
-
އިންޓަރނޭޝަނަލް ރިނިއުވަބަލް އެނާޖީ އެޖެންސީ (އައިރީނާ) ގެ 16 ވަނަ އެސެމްބްލީގެ ކުރިން ބޭއްވުނު "ޕްރީ-އެސެމްބްލީ" ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ހައި-ލެވެލް ޕޮލިޓިކަލް ފޯރަމް (އެޗް.އެލް.ޕީ.އެފް 2026) ގައި، ދެމެހެއްޓެނިވި ތަރައްޤީގެ 7 ވަނަ ލަނޑުދަނޑި (އެސް.ޑީ.ޖީ 7) މުރާޖާކުރުމާ ގުޅޭގޮތުން ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހީމެވެ.
މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ދުނިޔޭގެ ފެންވަރުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު ތިންގުނަ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބާރުއެޅުމެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޠާރިޤް ވަނީ ރާއްޖޭގެ ފަރާތުން ބަޔާނެއް އިއްވަވައި، އެސް.ޑީ.ޖީ 7 ގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، މިދާއިރާއިން ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދޭ އެންމެ މުހިންމު އެއް ސިޔާސަތަކީ ރާއްޖޭގެ ހަކަތައިގެ ނިޒާމު އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމެވެ. މިގޮތުން، ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޠާރިޤް ވަނީ، ތިމާވެއްޓަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށާއި، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބައިނަލްއަޤްވާމީ އެހީތެރިކަމާއި އެއްބާރުލުން މުހިންމުކަން ފާހަގަކުރައްވާފައެވެ.
އައިރީނާގެ މި ބައްދަލުވުމަކީ 2026 ވަނަ އަހަރުގެ އެޗް.އެލް.ޕީ.އެފް އަށް ތައްޔާރުވުމުގެ ގޮތުން، ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ހަކަތައާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމަށް ބޭއްވުނު މުހިންމު މަޝްވަރާއެކެވެ.
ގުޅުންހުރި

އައިރީނާގެ 16 ވަނަ އެސެމްބްލީގައި ރާއްޖެއިން ބައިވެރިވެއްޖެ

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޔޫއޭއީއާއިއެކު މަޝްވަރާކޮށްފި

އަލިފުށީގައި ހައިބްރިޑް ހަކަތަ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި





