
ޕީޖީ އޮފީހުންވެސް ހަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް: ކޮންމެ އަންގާރައަކީ ގޭގައި ތިބެގެން މަސައްކަތްކުރާ ދުވަހެއް!
# ޕީޖީ އޮފީސް-
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔެއަށް ކުރިމަތިވަމުންދާ އިޤްތިޞާދީ މައްސަލަތަކާ ވިދިގެން ދިވެހިރާއްޖެއަށް ކޮށްފާނެ އަސަރުތައް ކުޑަކުރުމަށް ދިވެހި ދައުލަތުން އަޅާފައިވާ ފިޔަވަޅުތަކުގައި ބައިވެރިވުމުގެ ގޮތުން، ޕީޖީ އޮފީހުންވެސް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ދައުލަތުން އަޅާފައިވާ ފިޔަވަޅުތަކުގައި ބައިވެރިވުމުގެ ގޮތުން އެ އޮފީހުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ނިންމެވީ ޕްރޮސިކިއުޓަރ ޖެނެރަލް ކަމަށެވެ.
އެގޮތުން 7 އެޕްރީލް 2026 އިން ފެށިގެން 31 މޭ 2026 ގެ ނިޔަލަށް އަންނަނިވި ބަދަލުތައް ގެނައުމަށް ނިންމުން:
- ކޮންމެ އަންގާރަ ދުވަހަކީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ދުވަހެއް ގޮތުގައި ހަމަޖެއްސުން
- ރަސްމީ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުން
- އޮފީސް ހުޅުވާފައި ހުންނަ ވަގުތު މަދުކުރުމާއި، ކަރަންޓު ބޭނުންކުރުން މަދުކުރުން
- ކަރުދާސް ބޭނުންކުރުން މަދުކުރުން
- އޮފީސް ވެހިކަލް ބޭނުންކުރާ މިންވަރު މަދުކުރުން
މި މުއްދަތުގައި ކޮންމެ އަންގާރަ ދުވަހަކު މި އޮފީހުގެ މުވައްޒަފުން ޢާންމު އުޞޫލެއްގެ ގޮތުން ގޭގައި ތިބެގެން މަސައްކަތްކުރި ނަމަވެސް، ކޮންމެހެން އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ މަސައްކަތްތައް އޮފީހަށް ހާޒިރުވެ ކުރަމުން ގެންދާނެ ކަމަށާއި އަދި ކޯޓު އަޑުއެހުންތަކަށް ގަވާއިދުން ހާޒިވަމުން ގެންދާނެކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައި އެވެ.
އަދި ރަސްމީ ބައްދަލުވުންތަކުގެ ތެރެއިން އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ ބައްދަވުންތަކާއި، އޮންލައިންކޮށް ކުރިއަށްގެންދިއުމުގެ ސަބަބުން ބައްދަލުވުމުން ނެރެވިދާނެ ނަތީޖާއަށް އުނިކަމެއް އައިސްދާނެކަމަށް ބެލެވޭ ބައްދަލުވުންތައް ހާޒިރުވެގެން ކުރިއަށް ގެންދާނެކަންވެސް ހާމަކޮށްފައިވެއެވެ.
އަދި އެ އޮފީހުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަސްތަކުގައިވެސް މެންދުރު 14:00 ގެ ފަހުން ގޭގައި ކުރެވެންހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ބާރުއެޅުމާއި، އޮފީސް ބަންދުކުރާ ގަޑި 18:00 އަށް އަވަސްކުރުމަށް ވެސް ވަނީ ނިންމާފައި އެވެ.
މީގެ އިތުރުން އެ އޮފީހުގެ މަސައްކަތްތައް މުޅިން ޑިޖިޓައިޒްކޮށް ކަރުދާސް ބޭނުންކުރުން ހުއްޓާލުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އެ އޮފީހުން ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމަށް އެ މުއްދަތުގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށްވެސްވަނީ ހަމަޖެހިފައެވެ.
މި ބަދަލުތަކުގެ ސަބަބުން ޕީޖީ އޮފީހުން ޢާންމުންނަށް ނުވަތަ އިދާރާތަކަށްދޭ ޚިދުމަތްތަކަށް އެއްވެސް އުނިކަމެއް ނުވަތަ ލަސްކަމެއް ނާންނާނެ ކަމުގެ ޔަގީންކަމަާއިއެކު މި މުއްދަތުގައިވެސް، އަދި އަބަދުވެސް online.pgo.mv މެދުވެރިކޮށް އެ އޮފީހުގެ ޚިދުމަތްތައް ހޯއްދެވުމަށް އެންމެހައި ރައްޔިތުންނާއި އިދާރާތަކަށް ޕީޖީ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުންހުރި

ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ޝަރުޠުތަކާއެކު ދިރާސާކުރެވޭ ލިޔުންތައް ޕީޖީ އޮފީހުގައި ބެލުމުގެ އިންތިޒާމު ހަމަޖައްސައިފި

އައްމަޓީގެ މައްސަލަ އިސްތިއުނާފުކޮށް، ޕާސްޕޯޓު ހިފަހައްޓައިފި

ސީލައިފް ޚިޔާނާތާ ގުޅިގެން އައްމަޓީގެ މައްޗަށް އުފުލި ދަޢުވާތައް ސާބިތުނުވާ ކަމަށް ހުކުމްކޮށްފި، ޕީޖީން މައްސަލަ އިސްތިއުނާފް ކުރަނީ




