަރަށް އަނދައިފައިވާކަމަށް މިފްކޯ އިން ބުނެފި އެވެ.

މިއަދު ހިނގި މި ހާދިސާއާ ގުޅިގެން މިފްކޯއިން ބުނީ ރޯވި އުޅަނދާއި އައިސްޕްލާންޓާއި ދޭތެރޭ 15 ވަރަކަށް ފޫޓު ހުންނައިރު، އަލިފާނުގެ ހާދިސާގެ ސަބަބުން އައިސްޕްލާންޓް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.
މިފްކޯއިން ބުނީ މި އައިސްޕްލާންޓް މިދިޔަ އަހަރުގެ ޖޫން މަހުގައި އޮޕަރޭޝަނަށް ގެނެސްފައިވާއިރު، މިއީ 25 ޓަނުގެ އައިސް ޕްލާންޓެއް ކަމަށެވެ. އަދި ފެނަކައިން އެތަން މިފްކޯއާ ހަވާލުކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ކަމަށް މިފްކޯއިން ފާހަގަކުރި އެވެ.
އައިސްޕްލާންޓްގައި ރޯވެފައި- ފޮޓޯ: މިފްކޯ
މި ހާދިސާގެ ރިޕޯޓް މިއަދު 09:30 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ނިލަންދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. އަދި މިހާދިސާގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުން ވެސް ވަނީ މި ހާދިސާގައި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައެވެ. މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިއަދު 10:35 ހާއިރުއެވެ.
މި ހާދިސާގައި ތެޔޮ ދޯނީގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހަކު ވަރަށް ބޮޑަށް ފިހިގެން މިހާރު އަންނަނީ ސިއްހީ މަރުކަޒުގައި ފަރުވާދެމުންނެވެ. ތެޔޮ ދޯނީގައި ރޯވި އަލިފާންގަނޑު އިތުރަށް ފެތުރި ތިން ދޯންޏަކާއި އަދި ފީއަލީގެ އައިސްޕްލާންޓު ވަނީ އަނދާފައެވެ.






